ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމަށް ފައިދާކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ޕާާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދައުވަަތަކަށް ދެ ދުވަހުގެ ނިޔަލަށް އެ ގައުމަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު ބޭއްވި ޖޮއިންޓް ޕްރެސް ބްރީފިންގައެވެ.

ރައީސް ވިދާޅުވީ، ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވިޔަފާރީގެ ގޮތުން ގުޅުން ބަދަހިކުރަން އެއްބަސްވެވިފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަން ކުރިއަރުވަންވެސް އެ ގައުމާއެކު އެއްބަސްވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ޕާކިސްތާނުގައި ބާއްވާ ބިޒްނަސް ފޯރަމްގެ ސަބަބުން އިންވެސްޓަރުން ހޯދުމަށް މަގުފަހިވާނެ ކަމަށެވެ.

"ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ޑައިރެކްޓު ފްލައިޓު ބޭއްވުމުގެ މަޝްވަރާތަކީ މުހިންމު ކަމެއް. އެކަމުގެ ސަބަބުން، ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ދޮރުތަކެއް ހުޅުވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފެށުމުން ހަލާލް ޓޫރިޒަމަށް މަގުފަހިވާނެ ކަމަށެވެ.

ރާއްޖެއިން މިއަދު ވަނީ ޕާކިސްތާނާއެކު 20 އެއްްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުގެ އެއްބަސްވުމެއްވެސް ހިމެނެއެވެ.