ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައި ހުރި 17 ޓްރާންސްފޯމަރަށް ސްޓެލްކޯ އިން ކަރަންޓް ގުޅާލައިފި އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު 'ވަން' އަށް މިއަދު ވިދާޅުވީ، ހުޅުމާލޭ ފޭސް ދޭއްގެ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެނަޖައިޒް ކުރެވި، މިހާރު ވަނީ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތައް ލައިވް ކުރެވިފައި ކަމަށެވެ.
"ޓްރާންސްފޯމަރުތައް ކޮންޓްރެކްޓަރުން ހުރީ ބަހައްޓާފައި. ސްޓެލްކޯ އިން އެ ޓްރާންސްފޯމަރުތަކަށް ކަރަންޓް މި ގުޅާލީ. ދެން އޮތީ ޓްރާންސްފޯމަރުތަކުން ފެލެޓްތަކަށް ކޭބަލް ގުޅުން. އެ މަސައްކަތް ކުރާނީ ކޮންޓްރެކްޓަރުން،" ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ހިޔާގެ ކޮންމެ ފްލެޓަކަށް ސްޓެލްކޯއިން ޓްރާންސްފޯމަރެއް ބަހައްޓާފައިވާއިރު އިތުރަށް އެއް ޓްރާންސްފޯމަރު ބަހައްޓާފައިވެ އެވެ. ޓްރާންސްފޯމަރުން ކޮންމެ ޓަވަރަކުން 10 ވަރަކަށް ކޭބަލް އެޅުމަށް ހަމަޖެހިފައިވާއިރު ޖުމުލަ 188 ކޭބަލް އަޅަން ޖެހޭނެ އެވެ. އެއަށްފަހު ޓަވަރުތަކުގައި ހުރި ފްލެޓްތަކަށް ކަރަންޓް ލިބިގެން ދާނެ އެވެ.
ހިޔާ ފްލެޓުތަކަށް ކަރަންޓު ލުމަށް އެންމެ ފުރަތަމަ ހަވާލުކޮށްފައި އޮތީ ޗައިނާގެ ކުންފުންޏަކާ އެވެ. އެ ކުންފުނިން ޓްރާންސްފޯމަރުތައް ރާއްޖެ ގެނެސްފައި ހުރި ނަމަވެސް ފްލެޓުތަކަށް ކަރަންޓު ގެންދިއުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެއީ އެހެން ބަޔަކު މެދުވެރިކޮށް ޓްރާންސްފޯމަރުތައް ގުޅައިފި ނަމަ އޭގެ ވޮރެންޓީ ގެއްލޭނެތީ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު