ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮމެއް ގޮއްވާލައިގެން ހަމަލާއެއް ދޭން އުޅޭ ކަމުގެ އިޝާރާތެއް ނުލިބި އޮވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އިންކުއަރީ ރިޕޯޓުގައި ބުނެފިއެވެ.

ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ކުރިއަށް ގެންގޮސްފައިވަނީ މަޖިލީހުގެ 241 ކޮމިޓީންނެވެ. އެ ކޮމިޓީން އިއްޔެ ވަނީ ރިޕޯޓު އާންމުކޮށްފައެވެ.

އެ ރިޕޯޓުގައި ވަނީ އެ ރޭ ހަމަލާދިނުމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ އިންޓެލިޖެންސް މައުލޫމާތެއް އެމްއެންޑީއެފަށް ލިބިފައިނުވާ ކަމަށެވެ. އެކަން ތަކުރާރުކޮށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ނަމަވެސް އެކަން އިންކުއަރީން ގަބޫލު ނުކުރާ ކަމަށް ރިޕޯޓުގައިވެއެވެ.

"މެއި 6، 2021 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލީ އެމްއެންޑީއެފަށް އެފަދަ ހަމަލާއެއް ދީފާނެ ކަމުގެ އެއްވެސް އިންޑިކޭޓަރެއް ނުލިބި ކަމަށް މި އިންކުއަރީއަށް ގަބޫލެއް ނުކުރެވޭ،" ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓުގައި ވަނީ ނަޝީދަށް ހަމަލާއެއް ދޭން އުޅުމުގެ އިންޑިކޭޓާސްތައް ހުރި ކަމަށާއި އަދި އެމަނިކުފާނަށް ހަމަލާއެއް ދޭން އުޅެފައިވާ ކަމަށް އެކި ފަހަރުގެ މަތިން އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭގެ އިތުރަށް ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތެއް މޭ ތިން ވަނަ ދުވަހުގެ ރޭ އާންމުންގެ މީހެއްގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމުން އެ މައުލޫމާތު ނަޝީދަށާއި މާރިޔާއަށް ވަނީ ހިއްސާކޮށްފައެވެ.

މާރިޔާ އިންކުއަރީގައި ވިދާޅުވީ ރައީސް ނަޝީދު މަރާލަން އުޅޭކަމުގެ މައުލޫމާތު އިލްޔާސް ދެއްވި ކަމަށާއި ނަމަވެސް ފައިސާ ދީގެން މީހަކު މެރުމަކީ ޖިނާއީ ކުށަކަށްވާތީ ފުލުހުންނާ އެވާހަކަ ހިއްސާކުރަން އެދުނު ކަމަށެވެ.

އިންކުއަރީގައި މާރިޔާ ވިދާޅުވެފައިވަނީ އިލްޔާސް ލަބީބު ދެއްވި މައުލޫމާތު އެމްއެންޑީއެފްގެ އެއްވެސް ފަރާތަކާ ހިއްސާ ކުރައްވާފައިނުވާނެ ކަމަށެވެ. އަދި ހަމަ އެހެންމެ ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެސްޕީޖީގެ ކޮމާންޑަރާއި ޑިފެންސް އިންޓެލިޖަންސް ސާވިސްއިން ވެސް ވަނީ އެއިން އެއްވެސް ފަރާތަކާ މިނިސްޓަރު އެ ވާހަކަ ހިއްސާކުރައްވާފައި ނުވާކަމަށް ވިދާޅުވެފައި ކަމަށްވެސް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން ފުލުހުންގެ އިސްވެރިޔަކު އިންކުއަރީގައި ވިދާޅުވެފައިވަނީ މި ހަމަލާއަކީ ނޭނގި ހިނގާފައި އޮތް ކަމެއް ނޫން ކަމަށާއި ކޮންމެވެސް ގޮތަކުން މިފަދަ ކަމެއް ހިނގައިފާނެ ކަމުގެ މައުލޫމާތުތަކެއް ކުރީބައިގައި ލިބިފައިވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑަށް މިހާރު އެނގޭ އެއްޗަކީ ކޮންމެވެސް އެއް ހިސާބަކުން އެނގިފައި މި އޮތީ. މިއީކީ ނޭނގި ހިނގާފައި އޮތް ކަމެއް ނޫން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. ކޮންމެވެސް އެއް މޭރުމަކުން މިފަދަ ކަމެއް ހިނގައިފާނެ ކަމުގެ ކޮންމެވެސް ވަރެއްގެ އިންޕުޓުތަކެއް ކޮންމެވެސް ބޭފުޅުންނަށް ކުރީ ބައިގައި ލިބިވަޑައިގެން އޮވެ ހިނގާފައިވާ ހަމަލާއެއް މިއީ،" ނަން ހާމަނުކޮށް، ފުލުހުންގެ އިސްވެރިޔަކު ވިދާޅުވި ކަމަށް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ވަނީ ނަޝީދަށް ދިން ހަމަލާ ދެނެގަނެވޭ މިންވަރަށް އިންޑިކޭޓާސް ނުވަތަ ފްލޭގް ވާންޖެހޭ ޒާތުގެ މައުލޫމާތުތަކެއް އެމްއެންޑީއެފަށް ލިބިފައި ހުރި ކަމަށެވެ. އެގޮތުން ރައީސް ނަޝީދަށް ފާރަލާ މައުލޫމާތު ލިބުނު ކަމަށާއި އަދި އެމަނިކުފާނު ވަޑައިގަންނަވާ ތަންތަން ބަލާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް އިންކުއަރީގައި ވިދާޅުވެފައިވެއެވެ.

"މި އިންކުއަރީއަށް މައުލޫމާތު ދެއްވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވެފައިވަނީ ހާއްސަ ގޮތެއްގައި ރައީސް ނަޝީދަށް ފާރަލާކަމުގެ މައުލޫމާތެއް އަޅުގަނޑުމެންނަށް ލިބުނީ، ވަޑައިގަންނަވާ ތަންތަން ބަލާކަމުގެ މައުލޫމާތެއް ލިބުނީ،" ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން ނަޝީދަށް ހަމަލާދޭން އުޅޭ ކަމުގެ މައުލޫމާތު އެކި ފަހަރު މަތީން ލިބިފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ. އެގޮތުން ހައި ލެވެލް ޓާގެޓަކަށް އަމާޒުކޮށް ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ޑިސެމްބަރު 22، 2020 ވަނަ ދުވަހު ލިބިފައިވާ ކަމަށާއި އެމަނިކުފާނަށް ހަރުކަށި ފިކުރުގެ މީހުން ސާވައިލް ކުރަމުންދާ ކަމުގެ މައުލޫމަތު އެމްއެންޑީއެފުން ހިއްސާކޮށްފައިވާ ކަމަށް އިންކުއަރީގައި ބުންޏެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ކުރިމަތިލެއްވި ރިޒްނާ ޒަރީރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން މިއަހަރުގެ މާޗު 12 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވެސް ދީނީ ހަރުކަށި ފިކުރަށް ތާއިދުކުރާ ކަމަށް ބެލެވޭ ބަޔަކު ނަޝީދަށް ފާރަލަމުން ދިޔަކަން އެމަނިކުފާނުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ފާހަގަކުރެވުނު ކަމަށްވެސް އިންކުއަރީގައި ބުނެފައިވެއެވެ.

ދީނީ ހަރުކަށި ފިކުރުގެ ފަރާތްތައް ނަޝީދުގެ ހަރަކާތްތައް ބަލައި ސެކިއުރިޓީ އޮންނަ ގޮތް އެސެސްކުރާ ކަމުގެ ނުވަތަ ދެނެގަތުމުގެ މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަން ވެސް އެމްއެންޑީއެފްގެ ތްރެޓް ލެވެލް އެސެސްމަންޓް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައިވަނީ ނަޝީދު ދިރިއުޅުއްވި ޔާގޫތުގެ ކައިރީގައި 2020 ވަނަ އަހަރު ބަޔަކު ފާރަލާން ތިބޭކަން ސެކިއުރިޓީންނަށް ފާހަގަވެގެން ފުލުހުންނަށް އެކަން އެންގުމުން އެމީހުން ދުރަށްލާފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރަކު އައްޔަން ކުރަން ނިންމުމާ އެކު އެކަން ފާސްކުރަން ވޯޓުދޭ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން އިރު ފުރަތަމަ ޓާގެޓަކަށް އޮތީ ނަޝީދު ކަން ވެސް އެމްއެންޑީއެފަށް ލިބިފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން ނަޝީދު އަވަހާރަކޮށްލަން ރާވަމުންދާ ކަން 2019 ވަނަ އަހަރު، ޖަލުގައި ހުރި ހަރުކަށި ފިކުރުގެ މީހެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އަމިއްލަ ފަރުދަކު ކޮށްފައިވާ ޓުވީޓެއް ވެސް އެމްއެންޑީއެފަށް ލިބިފައިވާ ކަމަށްވެއެވެ.