މެއި ހައެއްގައި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް ބަޔަކު ފައިސާ ހަރަދު ކުރިކަން ތަހުގީގަށް ފެންނަން ނެތް ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވެއްޖެއެވެ.

އެ ހަމަލާއާ ބެހޭ އިތުރު ތަފުސީލު ހާމަ ކުރުމަށް ރޭ ބޭއްވި ނިއުސްކޮންފަރެންސްގައި އޭސީޕީ ރިޔާޒު ވިދާޅުވީ، އެފަދަ ހަމަލާ ތަކުގައި ދެގޮތަކަށް ފަންޑު ކުރުން އޮންނަ ކަމަށެވެ.

އެއްގޮތަކީ، ހަމަލާއަށް ފެސިލިޓޭޓް ކުރުމަށްޓަކައި ބޭނުންވާ ކަންކަމަށް ހަރަދު ކުރުން ކަމަށާއި، ދެވަނަ ގޮތަކީ ހަމަލާ ދިނުމުގެ މުގާބިލުގައި ކޮންމެވެސް އެހެން ފަރާތަކުން އެފަރާތަށް ރިވޯޑެއްގެ ގޮތުގައި ފައިސާ ދިނުން ކަމަށެވެ.

ރިޔާޒު ވިދާޅުވީ، މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު އެ ހަމަލާދިން ސައިކަލު 2019 ވަނަ އަހަރު ގަނެފައިވަނީ 18000 ރުފިޔާއަށް ކަން ފާހަގަ ކުރެވޭ ކަމަށާއި، ހުޅުމާލެ ގަރާޖަކުން އެ ސައިކަލު ތައްޔާރު ކުރުމަށް ޓަކައި ސާވިސް ކުރުމަށް ފައިސާ ހަރަދުކޮށްފައިވާ ކަން ފާހަގަވާ ކަމަށެވެ. އޭގެ އިތުރުން ބޮން ހެދުމަށް އެޕާޓްމެންޓެއް ކުއްޔަށް ހިފަން ފައިސާ ހަރަދު ކޮށްފައިވާ ކަމަށާއި، އައިއީޑީއަށް ބޭނުންވާ އެކި އެކި ކޮމްޕޯނެންޓްސް ގަތުމަށް ކުރި ހަރަދު ވެސް އަންދާޒާ ކުރެވިފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި ހިމެނޭ މީހުން ހަމަލާގެ ކަންތަކުގައި އުޅުނު އިރު ދުއްވި ދުއްވުންތަކަށް ހަރަދު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ އޭގެ އިތުރުންވެސް މި ހަމަލާއަށް އެއްވެސް ފަރާތަކުން ފައިސާ ހަރަދު ކޮށްފައިވޭތޯ ބެލުމަށް، އެ މައްސަަލައިގެ ތަހުގީގަށް 317 އަށްވުރެން ގިނަ ބޭންކް ސްޓޭޓްމެންޓްތައް ނަގާފައިވާ ކަމަށާއި، އެހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތަކާ ގުޅުން ހުރި މީހުން ހިމަނައިގެން އެސެޓްސް އެނަލައިޒް ވެސް ކޮށްފައިވާ ކަމަށެވެ.

"އެމީހުންގެ އާއިލާ މީހުންނާއި، ރައްޓެހިންނާއި، ގާތް މީހުންގެ މިހަމަލާގައި އެއްވެސް ސިފައެއްގައި ބައިވެރިވުމެއް އޮތްތޯ ބެލުމަށް ފައިނޭޝަން އެސެސްމެންޓްތައް ހަދަމުން މިދަނީ، އަދި އެމްއެމްއޭގެ އެފްއައިޔޫ ބޭނުންކޮށް ފާއިތުވެދިޔަ ދުވަސްތަކުގައި މިފަދަ ޓެރަރިސްޓް ހަރަކާތަކަށް ފަންޑު ކުރުމުގެ އެއްވެސް ހަރަކާތެއް އެއްވެސް ފަރާތަކުން ހިންގާފައި ވޭތޯ ވެސް އެނަލިސިސްއެއް ހެދިފައިވޭ، ހަމަ އެގޮތަށް ރައީސް ނަޝީދަކީ ފާޅުގައި ކޮރަޕްޝަނާ ދެކޮޅަށް ވާހަކަ ދައްކަވާ، ދީނީ ހަރުކަށި ފިކުރުގެ ވިސްނުމާ ބެހޭ ގޮތުން އަޑު އުފުއްލަވާ ބޭފުޅަކަށް ވާތީވެ މި ބާވަތުގެ ކަންކަމާ ގުޅުން ހުރި ބަޔަކު މިފަދަ ކަމަކަށް ފައިނޭންސް ކޮށްފައި އޮވެދާނެތޯ ބެލުމަށްޓަކައި ބަލަން ޖެހޭ ބެލުންތައްވެސް ތަހުގީގުގައި ބަލަމުން މިއައީ،" ރިޔާޒު ވިދާޅުވިއެވެ.

ނަމަވެސް މިހާތަނަށް ތަހުގީގަށް ހޯދުނު ހޯދުންތަކަށް ބަލާއިރު އެ ހަމަލާއަށް ބަޔަކު ފައިސާ ހަރަދު ކުރިކަމަށް ބަލާނެ އެއްވެސް ސަބަބެއް ފެނިފައި ނުވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"މިއީ ބަޔަކު ހަމަލާ ދިނުމުގެ މުގާބިލުގައި އިނާމެއްގެ ގޮތުގައި ފައިސާ ކަނޑައަޅައިގެން، ފައިސާ ދީގެން ކުރުވާފައި އޮތް ކަމެއް ކަމަށް ބަލާނެ އެއްވެސް ސަބަބެއް ތަހުގީގަށް ފެންނާކަށް ނެތް، ނަމަވެސް މިހަމަލާގެ މޯޓިވްސްއަށް ބަލާއިރުގައި މި ހަމަލާ އަކީ ނަފުރަތާއި އަދާވާތްތެރިކަމާއި ދީނީ ފިކުރުގެ ތަފާތު ކަމުގައި އޮތް ރުޅިވެރިކަމުގެ ތެރެއިން އަމިއްލަ ގޮތުން މިހަމަލާ ދިން މީހުން އެމީހުންގެ އަމިއްލަ މަގުސަދެއް ހާސިލު ކުރުމަށް ދިން ހަމަލާއެއް ކަމަށް ބެލެވޭނެ ހަރުދަނާ ސަބަބުތަކެއް ފެންނަން އެބައޮތް،" ރިޔާޒް ވިދާޅުވި އެވެ.