ކުރީގެ ޑިފެންސް މިނިސްޓަރު، އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ވަނީ ނިންމަވައިފައެވެ.
ނާޒިމް ވަނީ އެކަން "ވަން އޮންލައިން" އަށް މިއަދު ކަށަވަރު ކޮށްދެއްވައިފައެވެ.
ނަަމަވެސް އެ ޕާޓީގެ ނަމާއި ޕާޓީއާ ގުޅިވަޑައިގަންނަވާ މަޖިލިސް މެންބަރުންނާ ބެހޭ މައުލޫމާތު އަދި ހާމަ ކުރައްވާފައެއް ނުވެއެވެ.
ބައެއް މީޑިއާތަކުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އަމިއްލަ މެންބަރުންގެ ގޮތުގައި ތިއްބެވި، ބައެއް މެންބަރުން ނާޒިމް ހައްދަވާ ޕާޓީއާ ގުޅިވަޑައިގެންނެވުމަށް ނިންމަވާފައިވާ ކަމަށެވެ.
މަޖިލީހުގައި މިވަގުތު ތިއްބެވި އަމިއްލަ ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރަކު ވަނީ އެކަމާބެހޭ މައުލޫމާތު "ވަން އޮންލައިން" އާ ހިއްސާ ކުރައްވައިފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ ވިދާޅުވީ، ނާޒިމް ހައްދަވާ ޕާޓީން ފަހަރެއްގައި ފެނިދާނެ ކަމަށެވެ. ނަމަވެސް އެއީ އެ ޕާޓީ އުފެއްދުމުގައި މުއައްސިސެއްގެ ގޮތުގައި އުޅުއްމުގެ ފުރުސަތު ލިބިގެން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، މިހާރު އޮތް އެއްވެސް ސިޔާސީޕާޓީއަކާ ގުޅިވަޑައިނުގަންނަވާނެ ކަމަށެވެ. އެއީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދެއް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ޕާޓީއެއް ނުހައްދަވާނެ ކަމަށް ރައްޔިތުން ގާތު ވައުދުވެވަޑައިގެންފައި ނުވާނެ ކަމަށާއި، އެހެންކަމުން ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތުގެ ތެރެއިން ޕާޓީއަކަށް ސޮއިކުރައްވައިފާނެ ކަމަށްވެސް ވިދާޅުވިއެވެ. ނާޒިމުގެ ޕާޓީވެސް އެކަމުގައި އޭނާ ބައިވެރިވެވަޑައިނުގެން އުފައްދައިފިނަމަ ގުޅިވަޑައިނުގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"ހަމަ ޔަގީނުންވެސް މިހާރު އޮތް ޕާޓީއަކުން އަޅުގަނޑެއް ނުފެންނާނެ، އެއީ ދޭ ޔަގީންކަމެއް، އެއީ ރައްޔިތުން ގާތު އަޅުގަނޑު ވީ ވައުދެއް، މިހާރު އޮތް އެއްވެސް ސިޔާސީ ޕާޓީއަކަށް އަޅުގަނޑު ނުދާނެ ވާހަކަ، އެކަމަކު އަޅުގަނޑު ވައުދެއް ނުވަން ޕާޓީއެއް ނަހަދާނަމެކޭ، އެ ޕާޓީއަށް ވެސް، ޕާޓީ ހެދުމަށްފަހަކު ނުދާނަން، ޕާޓީ ހެދުމުގައި އުޅެފާނަން މުއައްސިސަކަށް ވެެގެން، ނާޒިމަކީ ބަލައިގަނެވޭ ރަނގަޅު މީހެއް،" ނަޝީދު ވިދާޅުވިއެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމު "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، އެއްވެސް ޕާޓީއަކާ ގުޅީވަޑައިގަތުމަށް އަދި ނުނިންމަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ހޮވި ވަޑައިގެންނެވީ އަމިއްލަ މެންބަރެއްގެ ގޮތުގައި ކަމަށާއި، މަޖިލިސް މެންބަރެއްގެ ގޮތުގައި ދެމިހުރުމުގެ ވިސްނުން ހުރީ ހަމަ އެގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
"ނާޒިމަކީ ވަރަށް ގާތްކޮށް އުޅުއްވާ ބޭފުޅެއް ޕާޓީއެއް އުޅޭކަން އެނގޭ އެހެން ނަމަވެސް އަޅުގަނޑު އަމިއްލަ ގޮތުން ރައްޔިތުން ހޮވާފަ މިހިރީ އެހެންވީމާ އެގޮތުގައި މަޑުކޮށްލަން އަދި ވިސްނުން ހުރީ،" ނަސީމު ވިދާޅުވިއެވެ.
ގއ. ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވީ، ވިސްނުން ހުރީ ރައްޔިތުން ހޮވި ގޮތަށް އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވުމަށް ކަމަށެވެ. ކޮންމެ ބޭފުޅަކުވެސް ޕާޓީއެއް ހެދުމަށްފަހު އެމީހާގެ އަމިއްލަ ވިސްނުމުން ދައުރުވާ އެއްޗެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި އެެހެންކަމުން އަދި އެއްވެސް ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
"ކޮންމެ ބޭފުޅަކުވެސް ޕާޓީއެއް ހެދީމަ އެ ޕާޓީއެއް ވެގެން ދަނީ އެމީހާގެ އަމިއްލަ ވިސްނުމުން ދައުރު ކުރާ އެއްޗަކަށް އެހެންވީމަ، ރައްޔިތުން އިންތިހާބު ކުރި މެންޑޭޓްގައި މިހިރީ،" ސައުދު ވިދާޅުވިއެވެ.
މަޖިލީހުގައި އަމިއްލަ މެންބަރުންގެ ގޮތިގައި ދެން ތިއްބެވި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު ފޯނު ނުނަންގަވާތީ އެބޭފުޅުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ނާޒިމް މިއަދު "ވަން" އަށް ވިދާޅުވީ ސިޔާސީ ޕާޓީގެ ކަންތައް ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނު ކުރައްވާނެ ކަމަށެވެ.
ރައްޔިތުން ބަލައިގަންނަ ރައްޔިތުންގެ ތާއީދު އޮތް ކެންޑިޑޭޓަކު އެ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނެރޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެކަން ނިންމާނީ އަޅުގަނޑުމެންގެ ޕާޓީން. އެކަމަކު މި ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ. އަދި އެއީ ރައްޔިތުންގެ ތާއީދުވެސް ލިބިފައިވާ ކެންޑިޑޭޓަކަށް ވާނެ." ނާޒިމް "ވަން" އަށް ވިދާޅުވި އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ޕާޓީއާ ގުޅޭ ކަންކަމުގެ މައުލޫމާތު ދެއްވުމަށް ވަރަށް އަވަހަށް ނިއުސް ކޮންފަރެންސެއް ބާއްވާނެ ކަމަށާއި އެ ބައްދަލުވުމުގައި މި ކަމުގެ އިތުރު ތަފްސީލު ދެއްވާނެ ކަމަށެވެ.
ސިޔާސީ
ސިޔާސީ
ސިޔާސީ
ސިޔާސީ