މި އަހަރުގެ މިހާތަނަށް 1.7 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 1,716,493 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 3.2 ޕަސެންޓް ދަށް އަދަދެކެވެ.

މިމަހުގެ މިހާތަނަށް 113,472 ރާއްޖެ އައިސްފައިވާ އިރު، އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެދުވަހު 8،621 ފަތުރުވެރިން އިއިސްފައިވެއެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މާކެޓުގެ މަގާމު އަދިވެސް ދަމަހައްޓަމުން އަންނަނީ ޗައިނާއެވެ. ޗައިނާއިން މި އަހަރު ވަނީ ތިން ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ.

އަދި ދެވަނައިގައި އޮތް ރަޝިއާއިން ދެ ލައްކަ މީހުން ޒިޔާރަތްކޮށްފައިވާ އިރު، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީން ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސްހިސާބުގައިވެއެވެ.

ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ބޮޑު ޕަސަންޓެއް ދަތުރުކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށެވެ. އެއީ 1,681,318 ފަތުރުވެރިންނެވެ. މީގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް 5,992 ފަތުރުވެރިން އަދި ސީޕޯޓުތައް މެދުވެރިކޮށް ކަނޑުމަގުން 15,583 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

ފަތުރުވެރިންގެ އެކޮމޮޑޭޝަނަށް ބަލާއިރު، 1,245,732 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަ ކުރި އިރު، މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަކުގައި 366,649 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. އަދި ހޮޓާތަކުގައި 38,053 ފަތުރުވެރިން ވަނީ މަޑުކޮށްފައިވެއެވެ.