ދެހާސް ތޭވީސް ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީ އޮންނާނެ ކަމަށާއި އެ ޕްރައިމަރީގައި ވާދަ ކުރައްވައި ކާމިޔާބު ހޯއްދަވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އާސްކް ސްޕީކާ" ގެ ތިންވަނަ ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއެއް އޮންނާނެ ކަމަށާއި އެ ޕްރައިމަރީގައި އެމަނިކުފާނު ވާދަ ކުރައްވާނެ ކަމަށެވެ.

"2023 ގައި ރިޔާސީ އިންތިހާބެއް އޮންނަ ނަމަ އަޅުގަނޑު ދެކެނީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓަށް،" ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނު ބަލިވެއްޖެނަމަ، އެމްޑީޕީން އިންތިހާބަށް ނުކުންނަ ކެންޑިޑޭޓަކަށް އެމަނިކުފާނު ތާއީދު ކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީން ނެރޭ ކެންޑިޑޭޓަކަށް އެމަނިކުފާނު ތާއީދު ނުކުރާނެ ދުވަހެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައި ނުވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ރައީސް ސޯލިހަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވަނީ ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށާއި ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށާއި އަންނަ އަހަރު ނިޒާމުގެ ވޯޓެއް ނަގަން ފެންނަ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ހިންގުން ރަނގަޅުވެގެންދާނީ ބަރުލަމާނީ ނިޒާމެއްގައި. އެ ބަދަލު ގެނައުމަށްޓަކައި 2022 ވަނަ އަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުން އެއީ ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބޮޑުވަޒީރާއެކު މަޖިލީހުގެ ތެރެއިން ސަރުކާރު ހިންގުމުން ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި ތަރައްގީގެ ދުވެލިވެސް ބާރުވެގެންދާނެ ކަމަށެވެ. އެ ބަދަލު ގެނައުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށާއި އެ ބަދަލު ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ބަދަލަށް ޕީޕީއެމުންވެސް ތާއީދު ކުރާނެ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކަމަށް ކުރިން ވިދާޅުވެފައި ކަމަށެވެ. އެހެންކަމުން އެމްޑީޕީ އާއި ޕީޕީއެމް ގުޅިގެން މި ބަދަލު ގެނައުމަށް ވޯޓު ނަގައި ބަރުލަމާނީއަށް ބަދަލު ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.