ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗަކީ ބެންކޮކުގައި ދިރިއުޅޭ ޕާކިސްތާނު މީހަކު ރާއްޖެ ގެނައުމަށް ހަވާލުކުރި އެއްޗެއް ކަމަށް އެތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު ނޭޕާލު ދެ މީހުން ކޯޓުގައި ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނޭޕާލުގެ ފިރިހެނެއް ކަމަށްވާ ނިއްކަ ތަމަންގް 47އ އާއި ނޭޕާލުގެ އަންހެނެއް ކަމަށްވާ އީގްރާނީ ގަލެ 40އ އެވެ.
ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި އެ ތަކެތި ފެނިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ މީހުންގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ފޮރިން ބޮޑީސް ހުރި ކަމަށް ޝައްކުކުރެވިގެން އައިޖީއެމްއެޗަށް ގެންގޮސް ސްކޭން ކުރުމުން ކަމަށެެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި އެ މީހުންގެ ހަށިގަނޑުން 142 ބުލެޓު (1183.8 ގްރާމް) ގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 51.6 ގްރާމް މޯފިން އާއި 424 ގްރާމް ކޮކެއިންގެ އިތުރުން 708.2 ގްރާމް ހެރޮއިންނެވެ.
އެ ދެ މީހުންގެ ބަންދު، އިތުރުކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތަރުޖަމާނަކު ހާޒިރުނުކުރެވުމުން އެކަމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެ މީހުންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އަލީ ޔާމިން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
ކޮމެންޓް