މާލެ ސިޓީގެ ޕާކިން މައްސަލަ ހައްލު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރުމަށް ނިންމި 450 ޕާކިން ސްލޮޓްގެ ތެރެއިން އަގު ނަގައިގެން، ހަތަރު ފުރޮޅުލީ ވެހިކަލް ޕާކް ކުރުމަށް 211 ޖާގައެއް ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެ ސިޓީގެ ބައެއް މަގުތަކާއި ގޯޅިތަކާއި އަދި ބައެއް ޕާކިން ސަރަހައްދުތަކުން 350 ކިލޯގެ ޕިކަޕް، ކާރު، ވޭން އަށް 211 ޖާގަ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
- މއ. ވައިދެރިހިނގުން (އަމީނީމަގާއި ކުރެދިގޯޅިއާއި ދެމެދު)- 44
- މއ. ރާދަފަތިހިނގުން (އަމީނީމަގާއި ފަޅުމަތީމަގާއިދެމެދު)- 21
- މއ. ކުރެދިގޯޅި- 10
- މއ. ހުދުފަޅުހިނގުން- 8
- މ. ހިލާލީމަގު އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅި- 20
- މ. ހިލާލީމަގު، އަމީނީމަގު އިރުމަތީ ފަޅި (ސްޓޭޑިއަމް ފަޅީގައި)- 10
- ސަލާޙުއްދީން ޕާކިން- 10
- ހ. އާޓިފިޝަލް ބީޗް ޕާކިން (ޗައިނާ އެމްބަސީ ކުރިމަތީގައި) ހަމައެކަނި ޕްރައިވެޓް ކާރު ތަކަށް- 24
- ހ. އަލިމަސް ކާނިވާ ސަރަހައްދުގައި- 6
- ހ. ސަލްމާން މިސްކިތު ސަރަހައްދުގައި- 58
މާލޭ ސިޓި ކައުންސިލުން ކުރި އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި ޒޯންތަކަށް އެދޭ ފަރާތްތަކުން މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން މާލޭ ސިޓީކައުންސިލްގެ އާއްމު ހިދުމަތްތަކާބެހޭ ބަޔަށް އެކަމަށް އެދި ސިޓީއާ އެކު، އައިޑީކާޑުގެ ކޮޕީ، ވެހިކަލްގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި މިޕާކިން ޒޯންގެ ޖާގަ ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތު ލައިގެން ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.
މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މާލެއަށް އެންމެ ބޮޑަށް ދިމާވެފައިވަނީ ޕާކިންގެ މައްސަލަތައް ކަމަށާއި މި މައްސަލަތަކަށް ހައްލު ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން 450 ޕާކިން ސްލޮޓް ވަރަށް އަވަހަށް ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ސައިކަލްތައް ޕާކު ކުރުމަށް 80 ޖާގަ އާއި، ކާރު ޕާކިން އަށް 320 ޖާގަ އާއި ޕިކަޕު ޕާކިން އަށް 50 ޖާގަ ކުއްޔަށް ދޫކުރާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މީގެ ކުރިން މާލެއިން ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކޮށްފައިވީ ނަމަވެސް ސައިކަލް ޕާކިން އަށް ސްލޮޓްތަކެއް ދޫކޮށްފައެއް ނުވެ އެވެ. އޭރު ޕާކިން ސްލޮޓެއް ކުއްޔަށް ދޫކުރަނީ މަހަކު 3000 ރުފިޔާ އަށެވެ. ނަމަވެސް މިހާރުގެ ކައުންސިލުން ވަނީ މިއަގު 750 ރުފިޔާ އަށް ކުޑަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު