ދީނީގޮތުން ހަރުކަށި ފިކުރު ރާއްޖެއިން ނައްތާލުމަށްޓަކައި ހުރިހާ ސިޔާސީ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް "ވަން" އަށް މިއަދު ވިދާޅުވީ ރާއްޖޭގައި ދީނީގޮތުން ހަރުކަށި ފިކުރުގެ މީހުން ތިބި ކަމާއި އެފަދަ ފަރާތްތަކަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.
"ރާއްޖޭގައި ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ފަރާތްތަކެއް އެބައުޅޭ. ދީނީގޮތުން ހަރުކަށި މީހުންގެ ސަބަބުން މުޖުތަމައަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވޭ. މިފިކުރު ރާއްޖެއިން ނައްތާލުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކާއި އަދި ސިޔާސީ އެންމެހައި ފަރާތްތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ،" ޑރ. ޝަހީމް ވިދާޅުވި އެވެ.
ހަރުކަށި ފިކުރު ނައްތާލަން މަސައްކަތްކުރާއިރު، އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނާ މެދު ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ވަނީ ދީނީގޮތުން ހަރުކަށި ފިކުރުގެ ބައެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ސަބަބާ ހުރެ ދީނީ ބައެއް އިލްމުވެރިންނާ އެ ހަމަލައާ ގުޅުމެއްވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން ޑރ. ޝަހީމް ވިދާޅުވީ ހަރުކަށި ފިކުރުގައި ހިމެނޭ ބަޔަކު ކަމެއް ކުރުމަކީ ދީނީ އިލްމުވެރިންގެ ބޮލުގައި އެކަމެއް އަޅުވަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. ސާބިތު ނުހިފޭ ވާހަކަތައް ފެތުރުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގަށް ޖާގަ ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ފަހަތުގައި ތިބި ހުރިހާ އެންމެން ހޯދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަން ނުކުރެވުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.
ރާއްޖޭގެ ސަލާމަތީ ބާރުތަކުގައި ހުރި ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން އެކަމުގެ އަޑީގައި ތިބި މީހުން ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވި އެވެ.
"އެއީ ދީނީބަޔަކު އަޑީގައި ތިބެގެން ހިންގި ކަމެއްގެ ގޮތުގައި މިހާތަނަށް މި ވާހަކަ މިދެކެވެނީ. އެއީ ތަހުގީގުތަކުން ރަނގަޅަށް ސާބިތުވާން ޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. ވަރަށް ގިނަ ކަންތައްތަކެއް ދީނީ މީހުންނާއި ދީނީ މުއައްސަސާތަކުގެ މައްޗަށް ވެސް އެބައާދޭ. ރަނގަޅަށް ތިބި ދީނީ މީހުން ވެސް މިކަމުގައި އެބަ ބަދުނާމު ވޭ. އެކިމީހުންނާ ދިމާލަށް މީހުން ބަސްބުނެ، އެކި ކަންތައްތައް މެދުވެރި އެބަވޭ. އެހެންވީމަ މިކަންކަމާ ބެހޭ ގޮތުން ރަނގަޅު ގޮތް ހާމަވެގެންދާނީ އަޅުގަނޑު ދެކޭ ގޮތުގައި ތަހުގީގުތަކުން އޭގެ ހަގީގަތާ ހަމައަށް ވާސިލު ވެގެން. އަދި ތަހުގީގު ހިނގަމުން ދަނިކޮށް މީހުންގެ ބޮލުގައި އެކަމުގެ ބަދުނާމު އެޅުވުމަކީ އެއީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫން،" ޑރ. ޝަހީމް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށާއި އެންމެ ފުނަށް ގޮސްގެން އެކަމުގެ ހަގީގަތް ހޯދަން ޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު