ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅުންހުރި ތިން މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓްގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ކޯޓުން ދޫކޮށްލާފައިވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ތިން މީހެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ތިން މީހުންނެއް ކަމެއް އޭނާ ހާމައެއް ނުކުރެއެވެ.
އޮފިޝަލު ވިދާޅުވީ ފުލުހުން އެ މީހުންގެ ބަންދު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ނިންމެވީ އެކަށީގެންވާ ހެކި ނެތުމުން އެ މީހުން އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އޮފީހުން ބުނީ ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި ތިން މީހަކު މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައި ކޯޓްގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓުން ދޫކޮށްލާފައިވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރު ކުރި ތިން މީހުންނެވެ. އެއީ ފަހުމީ އަލީ އާއި ޔާސީން އަދި އިޝްހާގު ނަމަކަށް ކިޔާ ތިން މީހުންނެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި އަނެއް ތިން މީހުންނަކީ މިއަދު ކޯޓުން ދޫކޮށްލި ތިން މީހުންނެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށް، ވަނަ ވަރު ހާމަކޮށްފައިވާ މީހުންނަނީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް 27، ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، އަދި ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު