ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކޮށް، އިންސާނީ ހައްގުތައް ކުރިއަރުވަން ކުރަމުންދާ މަސައްކަތް އިނގިރޭސި ވިލާތުން ބަލައިގަނެ، އެގައުމުގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖޭގެ ނަން އުނިކޮށްފިއެވެ.
އިނގިރޭސި ވިލާތުން ގައުމުތަކާ އެކު ވިޔަފާރި އަދި އެހެނިހެން ގުޅުންތައް ބޭއްވުމުގައި އެ ގައުމެއްގެ އިންސާނީ ހައްގުތަކުގެ ހާލަތުގެ މައްޗަށް ރިއާޔަތް ކުރެއެވެ. އަދި މިއަހަރުގެ ޔޫކޭ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ ރިޕޯޓުގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކުރުމުގެ ސަބަބުން ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން ބުނީ، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ މައި އެއް ތަނބު ކަމަށެވެ. އަދި ސަރުކާރުން އިންސާނީ ހައްގުތަކުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭސް އަދި އިންސާނީ ހަގުތަކާ ބެހޭ އދ.ގެ ހައިކޮމިޝަނަރު މިޝޭލް ބެޝެލޭވެސް ފާހަގަކުރައްވާފައިވާ ކަމަށް ބުންޏެވެ.
އިނގިރޭސި ވިލާތުން ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން މި އަހަރު ރާއްޖޭ އުނިކޮށްފައިވާ އިރު ދެވަނަ ގައުމެއްގެ ގޮތުން އެ ލިސްޓުން އުނިކޮށްފައި ވަނީ ބުރުންޑީއެވެ. އަދި އެ ލިސްޓަށް އަލަށް އިތުރުކޮށްފައި ވަނީ ބެލަރޫސް، މާލީ އަދި ނިކަރާގުއާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު