ގާސިމް އިބްރާހިމް

ނާޒިމް އާއި ރިޔާޒް އަށް ގާސިމްގެ ފިނި ރައްދެއް: ސިޔާސީ މީހުން ޕާޓީތަކުން ކެނޑުމާއި އައުމަކީ އާދައިގެ ކަމެއް

1

ސިޔާސީ މީހުން ޕާޓީތަކުން ކެނޑުމާއި އައުމަކީ އާދައިގެ ކަމެއް ކަމަށާއި އެހެން ނަމަވެސް އެ ގޮތަށް ރައްޔިތުން ވަކި ގޮތަކަށް އިތުބާރުކޮށް ހޮވާފައި ތިބޭ މީހުން ވިސްނުން ބަދަލުކޮށް ދިއުމަކީ އެ މީހުން ހޮވި އާންމު މެންބަރުންނަށް ނުވަތަ އެ ޕާޓީއެއްގެ އާންމު މެންބަރުންނަށް ދެވޭ ދެރައެއް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ، އެ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އިސްވެ ތިއްބަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައި ވާތީ، އެކަމާ ގުޅޭ ގޮތުން "ވަން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މި ދެބޭފުޅުންގެ ތެރެއިން އަބްދުﷲ ރިޔާޒް ވަނީ ޖުމުހޫރީ ޕާޓީން އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ.

ގާސިމް ވިދާޅުވީ ސިޔާސީ ބޭފުޅުން އެއް ތަނުން އަނެއް ތަނަށް އެއް ޕާޓީން އަނެއް ޕާޓީއަށް ދިއުން އެއީ ރާއްޖޭގައި އާ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ޖުމުހޫރީ ޕާޓީގެ މަސައްކަތްތަކަށް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި އެހެން އެ ދާ މީހުންގެ ކަންކަން ފަހުން ވާ ގޮތް ވެސް ރައްޔިތުންނަށް ފެނިފައިވާނެ ކަމަށް ގާސިމް ފާހަގަ ކުރެއްވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ޖޭޕީގެ ޓިކެޓުގައި ހޮވިފައި ތިބި ބަޔަކަށް ރައްޔިތުން ވޯޓު ދީފައި އެވަނީ އިތުބާރަކާ އެކު ކަމަށާއި އެ ކެންޑިޑޭޓުން ދެއްވި ކޮމިޓްމެންޓަކަށް ވެސް ބަލައިގެން ކަމަށެވެ. އެހެން ކަމުން އެ ދެއްވި ކޮމިޓްމެންޓް ފުރިހަމަ ނުކުރެވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށާއި އެގޮތަށް ކަންކަން ނުކުރެއްވުމަށް ޕާޓީގައި ތިއްބެވި އެހެން ބޭފުޅުންނަށް އިލްތިމާސް ކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ހަމަ ގައިމުވެސް ޕާޓީއެއްގެ ޓިކެޓުގައި، އެ ގޮތަށް ރައްޔިތުން އަޅުގަނޑު ހޮވާފަ ހުރި ނަމަ ރައްޔިތުން އެ ހަވާލު ކުރި ޒިންމާ އަމާނާތްތެރިކަމާ އެކު އަދާކޮށް އެ ފަސް އަހަރު އެ ގޮތުގައި އަޅުގަނޑު ދެމިހުންނާނަން. އެކަމަކު އެބަޔަކު ކަންތައް ކުރާނެ ގޮތެއް އެނގޭނީ އެބަޔަކަށްތާ ދެއްތޯ! އެކަމަކު އެއީ އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް ނޫން. އަދި މިއީ އަޅުގަނޑުމެންނަށް އާ ކަމެއް ވެސް ނޫން." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ޖުމުހޫރީ ޕާޓީން މި ވަގުތު ސިޔާސީ މަސައްކަތް އެންމެ ބާރު ސްޕީޑުގައި ކުރިޔަށް ނުގެންގޮސް މަޑުކޮށްލައިގެން ތިބީ މިއީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށެވެ. އެ ގޮތުން މި ހާލަތުގައި ސިޔާސީ މަސައްކަތްތައް ފަށައިގަނެ ވެރިކަމައިގެން އުޅެގަތުމުން ގައުމު ހަލަބޮލިވެ ގައުމަށް އިތުރު ނިކަމެތިކަން ލިބި ރައްޔިތުން ބިކަވެގެން ދާނީ ކަމަށް ވިދާޅުވި އެވެ. މި ވަގުތަކީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް އެއްބާރުލުން ދީގެން، ގައުމު ހަމަޔަކަށް އަޅުވަން ޖެހޭ ވަގުތު ކަމަށާއި ޖޭޕީން އަބަދުވެސް މަސައްކަތް ކުރަނީ ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.

ކާނަލް ނާޒިމް އާއި އަބްދުﷲ ރިޔާޒް އިސްވެ ތިއްބަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވާކަން ރަސްމީކޮށް އިއުލާނު ކޮށްފައިވާ އިރު، ވަން އަށް ދެއްވި އިންޓަވިއުއެއްގައި ނާޒިމް ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެންޑިޑޭޓަކު ވެސް ނެރޭނެ ކަމަށް ވިދާޅުވެފަ އެވެ.