ޚަބަރު

ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ރައީސަށް ދިނުމަކީ ނުރައްކަލެއް: ސައީދު

އިބްރާހިމް ޒަކީ

ވިޔަފާރި މަޝްރޫއުތަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ގާނޫނު ފާސްކުރުމަކީ ނުރައްކަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އޮފް ހޯލް ހައުސް (މުޅި މަޖިލީހުގެ ކޮމިޓީ)ގައި މިއަދު ކުރިއަށް ދިޔަ، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސުލްޖުމްޖޫރިއްޔާއަކީ ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ވަޒީފާ އެއް އަަދާކުރަމުންދާ ފަރާތެއް ކަަމަށާއި ކޮންމެ ފަސް އަހަރަކުން މަގާމު ބަދަލުވާ އިރު، އެފަދަ އިހުތިޔާރެއް ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުން ދިނުމަކީ ވަރަށް ހައްސާސް އަދި ނުރައްކާތެރި ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ އިހުތިޔާރުގެ ސަބަބުން ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ފަރާތްތަކަށް ލަނޑެއް ދިނުމަށް ނުވަތަ ބޭނުން ގޮތަކަށް ޓެކްސް އަނބުރާލައިގެން ބަޔަކަށް ބޮޑު ފައިދާއެއް ލިބިދިނުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"އެކަމުގެ ސަބަބުން ބޭރު ދުނިޔޭގެ ފައިނޭންސް، ރާއްޖޭގެ ޕްރޮޖެކްޓުތަކަށް ލެންޑް ކުރާ ފަރާތްތަކުގެ ތެރޭގައި ވެސް ނުތަނަވަސްކަން އުފެދޭނެ،" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަަތު މިއަދަށް ވުރެ މައްޗަށް އުފުލޭނެ ކޮންމެ އިޖުތިމާއި އަދި އިގުތިސާދީ ބޮޑު ބިޔަ ޕްރޮޖެކްޓުތަކަށް ޓެކްސް މާފުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އެކަން ހަމަޖެހިފައި އޮންނަން ޖެހޭނީ ރާއްޖެއަށް ކޮންޓްރެކްޓު އަންނަ އިރު ސަރުކާރުންވާ އެއްބަސްވުމުގެ ސްކޯޕްގެ ތެރޭގައި ހިމެނޭނެ ކަމެއްގެ ގޮތުގައި ކަމަށާއި އޭރުން މީރާއަށް ހުށަހެޅުމުން މީރާއިން ޓެކްސް މާފު ކޮށްދޭނެ އުސޫލު ހަމަޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ވިޔަފާރި މަޝްރޫއުތަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ހިމަނައިފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި އެ ބިލުގައި، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ފަހަތަށް، އާމްދަނީން ޓެކްސް ދެއްކުމަށް ދެވޭ ހާއްސަ އިސްތިސްނާ ކަނޑައަޅައި 1-12ގެ ގޮތުގައި މާއްދާއެއް އިތުރު ކުރަން ވަނީ ހުށަހަޅައިފައެވެ.

އެ މާއްދާގައި ބުނެފައި ވަނީ އެ ގާނޫނުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި، ވަކި ވިޔަފާރު މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ. އެގޮތަށް އިސްތިސްނާ ކުރެވޭ މަޝްރޫއުތަކާއި ދާއިރާތައް ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށްވެސް ބުނެފައިވެއެވެ.

އެ މާއްދާގައި އިތުރަށް ބުނެފައި ވަނީ، އިސްތިސްނާ ދިނުމަށް ކަނޑައެޅޭ މަޝްރޫއުތައް ނުވަތަ ދާއިރާތައް ކަނޑައެޅުމަށްފަހު އެކަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މުއްދަތަކަށް ކަމަށެވެ. އަދި އިސްތިސްނާ ދިނުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަންވެސް އެ މާއްދާގައި ވަނީ ކަނޑައަޅައިފައެވެ.