މާލެ ސަރަހައްދުގެ ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
މާލެ ސަރަހައްދުގެ ކޮވިޑް ކޭސްތައް މަދުވުމާ ގުޅިގެން މިއަދުން ފެށިގެން ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އާންމުކޮށް ހުޅުވާލައިގެން ހިދުމަތް ދިނުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ދީފައެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ވިޔަފާރިތައް ހުޅުވައިގެން ހިދުމަތް ދެވޭނީ ފަތިހު 4:00 އިން ރޭގަނޑު 8:00 އަށް ކަމަށެވެ.
މިނިސްޓްރީން ބުނީ މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުންނާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ޑެލިވަރީގެ ހިދުމަތް ދިނުމަށް ފުލުހުން ވިޔަފާރިތަކަށް ދޫކޮށްފައިވާ ކޮންމެ ފާހެއްވެސް ބޭނުންކުރެވޭނެ ކަމަށް އިއުލާންގައިވެއެވެ.
ވިޔަފާރިތަކަށް ޑެލިވަރީގެ ހިދުމަތް ދިނުމަށާއި ޒަރޫރީ ބޭނުންތަކަށް ހާއްސަ ފާހެއް ދޫކުރާނެ ކަމަށެވެ. މި ފާސް ނެތް ވިޔަފާރިތަކުން ކާފިއު ވަގުތު ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ޕޮލިސް ޕޯޓަލް މެދުވެރިކޮށް "މިސެލޭނިއަސް" ފާސް ނެގޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މީގެ ކުރިން ވިޔަފާރިތަކަށް އިކޮނޮމިކް މިނިސްޓްރީން ފާސް ދޫކުރި ނަމަވެސް މިއަދުން ފެށިގެން ވިޔަފާރިތަކަށް ފާސް ދޫކުރާނީ ފުލުހުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ވަނީ މުދާ ވިއްކާ ތަންތަނާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން އެދިފައެވެ.