އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އައިރީނާ)އަށް ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު، ތޯރިގް އިބްރާހީމް، އެ އެޖެންސީގެ ޑިރެކްޓާ ޖެނެރަލް ފްރެންޗެސްކޯ ލާ ކެމެރާއަށް އޭނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.
އެ ރަސްމިއްޔާތު ބާއްވާފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީގައި މިހާރު ކުރިއަށްދާ އައިރީނާ ކައުންސިލްގެ 32 ވަނަ ބައްދަލުވުމުގެ ހަވާސާގައެވެ. ތޯރިގަކީ، ރާއްޖެއިން ޔޫއޭއީއަށްވެސް ކަނޑައަޅުއްވާފައިވާ ސަފީރެވެ.
ފޮރިން މިނިސްޓްރީން މިރޭ ބުނީ ފަތްކޮޅު އެރުއްވުމަށްފަހު ތޯރިގުވަނީ ދުނިޔޭގެ ފެންވަރުގައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް އައިރީނާއިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައި ކަމަށެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ ހަކަތައިގެ ސިޔާސަތުތައް ބައްޓަންކުރުމަށާއި، ރަށްތަކުގައި އިއާދަކުރަނިވި ހަކަތަ ފުޅާކުރުމަށް އެ އެޖެންސީން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ތޯރިގުވަނީ ޝުކުރު އަދާކުރައްވާފައިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ،
އެ ބައްދަލުވުމުގައި އައިރީނާގެ ޑިރެކްޓާ ޖެނެރަލް ފްރެންޗެސްކޯ ލާ ކެމެރާވަނީ ތޯރިގަށް މަރުހަބާ ދަންނަވައި، ރާއްޖެއިން ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެ އެޖެންސީގެ އެހީތެރިކަން ދެމިއޮންނާނެކަމުގެ ޔަގީންކަން ދީފައިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަދި ދުނިޔޭގެ ހަކަތައިގެ ނިޒާމަށް އަންނަ ބަދަލުތަކުގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން އަދާކުރާ މުހިންމު ދައުރު އޭނާ ފާހަގަކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ތޯރިގުގެ އަރިހުގައި އަބޫދާބީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ ފާތިމަތު ނިއުޝާ ބައިވެރިވެވަޑައިގެންނެވިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެއަކީ 2009 ވަނަ އަހަރުން ފެށިގެން އައިރީނާގެ ފުރިހަމަ މެންބަރު ގައުމެކެވެ. އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި އައިރީނާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ މުހިންމު ބައިވެރިއެކެވެ.
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ކޮމެންޓް