އިރާގުގެ ބަގުދާދުގައި މިއަދު ފެށި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ފޮރިން މިނިސްޓަރުންގެ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އިރުތިޝާމް ވަނީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިމުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން އުފައްދާ ފަލަސްތީނުގެ މިނިވަން އަދި މުސްތަގިއްލު ދައުލަތަކަށް ރާއްޖެއިން ކުރާ ތާއީދު ތަކުރާރުކުރައްވައިފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް އޯއައިސީގެ މެންބަރު ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

މީގެ އިތުރުން، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރުމަށްޓަކައި ގައުމުތަކުގެ މެދުގައި މަޝްވަރާއާއި އެއްބައިވަންތަކަން އިތުރުކުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ތަރައްގީގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށާއި، އާންމު ދިރިއުޅުމުގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރު އަލިއަޅުވާލެއްވިއެވެ. މިއަހަރަކީ ރާއްޖެއިން އޯއައިސީގެ މެންބަރަކަށް ވިތާ 50 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، އިސްލާމީ އުންމަތުގެ މަސްލަހަތު ކުރިއެރުވުމަށް އޯއައިސީއާއެކު މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން އޮތް ޔަގީންކަން އިރުތިޝާމް ތަކުރާރުކުރެއްވިއެވެ.

ކޮންމެ އަހަރަކު ބާއްވާ އޯއައިސީގެ ފޮރިން މިނިސްޓަރުންގެ މަޖިލީހަކީ އިސްލާމީ އުންމަތަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރާ މުހިންމު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރު އިރުތިޝާމް ވަނީ އޯއައިސީގެ މެންބަރު ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ބައްދަލުކުރައްވައި، ދޭދޭ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު އިރުތިޝާމްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގަންނަވައެވެ.