އެމަނިކުފާނުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އާސްކް ސުޕީކާ" ޕްރޮގްރާމްގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ދިން ހަމަލާގައި ސަރުކާރުގެ ކުޑަވެސް ބައިވެރިވުމެއް އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ނަޝީދު ވަނީ އެ ހަމަލާއަކީ ސަރުކާރުން ބައިވެރި ވެގެން ދެވުނު ހަމަލާއެއް ކަމަށް ގަބޫލު ކުރަން ވަރަށް އުނދަގޫ ކަމަށްވެސް ވިދާޅުވެފައެވެ.

"އަޅުގަނޑު ކުޑަކޮށް ވެސް ގަބޫލެއް ނުކުރާނަން ސަރުކާރުގެ ބައިވެރިވުން އޮވެގެނެއް ދެވުނު ހަމަލާއެއް ކަމަކަށް. ހުރިހާ ރައްޔިތުންނަށް ވެސް އެނގިވަޑައި ގަންނަވާނެ އަޅުގަނޑަކީ ވެސް ސަރުކާރު ކަން. އަޅުގަނޑުގެ ޕާޓީގެ ރައީސް، ރައީސް ކަމުގައި އެ ހުންނެވީ. އަދި އަޅުގަނޑުމެންގެ ޕާޓީގެ އަގުލަބިއްޔަތު މި އޮތީ މަޖިލީހުގައި،" ނަޝީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް ބޮންގޮއްވި ހަމަލާގައި އަމަލީ ގޮތުން ބައިވެރިވީ ހަތަރު މީހުން ކަމަށް އެކަނި ނުވާނެ ކަމަށާއި އެ ހަމަލާ ރޭވުމުގަ އާއި ހަރަދު ކުރުމުގައި ބައިވެރިވި މީހުން ވެސް އާންމުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެހަމަލާގައި އެމީހުންގެ އަމާޒަކީ އެމަނިކުފާނުގެ ފުރާނަފުޅު ދުއްވާލުން ކަމަށާއި އެ ހަމަލާގައި ބައިވެރިވި މީހުން ނުހޯދިއްޖެނަމަ އެމަނިކުފާނަށް މާލެ ތެރޭގައި އުޅުއްވަން ވަރަށް އުދަގޫވާނެ ކަމަށެވެ. އަދި އެކަން ނުކުރެވިއްޖެނަމަ ފުލުހުނަށް އެމަނިކުފާނު ކުރާ އިތުބާރު ވެސް ގެއްލިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މިހާތަނަށް ލިބިވަޑައިގެންފައިވާ މައުލޫމާތުތަކުން އެ ހަމަލާއަށް ހަރަދު ކުރި މީހުން ހޯދުމަށް ކުރެވުނު މަސައްކަތް ކުޑަ ކަމަށެވެ. އަދި ހަމަލާގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ މީހުން ހޯދުމަށް ކުރެވުނު މަސައްކަތްވެސް ކުޑަ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެމަނިކުފާނު ވިދާޅުވީ އެ ހަމަލާގެ ފުނަށް ވާސިލުވުމަށް ކުރެވޭ މަސައްކަތުން އެހާ ހިސާބަށް ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ފަސް މީހެއްގެ ވަނަ ވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެއީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް 27، ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، އަދި ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ.