ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތް ކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ހިލާފު ހަބަރުތައް ރާއްޖޭގެ ބައެއް ނޫސްތަކުގައި މިފަހަކަށް އައިސް ތަކުރާރުކޮށް ޝާއިއުކުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މީގެ އިރުކޮޅެއް ކުރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިފަދަ ކަންތައްތަކަކީ ދިވެހިރާއްޖެ އާއި ބޭރު ގައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، ރާއްޖެއާއެކު ޒަމާންވީ އެކުވެރި ގުޅުންތައް އޮތް ގައުމުތަކާ ދޭތެރޭ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ހިނގައިދާނެ ކަމެއް ކަމުގައި އެ މިނިސްޓްރީން ދެކޭ ކަމަށެވެ. މިއީ އެ ލިޔުންތައް އަމާޒުވާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅި އެ ޑިޕްލޮމަޓުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ވެސް ހުރަސްއެޅިގެން ހިނގައިދާނެކަމެއް ކަމުގައި ދެކޭ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

"ދޭދޭ ގައުމުތަކުގެ ދެމެދުގައި ޑިޕްލޮމަޓުން ބަދަލުކުރުމާއި އެ ޑިޕްލޮމަޓުންނަށް ލިބެން ޖެހޭ ހިމަޔާތާއި ރައްކާތެރިކަމާއި ހާއްސަ އިމްތިޔާޒުތަކާ ގުޅޭގޮތުން ވަކި އުސޫލުތަކެއް "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961" ގައި ކަނޑައެޅިފައިވެއެވެ. އެގޮތުން "ރިސީވިންގ ސްޓޭޓް" ގެ ހައިސިއްޔަތުން، ރާއްޖެއަށް ކަނޑައަޅާފައިވާ ޑިޕްލޮމަޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުން ދިރިއުޅޭ ތަންތަނަށް ދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެކެވެ." ފޮރިން މިނިސްޓްރީން ނެރުނު ހަތަރު ޕެރެގްރާފްގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ވީމާ، އެކި އެކި ބައިނަލްއަގުވާމީ މުއާހަދާތަކުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު ނުވާނޭހެން، އަދި ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނެހެން ރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދިނުމަށް އިލްތިމާސް ކުރާ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީން މި ފަދަ ބަޔާނެއް ނެރުނު އިރު، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ދާދި ފަހުން ފޮނުވި ސިޓީއެއްގެ މައްސަލަ ވަނީ ރާއްޖޭގެ މީޑިއާގައްޔާއި ސޯޝިއަލް މީޑިއާގައި ހޫނު ވެފަ އެވެ. އެ ސިޓީގައި އިންޑިއާގެ ހައިކޮމިޝަނުން ބުނެފައި ވަނީ ރާއްޖޭގައި ތިއްބަވާ އިންޑިއާގެ ޑިޕްލިމޭޓުންނާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ރާއްޖޭގެ މީޑިއާގައި ފަތުރަމުންދާ ކަމަށާއި އެ ކަމުގެ ސަބަބުން އެ ފަދަ އޮފިޝަލުންނަށް ނުރުހުން ރައްދުވެ ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އޭގެ އިތުރުން މި ފަދަ ވާހަކަތައް ތަކުރާރުކޮށް ފަތުރަމުންދާ ކަމަށާއި މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމަށް ވެސް ބުރޫ އަރައިފާނެ ކަމެއް ކަމަށެވެ. އެހެން ކަމުން އެ ފަދަ މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް ވަނީ އެދިފަ އެވެ. މީޑިއާއަށް ފިޔަވަޅު އެޅުމަށް އެދި އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި މި ސިޓީގައި ވަކި މީޑިއާއެއްގެ ނަން ފާހަގަކޮށްފައެއް ނުވެ އެވެ. އެހެން ކަމުން އެ ސިޓީ ހުރިހާ މީޑިއާއަކަށްވެސް ރައްދުވެ އެވެ.

އިންޑިއާ ހައިކޮމިޝަނުން ފާހަގަ ކޮށްފައިވާ މި މައްސަލަ ބަލައިދިނުން އެދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިހާރު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގައިވެސް އެދިފަ އެވެ.