އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، އެމްޑީޕީއަށް މިހާރު އާ އިއްތިހާދެއް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މީގެކުޑަ އިރު ކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައެވެ.

އެމަނިކުފާނުގެ ހަމައެކަނި ވިސްނުންފުޅަކީ ރާއްޖެ ސަލާމަތް ކުރުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީއަށް މިހާރު އާ އިއްތިހާދެއް ބޭނުންވާއިރު، އެ އިއްތިހާދަކީ އިންޑިއާ އައުޓް ނުގޮވައި، ނަފްރަތުގެ ބިލަށް ތާއީދު ކުރާ، މިޔުޒިކު ހަރާމް ނުކުރާ، އަދި ކީރިތި ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް ކަމަށެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް އާއި އެމްޑީޕީގެ ގިނަ މީހުން ތިބޭނީ އެގޮތަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، "ރާއްޖެ އަފްޣާނިސްތާނުގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެ،" ކަމަށެވެ.

ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ރާއްޖޭގައި އުޅޭ ދީނީ ހަރުކަށި ފިކުރުގެ މީހުންނަށް ނިސްބަތް ކުރައްވައެވެ. މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު ފާސް ނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލާފައިވާތީއެވެ.

ހަރުކަށި ފިކުރުގެ މީހުން ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި އުޅޭ ކަމަށް މީގެ ކުރިންވެސް ތަކުރާރުކޮށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެންމެ ފަހުން އިއްޔެ އެމަނިކުފާނު ވަނީ އެމްޑީޕީ ތެރޭގައިވެސް ހަރުކަށި ފިކުރަށް ތައީދު ކުރާ މީހުން އުޅޭ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު އިއްޔެ ވިދާޅުވީ އެމްޑީޕީ މެންބަރުން ހިތްހަމަ ނުޖެހުނު ނަމަވެސް، ދީނީ މެދުމިނަށް ތާއީދު ކުރާ ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.

އެކަން ފާހަގަ ކުރައްވައި އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް އިއްޔެ ފޮނުއްވި މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ ދުވަހަކު ވެރިކަން ނުލިބުނު ނަމަވެސް މިހާރު މިއޮތް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއެކު ހުންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި މިހާރު ބޭނުންފުޅުވެވަޑައިގަންނަވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތު ގެންގުޅޭ ކޯލިޝަނަކާއެކު މަސައްކަތް ކުރެއްވުމަށް ކަމަށާއި އެއީ ޕީޕީއެމް ކަމުގައި ވިޔަސް އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، މެއި ހަވަނަ ދުވަހު ހަރުކަށި ފިކުރުގެ ބަޔަކު އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓް ދިރާސާކޮށް، އެ ރިޕޯޓުގައި އިސްލާހުކުރަން ހުރި ކަންކަމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައިފައެވެ.