ތާލިބާން ހަނގުރާމަވެރިންނަށް ޕާކިސްތާނުން އެގައުމުގައި ރައްކާތެރި މާހައުލެއް ގާއިމުކޮށްދެމުންދާ ކަމަށް ވައިޓް ހައުސްގެ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޮލްޓަން ތުހުމަތު ކުރައްވައިފިއެވެ.

ވޮއިސް އޮފް އެމެރިކާއަށް ދެއްވި އިންޓަވިއުއެއްގައި ބޮލްޓަން ވިދާޅުވީ, ތާލިބާނުން އަލުން ބާރުވެރިކަމަށް ގެނައުމުގައި ޕާކިސްތާނުގެ ސަރުކާރުގެ ބައެއް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ތާލިބާނާއި ޕާކިސްތާނުގެ އިންޓެލިޖެންސް އާއި އެތެރޭގެ މުއައްސަސާތަކާ ގުޅުން ބާއްވާތާ އެތައް އަހަރެއް ވެއްޖެ ކަމަށް ވިދާޅުވިއެވެ.

ބޮލްޓަން އިތުރަށް ވިދާޅުވީ, އެމެރިކާ ސިފައިން އަގްފާނިސްތާނުން ފޭބުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވަމުންދާތީ އާއި އަފްގާނިސްތާނުގެ ގިނަ ސަރަހައްދުތަކެއްގައި ތާލިބާނުން އަތްގަދަކުރަން ފަށާފައިވާ އިރު, އެމެރިކާ އާއި އަފްގާނިސްތާނަށް ހަމަލާ ދިނުމަށް ޕާކިސްތާނުން ހިތްވަރުދެމުންދާ ކަމަށެވެ. އަދި އެކަމުން ނުކުމެދާނެ ނަތީޖާއާމެދު ކަންބޮޑުވާ ކަމަށް ވިދާޅުވިއެވެ.

ބޮލްޓަން ވަނީ, އަފްގާނިސްތާނުގައި ތާލިބާނުންގެ ބާރު ގަދަވެއްޖެނަމަ އެކަމުގެ ނުރައްކާ ޕާކިސްތާނަށްވެސް ކުރާނެކަމުގެ އިންޒާރު ދެއްވައިފައެވެ. އަދި އެކަމުގެ ޕްރެޝަރު ޕާކިސްތާން ސަރުކާރަށްވެސް އަންނާނެ ކަމަށް ވިދާޅުވިއެވެ.

ބޮލްޓަން މިފަދަ ތުހުމަތުތަކެއް ކުރައްވާފައިވާ އިރު, ތާލިބާނުންނާއި އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އަލްގާއިދާ ހަނގުރާމަވެރިންނަށް ފާރަލުމަށްޓަކައި ޕާކިސްތާނުގައި އަސްކަރީ މަރުކަޒެއް އުފައްދަން ފުރުސަތު ދެވެން ނެތް ކަމަށް ޕާކިސްތާނުން ވަނީ ނިންމައިފައެވެ.