ޚަބަރު

ފިހާރަތައް ރޭގަނޑު 10:00 އަށް، ކެފޭ، ރެސްޓޯރަންޓްތައް ރޭގަނޑު 11:30 އާ ހަމައަށް ހުޅުވުމުގެ ހުއްދަ ދީފި

ރިފާ ހަލީލު

ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅިގެން ފިހާރަތަކާއި، ކެފޭ ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވައި ހިދުމަތް ދިނުމުގެ ހުއްދަ ދީފި އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ މާލޭ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު ފަސް ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް މާދަމާ އިން ފެށިގެން ލުއި ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މާލެ ސަރަހައްދުގެ ފިހާރަތައް ރޭގަނޑު 10:00 އާ ހަމަޔަށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ފިހާރަތަކަށް މީހުން ވެއްދޭނީ ވަކި ވަރަކަށް ކަމަށާއި ތޮއްޖެހޭ ގޮތަށް ފިހާރަތަކަށް މީހުން ވައްދައިގެން ހިދުމަތް ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކެފޭ ރެސްޓޯރަންޓްތައް ރޭގަނޑު 11:30 ވަންދެން ހުޅުވައި ހިދުމަތް ދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އެޗްޕީއޭއިން އެކުލަވާފައިވާ އުސޫލާ އެއްގޮތަށް ހިދުމަތް ދިނުމަށް ވަނީ އަންގާފަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވެ ކެފޭ ރެސްޓޯރަންޓްތަކުގައި ހިދުމަތް ދިނުން ވަނީ ހުއްޓާލާފަ އެވެ. ނަމަވެސް ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ފަތިހު 4:00 އިން ރޭގަނޑު 8:00 އާ ހަމަޔަށް ހިދުމަތް ދެވޭނެ ގޮތަށް ލުއި ތަކެއް ވަނީ ދީފަ އެވެ. އަދި 24 ގަޑި އިރު ޑެލިވަރީގެ ހިދުމަތް ދިނުމުގެ ހުއްދަ ވަނީ ދީފަ އެވެ.