ކޮވިޑުގެ ދަތި ދުވަސްތަކަށް ފަހު ބައްދަލު ކުރި އީދުގެ އުފާ ލިބިގަތުމަށް އެންމެންވެސް ތިބީ ކެތްމަދުވެފަ އެވެ. ގިނަ ރަށްރަށުގައި ކުލަގަދަ އީދެއް ފާހަގަކުރަމުން އަންނައިރު، ރަށް މޮނީޓަރިންގެ ހާލަތަށް ލުމާއެކު އެންމެ ފަހު ވަގުތުގައި ބައެއް ރަށްރަށުގައި އީދުގެ ހަރަކާތްތައް މެދުކަނޑާލަން ޖެހިފައިވެސް އެބަހުއްޓެވެ. އޭގެ ތެރެއިން އެއްރަށަކީ ކޮޅުމަޑުލު ކިނބިދުއެވެ.

ދޮޅުމަސް ދުވަހުގެ ތައްޔާރީއަށް ފަހު އީދު ފާހަގަކުރަން ފޫގަޅައިގެން ތިއްބައި އީދު ދުވަހު އިރުމެދު ނުޖެހެނީސް އެރަށް މޮނީޓަރިންނަށް ލިކަން އެޗްޕީއޭއިން އެންގި އެވެ. އެއާއެކު ކުޅިވަރުތަކުގެ މައިދާނުގައި ތިބި މީހުން ކައުންސިލްގެ ބަސް އަހައި އެވަގުތަށް ގެތަކަށް ވަނެވެ. މޮނީޓަރިންގެ ހާލަތުގައި އޮންނަ ރަށެއްގައި ކުޅިވަރުތައް ކުޅޭނެ ވަކި ހާއްސަ އުސޫލެއް އެޗްޕީއޭއިން ނެރެފައި ނުވާއިރު ފެނިގެން ދިޔައީ ޖެހިގެން އައި ދުވަހު ކިނބިދޫގައި ފޯރިއާއެކު އަނެއްކާވެސް އީދު ކުޅިވަރުތައް ކުޅެމުން ދިޔަ މަންޒަރެވެ. މިއަދުވެސް ކުޅިވަރުތައް ކުޅުމަށް ވަނީ ތާވަލްކޮށްފައެވެ.

އަންހެނުންނާއި ފިރިހެނުންގެ ސަގާފީ ނެށުންތަކާއެކު ކިނބިދޫގެ ބަނދަރު ސަރަހައްދަށް ގިނަ ބަޔަކު އެއްވެ އީދު ފޯރި ނަގާފައިވާއިރު އެންމެ ރަނގަޅު ގޮތުގައި ގައިދުރުކަމެއްވެސް ނެތެވެ. މާސްކް އަޅައިގެން ތިބީ މަދު ބައެކެވެ. މި ހުރިހާ ކަމަކަށް ބެލި ނަމަވެސް ހާމައަށް ފެންނަން އޮތް މަންޒަރަކީ އުސޫލެއްގެ ގޮތުން ކުޅިވަރުތައް ކުޅެވޭނެ ޖާގަ ނެތް ކަމެވެ. އަދި މިއީ ކޮވިޑް ތެރޭގައި އަމަލުތައް ބަހައްޓައިގެން ވާނޭ ގޮތް ނޫން ކަމެވެ.

ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސައިން "ވަން" އަށް ވިދާޅުވި ގޮތުގައި އެރަށުގައި އީދު ކުޅިވަރުތައް އަލުން ފަށާފައިވަނީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިސް ފަރާތަކާއި އެރަށުގެ ޓާސްކް ފޯސްގެ ލަފާގެ މަތީންނެވެ. އެއިން އެއްވެސް ފަރާތަކުން ކުޅިވަރުތައް ކުޅުން ހުއްޓާލަން އަންގައިފިނަމަ އެކަމަށް ތަބާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަލުން އީދު ހަރަކާތްތައް މި ފެށީ އެޗްއީއޯސީގެ އިސް ފަރާތެއްގެ ލަފާގެ މަތީން، އަދި މިރަށުގެ ޓާސްކް ފޯސްގެ ބޭފުޅުންވެސް ވިދާޅެއް ނުވޭ ކުޅިވަރުތައް ކުރިއަށް ނުގެންދާ ކަށެއް. 99 ޕަސަންޓް ރައްޔިތުންވެސް ބޭނުންވަނީ ކުޅިވަރުތައް ކުރިއަށް ގެންދަން." އަލީ ހުސައިން ވިދާޅުވިއެވެ.

މި ކަމުގައި ކިނބިދޫ ކައުސިލުން ގޯސް ކުރަނީ އެހްޕީއޭ އެވެ. އެ ކައުންސިލުން ބުނި ގޮތުގައި އެޗްޕީއޭގެ ގައިޑްލައިންތަކުގެ ދޯހަޅިކަމުން، ގިނަ ކަންކަން އޮޅުން އަރައެވެ. އެގޮތުން ބައެއް ގައިޑްލައިންތަކުގައި ފުށު އެރުންތަކެއް އުޅޭ ކަމަށާއި އެކަންކަން ކައުންސިލަށް ސާފުކޮށްދޭން ޖެހޭ ކަމަށް އެރަށުގެ ކައުންސިލުން ގަބޫލު ކުރެއެވެ.

"އެޗްޕީއޭއިން ވީނޫންތޯ އަޅުގަނޑުމެންނަށް މި ގައިޑްލައިންތަކުގައިވާ ކަންކަންކަން އިތުރަށް ސާފުކޮށްދޭން. ވަރަށް ބޮޑަށް އޮޅުން އަރާފައި އަޅުގަނޑުމެން މި ތިބެނީ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އަސްލު އެންމެ ކޭސްއެއް ޕޮޒިޓިވް ވެގެން ރަށެއް މޮނީޓަރިންނަށް ލާން ޖެހޭނެ ކަމަކަށްވެސް." އަލީ ހުސައިން ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން (ތަހޭ) ވިދާޅުވި ގޮތުގައި މޮނީޓަރިންގައި އޮތް އެއްވެސް ރަށަކަށް ގިނަ މީހުން އެއްވެގެން އީދު ފާހަގަކުރުމުގެ ފުރުސަތެއް ނޯވެއެވެ. އަދި ހުރިހާ ރަށަކަށްވެސް ހުންނާނީ އެއް އުސޫލުތަކެއް ކަމަށް ވިދާޅުވިއެވެ.

"ވަކި ރަށަކަށް ވަކި އުސޫލެއް ނުދޭނެ. މޮނީޓަރިންގެ ގައިޑްލައިންނަށް އެންމެންވެސް އަމަލު ކުރަން ޖެހޭނެ. ފަހަރުގައި މޮނީޓަރިން ލިޔުމުގައި ނުހުރެދާނެ ހުރިހާ ކަމެއް ހިމަނާފައި. ނަމަވެސް އެބަ އޮވޭ ގައިޑްލައިނެއް ނެރެފައި. އޭގައި ހުންނާނެ ކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެއްވުންތައް ނުބޭއްވޭނެ ކަމާއި މިފަދަ ކަންކަން. އަޅުގަނޑުމެން ކޮންމެ ރަށަކަށް ވަކި ވަކިން ގުޅާފަ ކިހިނެއްތޯ ބަލާނީ ގައިޑްލައިނަށް އަމަލު ކުރޭތޯ ނޫންތޯ؟" ތަހޭ ވިދާޅުވިއެވެ.

މޮނިޓަރިންގައި ހުންނަ ރަށްރަށުން އަމަލުކުރާން ޖެހޭ ހާއްސަ ގޮތްތަކެއް ހުރެ އެވެ. އަދި މިހައިތަނަށް ރާއްޖޭގައި ކޮވިޑާ ގުޅިގެން ރަށެއް މޮނިޓަރިންއަށް ލުމުން އެ ރަށްތަކުގެ ކައުންސިލް އަދި ކޮވިޑް ޓާސްކްފޯހުން ވަނީ ހާއްސަ ފިޔަވަޅުތައް އަޅައި މޮނިޓަރިންގެ ފިޔަވަޅުތައް ތަންފީޒު ކޮށްފަ އެވެ. އެއީ އެ ރަށެއްގެ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މި ކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުން ވެސް ވިދާޅުވީ ކުޅިވަރުތައް ހުއްޓުވުން ނުވަތަ ގައިޑްލައިންތަކާ ހިލާފަށް އުޅުން ހުއްޓުވުން އެއީ އެފަރާތުގެ ޒިންމާއެއް ނޫން ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި މޮނީޓަރިންގައި އޮންނަ ރަށެއްގެ ކަންކަމުގައި އެންމެ އިސް ދައުރެއް އަދާކުރަން އޮންނަނީ އެރަށެއްގެ ޓާސްކް ފޯހާއި ކައުންސިލުންނެވެ. ފުލުހުންގެ ދައުރަކީ ހަމައެކަނި ފިޔަވަޅު އެޅުން ކަމަށާއި ނަމަވެސް އެކަންކަން މޮނީޓާ ކުރަން އޮންނަނީ ކައުންސިލްތަކަށް ކަމަށް ވިދާޅުވިއެވެ.

ކިނބިދޫ މޮނީޓަރިންގެ ހާލަތުގައި އޮއްވައި އެރަށުގައި ފޯރިއާއެކު އީދު ކުޅިވަރުތައް ކުޅެމުންދާއިރު ހުއްޓުވާނެ މުއައްސަސާއެއް ނެތެވެ. ފެންނަމުންދަނީ ގައިޑްލައިންތަކަށް ކަމޭ ހިތުމެއްނެތި ކަންކަން ކުރަމުންދާ މަންޒަރެވެ. މުހިންމީ ގައިޑްލައިނެއްވެސް އުސޫލުތަކެއްވެސް ނޫނެވެ. ފަރުދީ ޒިންމާ ނަގައި އެޗްޕީއޭގެ އެންގުންތަކަށް ބޯލެނބުމެވެ. ނޫނީ ފަހުން ނަގާ ރާޅު ބޮޑުވެދާނެއެވެ. ލިބޭ ހިތާމަ މާ ބޮޑު ވެދާނެ އެވެ. ރަށުގެ އެންމެހައި ރައްޔިތުން "ރިސްކް" ގެ ތެރެއަށް ވައްޓާލައިގެން ތިބުމަކީ ކުރެވިގެން ވާނޭ ކަމެއް ނޫނެވެ. ކައުންސިލުން ބޭނުންވިޔަސް އަދި އެހެން ބަޔަކު ބޭނުންވިޔަސް، ހެދިފައިވާ ގަވައިދުތަކާއި ކޮވިޑުގެ އަމުރުތައް މުގުރާލައި މާސްކު އެޅުމެއް، ގައިދުރުކަމެއް ވެސް ނެތި އުޅުމަށް ފުރުސަތު ދީގެން ނުވާނެ އެވެ. އަމުދުން ރަށެއް މޮނިޓަރިންނަށް ލަނީ އެކަމަށް އޮންނަ ސަބަބުތަކެއް މެދުވެރިވެގެން އެ މުޖުތަމެއްގެ މުޅި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާން ކަމަށްވާ އިރު، އެ ފިޔަވަޅު ތަންފީޒު ކުރުމަކީ އެކަމާ މަތިކޮށްފައިވާ މުއައްސަސާތަކުން ކުރާން ޖެހޭނެ ކަމެކެވެ. އަދި ހަމަ އެހެންމެ ކައުންސިލުން އެކަން ނުކޮށްފި ނަމަ ދެން އެކަން ބަލާނެ ބަޔަކު ވެސް ތިބެން ޖެހޭނެ އެވެ. އެކަމަކު މި ފަހަރު މި އޮތީ ބޭނުން ގޮތެކެވެ. އަޅައި ކަހައިލާނެ މުއައްސަސާއެއް ވެސް ނެތީއެވެ! ހުރިހާ މުއައްސަސާއެއްމި ތިބީ ކުޅިބަލާށެވެ.