ދިރާގަކީ ސަރުކާރުގެ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ކުންފުންޏެއްގެ ގޮތުގައި އޮތީ އެ ކުންފުނި ޕްރައިވެޓައިޒް ކޮށްފައިވާތީކަމަށް ވިދާޅުވެ، އަލުން އެ ކުންފުނީގެ ހިއްސާ ގަތުމަށް ސަރުކާރުން ކުރާ މަސައްކަތަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ފާޑުވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ދިރާގަކީ ދައުލަތުގެ މުހިންމު ހަރުމުދަލެއް ކަމަށާއި، ހިއްސާ ބޮޑުކުރުމަކީ ރައްޔިތުންގެ ލާބައަށްޓަކައި އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މުހިންމު އެއް ކަމަކީ ދިރާގުގެ ޝެއާ ސަރުކާރުގެ ޕަސެންޓޭޖް 51 އިންސައްތައަށް ބޮޑުކުރުން. އެނގިވަޑައިގަންނަވާނެ ފަދައިން، ދިރާގަކީ ސަރުކާރުގެ މެޖޯރިޓީ ޝެއާ އޮއްވައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ދިރާގު ޝެއާ ވަނީ ވިއްކާލާފައި. ސަރުކާރުގެ ރައްޔިތުންގެ ވަރަށް ބޮޑު ހަރުމުދަލެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިރާގުގެ ޝެއާ 51 އިންސައްތައަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި، ރާއްޖޭގެ އިގުތިސޯދު ފުޅާކުރުމަށްޓަކައި އަދި ރާއްޖޭގެ އިގުތިސާދު އިތުރަށް ކުރިއަށް ގެންދިއުމުގައި ކޮންމެހެން ކުރަން ޖެހޭކަމެއް،" ރައީސް ވިދާޅުވިއެވެ.
އެ ވާހަކަތަކައް ފާޑު ވިދާޅުވެ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކީ ސިޔާސީ ވަސީލަތްތަކަކަށް ބަދަލުވެފައިވާ ތަންތަން ކަމަށެވެ.
"ދިރާގަކީ ސިޔާސީ ނުފޫޒާއި ބާރުވެރިކަން ނުފޯރާ ރައްޔިތުންގެ ހަމައެކަނި ކުންފުނި. ސަބަބަކީ އެ ކުންފުނި ޕްރައިވަޓައިޒް ކޮށްފައިވުމާއި ސަރުކާރުގެ މެޖޯރިޓީ ނެތުމުން. ރާއްޖޭގައި ހިންގާ ސަރުކާރު ހިއްސާ ކުންފުނިތަކުން ފައިދާވެ އަދި ސިޔާސީ ބޭނުމަށް އޮތް ވަސީލަތެއްގެ ގޮތުގައި ނެތީ ދިރާގު. ދިރާގުގެ އިތުރު ހިއްސާ މި ވަގުތު ސަރުކާރަށް ގަތުމަކީ ބޭކާރު ހަރަދެއް" ނަޝީދު ވިދާޅުވިއެވެ.
ދިރާގު ވުޖޫދުވީ ސަރުކާރުގެ 55 ޕަސެންޓް އަދި އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔާލެސްގެ 45 ޕަސެންޓް ހިއްސާއާ އެކުގައެވެ. ނަމަވެސް، 2009 ވަނަ އަހަރު ނަޝީދުގެ ވެރިކަމުގައި ވަނީ ދައުލަތުގެ ހިއްސާއިން ހަތް ޕަސެންޓު، 40 މިލިއަން ޑޮލަރަށް ކޭބަލް އެންޑް ވަޔާލެސްއަށް ވިއްކާލައި ސަރުކާރުގެ ހިއްސާ 48 ޕަސެންޓަށް ތިރިކޮށްފައެވެ.
އޭގެ ފަހުން 2011 ގައި އިތުރު 6.2 ޕަސެންޓުގެ ހިއްސާ އާންމުންނަށް ވިއްކައި، އެ ކުންފުނި ވަނީ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށްފައެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް