އޭއެފްސީ ކަޕް ދެކުނު އޭޝިއާ ޒޯންގެ ގްރޫޕް ޑީގެ މެޗުތައް އަންނަ މަހު ރާއްޖޭގައި ހޯސްޓް ކުރާ ގޮތަށް އޭއެފްސީން ނިންމައިފިއެވެ.

ގްރޫޕް ޑީގެ މެޗުތައް ހޯސްޓް ކުރުމަށް ހުޅުވާލި ފުރުސަތުގެ ފަހު ވަގުތުގައި ދިވެހި ރާއްޖެ އާއި ބަންގްލަދޭޝްއިންވެސް ބިޑް ކޮށްފައިވެ އެވެ. މީގެ ކުރިން ދެފަހަރުވެސް ގްރޫޕް ޑީގެ މެޗުތަައް ހޯސްޓް ކުރުމަށް ރާއްޖެއިން ބިޑް ކާމިޔާބު ކޮށްފައިވާއިރު، ކުރިން ދެފަހަރުވެސް މުބާރާތުގެ މެޗުތައް ކުޅެވޭނެ ގޮތެއް ނުވިއެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތައްވެސް ސެންޓްރަލައިޒްކޮށް ކުޅުމަށް ނިންމައި އޭއެފްސީން ބިޑަށް ހުޅުވާލައިފައިވެއެވެ. އެ ފަހަރުވެސް ގްރޫޕް ޑީގެ މެޗުތައް ހޯސްޓް ކުރުމަށް ރާއްޖެއިން ބިޑް ކާމިޔާބު ކޮށްފައިވާއިރު، ކޮވިޑު 19 ގެ ހާލަތަށް ބަލައި، އޭއެފްސީން ވަނީ މުބާރާތް ކެންސަލް ކޮށްފައެވެ. މިއަހަރުގެ މެޗުތައްވެސް ފުރަތަމަ ހޯސްޓް ކުރަން ރާއްޖެއިން ބިޑް ކާމިޔާބުކުރި އެވެ. އިންޑިއާއާ ވާދަކޮށް އެ ފަަހަރު ބިޑް ކާމިޔާބުކުރީ މިދިޔަ މެއި މަހު މެޗުތައް ކުޅޭ ގޮތަށެވެ.

އެކަމަކު، އެ މެޗުތަކަށް ރާއްޖެ އައި އިންޑިއާގެ ބެންގަލޫރު އެފްސީ ރާއްޖެ އައިސް ޕްރޮަޓޮކޯލާ ހިލާފުވުމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެންގެވީ މެޗުތައް އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ. އެހެންވެ، އޭރު މެޗުތައް ނުބޭއްވި ޖެހުނީ ފަސްކުރާށެވެ. އެފަހަރު މެޗުތައް ފަހު ވަގުތު ކެންސަލްކުރަން ޖެހުމުން އޭއެފްސީ ޑިސިޕްލިނަރީ ކޮމިޓީން ރާއްޖޭގެ މައްސަލައެއް ބަލާފައިވެއެވެ. އެހެންނަމަވެސް ރާއްޖެއަށްވެސް، އަދި ބެންގަލޫރު އެފްސީއަށްވެސް އަދި އެކަމުގެ ސަބަބުން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އޭއެފްސީ ކަޕްގެ ތާވަލު ރޭވިފައި އޮތްގޮތުން އެންމެ ފުރަތަމަ އަންނަ މަހުގެ 15 ވަނަ ދުވަހު ކުޅޭނީ ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު ކުޅޭ ޕްލޭއޮފް މެޗެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނެ އެވެ.

ގްރޫޕް ސްޓޭޖުގައި އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ. މި ގްރޫޕްގެ މެޗުތައް ކުރިއަށްދާނީ އަންނަ މަހު 18، 21 އަދި 24 ވަނަ ދުވަހު އެވެ.