މަރާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލައިފިއެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މީހުން ދިރިނޫޅޭ ސަރަހައްދުގެ މޫދު ތެރެއިން ފެނުނު އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރިވެންޑުރަމަށް ފޮނުވާލާފައި ވަނީ މިއަދު ހެނދުނު މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން، އެ ކުއްޖާއަކީ ރަހީނުކޮށްގެން ގެންގުޅުނު ކުއްޖެކެވެ. އެކަމުގެ ރިޕޯޓު އާއިލާގެ ފަރާތުން ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ކުއްޖާ މަރާލުމަށްފަހު ފޮއްޓެއްގެ ތެރެއަށްލައި މޫދަށް އެއްލާލާފައި އޮއްވައި ފެނުނީ ކުއްޖާގެ ހޯދަމުން ދަނިކޮށެވެ.

މި މައްސަލައިގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތޭރެއިން 17 އަހަރުގެ ފިރިހެން ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ އިރު 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.