ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިންތަކާ ހިލާފުވުމުން އިތުރު ގެސްޓްހައުސެއް ސަސްޕެންޑްކޮށްފިއެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިންގެ ކަންކަން މޮނީޓާ ކުރުމަށް މިހާރު ކުރިއަށްގެންދާ އިންސްޕެކްޝަންގެ ތެރެއިން ގައިޑްލައިންތަކާ ހިލާފުވުމުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިންގާ ތިން ގެސްޓްހައުސްއެއްގެ ލައިސަންސް އިއްޔެ ވަނީ ސަސްޕެންޑްކޮށްފައެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީއަކީ އޯގާތެރި މިނިސްޓްރީއެއް ކަމަށާއި ނަމަވެސް ގައިޑްލައިންތަކާ ހިލާފުވާނަމަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.
"މިއަދު އަނެއްކާ އަޅުގަނޑުމެންނަށް ޓީމުން މައުލޫމާތު ދެއްވާ އިތުރު ގެސްޓްހައުސެއްގެ ލައިސަންސް ހިފަހައްޓަން ޖެހިފައިވާ ކަމަށް. ވަރަށް ދެރަކަމެއް. އެހެންނަމަވެސް މި ކަންތައްތައް ކުރަން ޖެހޭތީ މިކުރަނީ،" މައުސޫމް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ހަތަރު ގެސްޓްހައުސެއް ސަސްޕެންޑްކޮށްފައި މިވަނީ، ސައްހަ ނޫން ސަފާރީ ބުކިން ދެއްކުމަށްފަހު ރާއްޖެ އެތެރެވެ، ޓްރާންސިޓް ފަތުރުވެރިންގެ ގޮތުގައި ދެކުނު އޭޝިއާގެ ފަތުރުވެރިން ގެސްޓުހައުސްތަކަށް ދާތީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެންބީއޭއެމް އިން ބުނީ، ސައްހަ ނޫން ސަފާރީ ބުކިން ދެއްކުމަށް ފަހު ދެކުނު އޭޝިއާގެ ބައެއް ފަތުރިވެރިން ރާއްޖެ އެތެރެވެފައިވާ ކަމަށެވެ.
ކޮވިޑާ ގުޅިގެން މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރީންނަށް ޓޫރިސްޓް ވިސާ ދިނުން ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ. އެއަށްފަހު އެ ނިންމުން ބަދަލުކޮށް، ސައުތު އޭޝިއާގެ ފަތުރުވެރިންނަށް މިމަހުގެ 15 އިން ފެށިގެން ވަކި އުސޫލެއްގެ ދަށުން ރާއްޖެއަށް އާދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސި ނަމަވެސް، ވަކި ގޮތެއް ކަނޑައަޅަންދެން މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިންއެއް ނުވެވޭނެއެވެ.
އެހެންނަމަވެސް މާލޭގައި ފަތުރުވެރިން ފުރުމަށްޓަކައި ޓްރާންސިޓްކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓްހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާ ވާނެއެވެ. އަދި، ސައުތު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިން ކުރުމަށް ހުޅުވާލުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅައި އެކަން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އަންގާނެ ކަމަށް މީގެ ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު