މިއަހަރު ބަންގްލަދޭޝްގައި ބާއްވަން ތައްޔާރުވަމުން އަންނަ ސާފް ޗެމްޕިއަންޝިޕް އެގައުމުގައި ނުބޭއްވިއްޖެ ނަމަ، ރާއްޖެ އާއި ސްރީލަންކާގައި މުބާރާތް ހޯސްޓް ކުރަން ވިސްނަމުން އަންނަ ކަމަށް އެފްއޭއެމް އިން ބުނެފިއެވެ.
ބަންގްލަދޭޝްގައި މިއަަހަރު ބާއްވަން މަސައްކަތް ކުރަމުން އަންނަ ސާފް ޗެމްޕިއަންޝިޕް އެގައުމުގައި ނުބޭއްވޭނެ ކަމަށް ވަނީ ބެލެވިފައެވެ. އެކަމުގެ މައިގަނޑު ސަބަބުތަކަކީ ކޮވިޑު 19 ގެ ހާލަތާ ގުޅިގެން ބަންގްލަދޭޝްގެ ވިޔަފާރިތަކަށް އައި ހީނަރުކަމުގެ ސަބަބުން ސްޕޮންސާޝިޕަށް ދަތި ވުމެވެ. އެ ވާހަކަތައް ރަސްމީކޮށް ބަންގްލަދޭޝް ފުޓުބޯޅަ ފެޑަރޭޝަނުން އިއުލާންވެސް ކޮށްފައިވާއިރު، އެގައުމުގައި މުބާރާތް ނުބޭއްވިއްޖެ ނަމަ ނޭޕާލުވެސް އޮތީ މުބާރާތް ހޯސްޓް ކުރަން ތައްޔާރަށެވެ.
ރާއްޖެ އާއި ލަންކާ ގުޅިގެން ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ވެސް ހޯސްޓްކޮށްފަ އެވެ. އެއީ ރާއްޖޭން ފުރަތަމަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަހަރެވެ. އެފަހަރު މުބާރާތުގެ ސެމީ އާއި ފައިނަލް މެޗު ރާއްޖެ ކުޅުނީ ލަންކާގައެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އެންމެ ފުރަތަަމަ މިދިޔަ އަހަރު ބާއްވަން ނިންމި މުބާރާތެކެވެ. އެކަމަކު، ކޮވިޑު 19ގެ ނުރައްކާ އިންތިހާ އަށް ބޮޑުވެފައިވާތީ އެ މުބާރާތް މި އަހަރަށް ފަސްކުރަން ނިންމީ އެވެ.
ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ސާފް ބޭއްވުމުގެ ވިސްނުމައިގެން ކުރިއަށް ދިއުމުގައި ސަރުކާރާ މަޝްވަރާ ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުމަކަށް އެބަ އާދޭ ރާއްޖެ އާއި ލަންކާއާ ގުޅިގެން ކީއްވެގެންބާއޭ ނުކުރެވެން ވީ. އެހެންވީމަ އަޅުގަނޑަށް ސީދާ އަޅުގަނޑުމެން ބިޑް ކުރާނެއޭ ނުވަތަ ރާއްޖޭގައި ބާއްވަން މަސައްކަތް ފަށާނެއޭ ދެންނެވޭނީ އަޅުގަނޑު ސަރުކާރާ އެކު މަޝްވަރާ ކުރުމަށްފަހު،" ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމްއިން ބުނެފައިވާ ގޮތުގައި، ލަންކާއާއެކު މަޝްވަރާތައް ކުރެވި، މިހާރު ވަނީ ބިޑަކާ ހަމައަށް ދާން ދެގައުމުގެ މެދުގައިވެސް ބައެއް ކަންކަމަށް އެއްބަސްވެވިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު