މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެރޭ ބޮމެއް ގޮއްވާލައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 30 ދުވަސް އިތުރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މުޖާޒް އަހްމަދު އާއި އަހްމަދު އަދުހަމްގެ އިތުރުން ތުހުމީން އަހުމަދުގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް އިތުރުކޮށްދީފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

އެ ތިން މީހުނަށްފަހު ހައްޔަރު ކުރި އަހްމަދު ފާތިހުގެ ބަންދަށް އިތުރު ކޮށްދީފައިވަނީ 15 ދުވަހެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަސް ވަނަ މީހާ ކަމުގައިވާ ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމްގެ ބަންދަށް ވެސް އިތުރު ކޮށްދީފައިވަނީ 15 ދުވަހެވެ.

އެ މީހުންގެ ތެރެއިން އަދުހަމަކީ ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި އައިއީޑީ ގޮއްވާލި މީހާ އެވެ. ރިމޯޓެއް ބޭނުންކޮށްގެން އޭނާ އައިއީޑީ ގޮއްވާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. ތަހުމީނަކީ ގޮއްވާލި އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލުގެ ވެރި ފަރާތެވެ. މުޖާޒަކީ އަދުހަމާއި ތަހުމީނާ ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ހަމަލާގައި ފާތިހުގެ ދައުރާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އެ ހަމަލާ ދިނުމުގެ އަޑީގައި ތިބި މީހުންނާއި އެކަމަށް ފަންޑު ކުރި މީހުން ހޯދުމަށް ތަހުގީގުތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ތަހުގީގަށް ހުރަސް އެޅިދާނެތީ ލިބިފައިވާ ހެކިތަކުގެ ތަފުސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.

ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުން އަންނައިރު އެ މައްސަލައާ ސީދާ ގޮތުން ގުޅުން ނެތް ނަމަވެސް ހަރުކަށި ފިކުރަށް ތާއިދުކުރާ ގިނަ ބަޔަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި ދާދި ފަހުން ވަނީ މާލޭ ޖަލާއި މާފުށީ ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.