މި މަހު މިހާތަނަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ އިއްޔެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓުއަރިޒަމް މިނިސްޓީރް ކޮންމެ ދުވަހަކު އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެ ރާއްޖެ އައިސްފައިވަނީ 4818 ފަތުރުވެރިންނެވެ. މިދިޔަ އާދީއްތަ ދުވަހު އައިސްފައިވަނީ 4614 ފަތުރުވެރިންނެވެ. މި މަހުގެ އެހެނިހެން ދުވަސްތަކުގައި ރާއްޖެ އައި ފަތުރުވެރީންގެ އަދަދު ހުރީ ދެ ހާހާއި ތިން ހާހާ ދެމެދުގަ އެވެ.

ރާއްޖެއަށް މިއަހަރު މިހާތަނަށް ވަނީ 564،228 ފަތުރުވެރިން އައިސްފަ އެވެ. އެއީ މިދިޔަ އަހަރު އެއްކޮށް ރާއްޖެ އައި ފަތުރުވެރިންނަށް ވުރެން ގިނަ އަދަދެކެވެ. މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރި އެކަމުގެ ނުރައްކާ ރާއްޖެއަށް ވެސް ބޮޑުވުމާ އެކު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ވެސް ތިން މަސް ދުވަހު ބާއްވަން ޖެހުނެވެ. މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ ޖުމުލަ 554،494 ފަތުރުވެރިންނެވެ.

ކޮވިޑް ފެތުރެން ފެށުމުގެ ކުރިން 2019 ވަނަ އަހަރުގެ ޖުލައި މަހު އެވަރެޖްކޮށް ދުވާލަކު ހަތަރު ހާސް ފަސްސަތޭކައެއްހައި ފަތުރުވެރީން އައިސްފައިވާއިރު އެ މަހު 132،144 ފަތުރުވެރިން ރާއްޖެ އައެވެ. އެ އަހަރު އެކު ޖުމުލަ ރާއްޖެ އައިސްފައިވަނީ 1،702،887 ފަތުރުވެރިންނެވެ.

އެހެން ކަމުން އަހަރު ދެބައިވީއިރު، މިއަހަރުގެ މިހާތަނަށް މިދިޔަ އަހަރަށް ވުރެ އިތުރަށް ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރަށް އަންދާޒާކޮށްފައިވާ ވަރަށް ފަތުރުވެރިން ރާއްޖެ އަތުވެދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަމާޒު ހިފާފައިވަނީ ދޮޅު މިލިއަނާ ގާތަށް ފަތުރުވެރިން މި އަހަރު ގެނައުމަށެވެ.

އަންނަ އޮގަސްޓު މަހުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި މިއަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި ރާއްޖޭގައި ވެކްސިން ޓޫރިޒަމް ތައާރަފު ކުރެވޭނެ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.