ރާއްޖެއާއި، ޕާކިސްތާނުގެ، ކަރާޗީއާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިސްލާމްއާބާދުގައި ބާއްވާ މޯލްޑިވްސް- ޕާކިސްތާން ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 200 މިލިއަން ޑޮލަރަށް ފުޅާކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް އިތުރުކުރުމަށް ދަތުރުފަތުރު ކުރަން ފަސޭހަ ގޮތްތަކެއް ހަޖަޖެހިފައިވުމަކީ މުހިންމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިން ވަރަށް އަވަހަށް ކަރާޗީ ދަތުރުތައް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވެ، ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސީދާ އަދި ވިޔަފާރީގެ ގޮތުން ފައިދާވާ ގޮތަށް ދަތުރުފަތުރުގެ ގުޅުންތައް ގާއިމް ކުރުމަށް ދެ ގައުމުގެ ޝިޕިން ބަނދަރު އަދި ލޮޖިސްޓިކްސް ކުންފުނިތަކަށް އަޅުގަނޑު ހިތްވަރު ދެން،" ރައީސް ވިދާޅުވިއެވެ.
"ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުމަށާއި ވައިގެ މަގުން ކުރާ ދަތުރުތަކުގެ އަދަދު އިތުރު ކުރުމަށް އެއާލައިންތަކަށާއި އޭވިއޭޝަން އިދާރާތަކަށާއި އަމިއްލަ ވިޔަފާރިތަކަށްވެސް ހިތްވަރު ދެން،"
އެ ފޯރަމުގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު މިހާރު ސީދާ ފުލައިޓު ދަތުރުތައް ނުބާއްވާ ކަމަށެވެ. ނަމަވެސް ވިޔަފާރީގެ ގޮތުން ގުޅުން ބަދަހިކުރުމަށް ސީދާ ދަތުރުތައް ބޭއްވުން މުހިންމުކަމަށް ޝެހްބާޒް ވިދާޅުވިއެވެ.
"އަޅުގަނޑު ވާނީ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަންއަށް އިރުޝާދު ދެއްވާފައި އަވަސް ގޮތަކަށް، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން، ޕީއޭ ނުވަތަ ޕާކިސްތާނުގެ އެހެން އެއާލައިނެއް މެދުވެރިކޮށް، ފަތުރުވެރިންނާއި ވިޔަފާރިވެރިންނާއެކު ފުރަތަމަ ފްލައިޓް ރާއްޖެއަށް ކޮށް، ވިޔަފާރިއާ ގުޅުންހުރި ކަންކަން ކުރުމާއި، އުފާވެރިކަން ހޯދުމަށް". ޝެހްބާޒް ވިދާޅުވިއެވެ.
ޝެހްބާޒް ވިދާޅުވީ، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ޕާކިސްތާންއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރާނެކަމުގެ މައުލޫމާތު ރައީސް މުއިއްޒު ދެއްވާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސިވިލް އެވިއޭޝަން ދާއިރާ ހިމެނޭހެން 20 ދާއިރާއަކުން ގުޅިގެން މަސައްކަތް ކުރުމަށްވަނީ އެމްއޯޔޫތަކެއްގައި ސޮއިކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް