ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިނީ ތިން މިލިއަން ޑޮލަރުގެ ޓާސްކެއް ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާ ހަވާލާދީ އެމްޑީޕީގެ "މޭ ހައެއް" ކޮމިޓީން ބުނެފިއެވެ.
ރައީސް ނަޝީދަށް ހަމަލާއެއްދޭން އުޅޭ ކަމަށް އެންމެ ފުރަތަމަ ސަމާލުކަމަށް ގެނައީ އިލްޔާސްއެވެ. އޭނާ ވަނީ ރައީސް ނަޝީދަށާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ އެ މައުލޫމާތު ހިއްސާކުރައްވައިފައެވެ.
ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ހިނގާ ގޮތް އެމްޑީޕީގެ ތެރެއިން ބަލައި ފާރަވެރިވުމަށް އުފައްދާފައިވާ "މޭ ހައެއް" ކޮމިޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ އިލްޔާސާ ބައްދަލު ކުރީ ހަމަލާއާ ގުޅޭ މައުލޫމާތުތަކެއް އޭނާއަށް އެނގިފައިވާތީ ކަމަށާއި އެކަން އިތުރަށް ސާފު ކުރުމުގެ ގޮތުން ކަމަށެވެ.
އެގޮތުން އޭނާގެ ރައްޓެއްސަކު މެއި މަހުގެ ތިން ވަނަ ދުވަހު އޭނާއާ ބައްދަލުކޮށް، ރައީސް ނަޝީދަށް ހަމަލާދޭން ބަޔަކު ރާވަމުންދާ ކަމަށް މައުލޫމާތު ދިން ކަމަށެވެ. އަދި އެކަމަށް ތިން މިލިއަން ޑޮލަރު ދީފައިވާ ކަމަށް އޭނާ ބުނި ކަމަށްވެސް އިލްޔާސްއާ ހަވާލާދީ އަފީފު ވިދާޅުވިއެވެ.
"އަދި އެރޭ ބައްދަލުކުރުމަށް އެދިވަޑައިގެންނެވިކަމާއި، އަދި އެއީ ވަރަށް މުހިންމު އާޖެންޓުކަމެއްގައި ކަމަށް ވިދާޅުވުމުން 11:30 ގައި އެ މީހާއާ އިލްޔާސް ބައްދަލު ކުރި. ބައްދަލު ކުރީމާ އޭނާ ވިދާޅުވި ރައީސް ނަޝީދު އަވަހާރަށްކޮށްލުމަށް ތިން މިލިއަން ޑޮލަރުގެ ޓާސްކެއް ދީފިކަމަށް. އަދި މި ޓާސްކު މިހާރު ހިނގަމުންދަނީ އެޑްވާންސް ޕޭމަންޓު ދިނުމުގެ ކަންތައްތައް ކަމަށް،" އަފީފް ވިދާޅުވިއެވެ.
އަފީފު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދިނުމަށް އެމީހުން ރާވާފައިވަނީ ހަރުކަށި ފިކުރުގެ މީހުންގެ ސިކުނޑި ދޮވެލައިގެން ކަމަށްވެސް އިލްޔާސަށް އެމީހާ މައުލޫމާތުދިން ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު ރައީސް ނަޝީދަށް ގުޅުއްވައި އެމަނިކުފާނާ ބައްދަލު ކުރެއްވި ކަމަށް އިލްޔާސާ ހަވާލާދީ އަފީފު ވިދާޅުވިއެވެ. އެ މައުލޫމާތު ރައީސް ނަޝީދަށް ދީފައިވަނީ އެ ގެއަށް ގޮސް ކަމަށްވެސް އިލްޔާސާ ހަވާލާދީ އަފީފް ވިދާޅުވިއެވެ.
"އަދި ރައީސް ވިދާޅުވީ މި މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާއަށް އެރުވުމަށް. ދެން ހަމަ އެރޭ މާރިޔާއަށް އިލްޔާސް ގުޅިކަމަށް. އެހެން ނަމަވެސް މާރިޔާ ފޯނު ނުނަންގަވާކަމަށް. އެއީ ރޯދަ މަސްކަމަށް ވުމުން ނިދާފައި އޮތީ ކަމަށް. ދެން މޭ ހަތަރު ވަނަ ދުވަހުގެ ހެނދުނު ހަތެއް ޖެހިއިރު މަރިޔާ ގުޅުއްވާފައި އޮތްކަމާއި އިލްޔާސް މާރިޔާއަށް ގުޅައި އެ މައުލޫމާތު ދެންނެވި. ދެން މާރިޔާ ދެންނެވީ ރައީސް ނަޝީދުގެ ސެކިއުރިޓީ ލެވެލް ހުރީ އެންމެ ހައެސްޓު ލެވެލްގައި ކަމަށް." އަފީފް ވިދާޅުވިއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު އުޅޭ ކަމުގެ މައުލޫމާތާ ގުޅޭ ގޮތުން އިލްޔާސް މީގެ ކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާކަމުގެ މައުލޫމާތު އާންމު ރައްޔިތެއްގެ ފަރާތުން ލިބުމާ ގުޅިގެން ވަގުތުން އެ މައުލޫމާތު ރައީސް ނަޝީދަށް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާއަށް އެރުވި ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަންޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓްރީ ކަމަށްވާތީ، އެ މުއައްސަސާއާ އެ މައުލޫމާތު ހިއްސާކުރުމުން އެ މައުލޫމާތު ފުލުހުންނަށް ނުވަތަ ކޮމިޝަނަރު އޮފް ޕޮލިސްއަށް ހިއްސާކުރުމަށް މާރިޔާ އަންގަވާފައި ނުވާ ކަމަށެވެ.
ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ރާއްޖެއިން ފަރުވާ ހޯއްދެވުމަށްފަހު، މެއި މަހުގެ 13 ވަނަ ދުވަހު އެމަނިކުފާނު ވަނީ ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފައެވެ. އަދި ބާލިންގައި ހުންނަ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު