ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ރައީސް އިބޫ ސޯލިހުގެ ހުރިހާ ފޯކަސްއެއް ހުރީ ވައުދުތައް ފުއްދުމަށް: މައުސޫމް

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހުރިހާ ފޯކަސްއެއް ހުރީ އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގެ ވައުދު ފުއްދެވުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމު މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކައިރުވަމުން އަންނައިރު، ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތައް ފާހަގަ ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އިތުރު ސިޔާސީ ޕާޓީތައް އުފައްދައި އެ ޕާޓީތަކުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ނެރޭނެ ކަަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާތީ، އެކަމަށް މިސާލު ޖައްސަވައި ޑރ. މައުސޫމު ވިދާޅުވީ، "ރިޔާސީ އިންތިހާބު ބާއްވަން 2 އަހަރާ 2 މަސް، ރިޔާސީ ކެންޑިޑޭޓުން މިހާ އަވަހަށް، ބައިބަހައި، ބޯކޮށް ތިލަވާން ފެށުމަކީ 2023ގެ ރިޔާސީ އީދުގެ ފޯރީގެ ކޮޅުމަތި،" ކަމަށެވެ.

ނަމަވެސް ޑިމޮކުރަސީ ދޮންވެ ފައްކާވުމުން ރިޔާސީ އީދުގައި ރައްޔިތުން އަތްޖަހާނީ މީހާއަށް ނޫން، ކަމަށާއި މެނިފެސްޓޯއަށް ކަމަށްވެސް ޑރ. މައުސޫމު ވިދާޅުވިއެވެ.

މައުސޫމު މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި، ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ރިޔާޒު ވަނީ އެ ބޭފުޅުން މީގެކުރިން ތިއްބެވި ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ކެބިނެޓުގައި މަސައްކަތް ކުރެއްވި، އަބްދުﷲ ކަމާލުއްދީން ވެސް ވަނީ ރައީސް ޔާމީން އުފެއްދެވި ސިޔާސީ ޕާޓީ އެމްއާރުއެމް އިން ވަކިވެ ވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ.

ނާޒިމް އާއި އަބުދުﷲ ކަމާލުއްދީންވެސް ވިދާޅުވީ، އެ ބޭފުޅުން އުފައްދާ ޕާޓީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ނެރުއްވާނެ ކަމަށެވެ.

އެކަންތައްތަކާއި، ސިޔާސީ ގޮތުން އަމިއްލަ ޕާޓީގެ ތެެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިމަތިވެވަޑައިގަންނަވާ ކަންތައްތައް ފާހަގަ ކުރައްވައި، ޑރ. މައުސޫމު ވިދާޅުވީ، ރައީސް އިބޫ ސޯލިހުގެ ހުރިހާ ފޯކަސްއެއް، އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގެ ވައުދުފުއްދަން ހުރުމުން އެމަނިކުފާނަކީ ޑިމޮކުރަސީ ރަނގަޅަށް ފަހުމުވެވަޑައިގަންނަވާ އަދި ޑިމޮކްރަސީއާ ރައްޓެހި ލީޑަރެއްކަން ދޭހަވާ ކަމަށެވެ.