މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ

ކުރީގެ ނިންމުން ގެންގޮސް، އަންހެނުން ހިތާނުކުރުމާ ބެހޭ މައްސަލައިގައި އިޔާޒަށް ފިޔަވަޅުއެޅިތޯ ބަލަން ނިންމައިފި

އިބްރާހިމް ޒަކީ

އަންހެނުން ހިތާނުކުރުން ނުވަތަ ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް)، އަކީ، އިސްލާމް ދީނުގައި އޮންނަ ކަމެއް ކަމަށް ވިދާޅުވެ ރައްޖޭގެ ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒް ވާހަކަ ދައްކަވާފައިވާ މައްސަލައިގައި އެކަމާބެހޭ މައުލޫމާތު އިސްލާމިކް މިނިސްޓްރީ އާއި ސަރުކާރުގެ މުއައްސަސާތަކުން ދެކޭ ގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންގޮސް، އެ މައްސަލައިގައި ޑރ. އިޔާޒަށް އެޅީ ކޮން ފިޔަވަޅެއްތޯ ބެލެމަށް އެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އެކޮމިޓީގެ މިއަދުގެ ބައްދަލުވުމުން އެގޮތަށް ފާސްކުރީ، އެކޮމިޓީގެ ކުރީގެ ނިންމުން މުރާޖައާ ކުރުމަށް މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އިއްޔެ އެދިވަޑައިގަތުމާ ގުޅިގެންނެވެ.

ކޮމިޓީގެ ނިންމުން މުރާޖައާ ކުރުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގާއި އީވާ ވިދާޅުވީ، މިހާރު ކުރަން އޮތް މަސައްކަތަކީ، އަންހެނުން ހިތާނު ކުރުމާ ބެހޭ ގޮތުން ހިޔާލު ހޯދުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

އޭގެ އިތުރުން މިހާރު ކުރަން އޮތް މަސައްކަތަކީ އެކަން ހުއްޓުވައި، މަނާކޮށް، އެކަން ރާއްޖޭގައި ހިނގިޔަ ނުދިނުމަށް އަޅަންވީ ފިޔަވަޅުތައް އެޅުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާ ދައްކާ ގޮތް ބެލުން ކަމަށާއި، އެކަމަށް ޓަކައި އިތުރަށް ކުރަން އޮތީ ކޮން ކަމެއްތޯ ބަލައި އެކަން ހިނގިޔަ ނުދިނުމަށް ކުރަން ޖެހޭ ކަންކަން ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ، ރާއްޖޭން އިންސާނީ ހައްގުތަކުގެ ހާލަތު ބަޔާންކޮށް އދ. އަށް ހުށަހެޅުއްވި ރިޕޯޓާ ގުޅިގެން ބައެއް ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން ފީމޭލް ޖެނިޓަލް މިއުޓިލޭޝަން ގެ މައްސަލަ ފާހަގަކޮށްފައިވާ ކަމަށްވެސް ޖީހާން ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ބައެއް ގައުމުތަކުން ރާއްޖެއަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރެއިން ފީމޭލް ޖެނިޓަލް މިއުޓިލޭޝަން ރާއްޖޭގައި ސާފުކޮށް މަނާ ކުރުމަށް ސިޔާސަތުތައް ކަނޑައެޅުމާއި އެކަމާބެހޭ ގާނޫނުތައް ހެދުމަށް، އިޓަލީ އާއި ޖަޕާނާއި ބަހާމާސް، ފިޖީ އަދި ޕެރޫއިން ރާއްޖެއަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ، އެ ހުށަހެޅުންތައް ރާއްޖޭގެ ފަރާތުން އެެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ބަލައިގެންފައިވާ ކަމަށާއި، އެއީ ރާއްޖޭން ވެފައިވާ ބައިނަލް އަގުވާމީ ކޮމިޓްމެންޓެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމަށެވެ.

އެހެންކަމުން އެކަންކަމަށް އިސްކަން ދިނުމަށްޓަކައި، އަންހެނުން ހިތާނު ކުރުމާބެހޭ މައުލޫމާތު މުއައްސަސާތަކުން ހޯދުމަށް ކޮމިޓީން ކުރިން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް މަޝްވަރާކޮށް ކޮމިޓީން އެގޮތަށް ފާސްކުރިއެވެ.

އޭގެ އިތުރުން އަންހެނުން ހިތާނު ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް ގޮސްފައިވާ ހިސާބެއް ބެލުމާއި، އެކަމަށްޓަކައި އެޓާނީ ޖެނެރަލް ގާނޫނީ އޮނިގަނޑަށް ހުށަހަޅުއްވާ ބަދަލުތަކާބެހޭ މައުލުމާތު ހޯދުމުގެ އިތުރުން، އެ މައްސަލައިގައި ގައުމީ ޔުނިވަސިޓީ އާއި އިސްލާމިކް މިނިސްޓްރީން އެޅީ ކޮން ފިޔަވަޅެއްތޯ އޮޅުން ފިލުވުމަށް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

އަންހެނުން ހިތާނު ކުރުމާބެހޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ޑރ. އިޔާޒުގެ މައްސަލަ ކޮމިޓީން ބަލަން ފެށީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމުގެ އެެދިވަޑައިގެންނެވުމާ ގުޅިގެންނެވެ.