ޔޫރޯ 2020

ފްރާންސާއި ޖަރުމަނު އަދި ޕޯޗުގަލްއާ އެކު މަރުގެ ގުރޫޕުވެސް މަރު! ދިޔައީ "ޗޮކުން"!

ޔޫރޯ 2020 ފެށުމާއެކު އެންމެންގެ ލޯތައް އަމާޒުވީ "ގްރޫޕު އޮފް ޑެތު" ނުވަތަ "މަރުގެ ގްރޫޕު" އަށެވެ. އެ ގްރޫޕުގެ މެޗުތަކަށް އެތައް ބަޔަކު އިންތިޒާރު ކުރިއެވެ. އެ ގްރޫޕުގެ ވަރުގަދަ ތިން ޓީމު މުބާރާތުގައި ކުރިއަށްދާނެ ކަމަށް އޭރު ބެލެވުނެވެ. ހާއްސަކޮށް ފްރާންސުން ފައިނަލާ ހިސާބަށް ދާނެ ކަމަށް ބެލެވުނެވެ.

ޔޫރޯ 2020ގެ "ގްރޫޕު އެފް"ގައި ހިމެނުނީ އެންމެ ފަހުގެ ދެ ވޯލްޑް ކަޕް ޗެމްޕިއަން، ފްރާންސާއި ޖަރުމަންގެ އިތުރުން އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލެވެ. ގްރޫޕު ސްޓޭޖުގެ ކޮންމެ މެޗެއް ވެސް ވެގެންދިޔައީ ބަލައިލަން ޝައުގުވެރި، ވާދަވެރި މެޗުތަކަކަށެވެ.

ގްރޫޕުގައި ފޯރިގަދަކޮށް ފެނުނު މެޗުތަކުގެ ތެރޭގައި ހަންގޭރީން ކުޅުނު މެޗުތައް ވެސް ހިމެނެއެވެ. ވަރުގަދަ ފްރާންސާއި ޖަރުމަން އަދި ޕޯޗުގަލް ކައިރީގައި ވެސް ހަންގޭރީން ހިތްވަރު ކުރިއެވެ. ހަންގޭރީން ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވީ ހަމައެކަނި ޕޯޗުގަލް އަތުންނެވެ. އަދި އެޓީމުން ފްރާންސާއި ޖަރުމަން ހިފެހެއްޓިއެވެ.

ގްރޫޕު ސްޓޭޖު ނިމިގެންދިޔައީ ކުރިންވެސް ބެލެވުނު ގޮތަށް މަރުގެ ގްރޫޕުގެ ވަރުގަދަ ތިން ޓީމަށް ވެސް ގަދަ 16ގެ ޖާގަތައް ކަށަވަރުވެގެންނެވެ. ނަމަވެސް ގަދަ 16 ގައި އެ ތިން ފޭވަރިޓުންނަށް ވެސް ލިބުނީ ހިތްދަތިކަމެވެ. އޭގެ ތެރެއިން ދުނިޔޭގެ ޗެމްޕިއަން ފްރާންސަށް ބޮޑު ލަދަކާ ވެސް ކުރިމަތިލާން ޖެހުނެވެ.

ބޮޑު ހައިރާންކަމެއް، ފްރާންސް ބަލިކޮށް ސްވިޒަލެންޑް ގަދަ 16އަށް

މިފަހަރުގެ ޔޫރޯގައި ލިބިގެންދިޔަ އެންމެ ބޮޑު "ސަޕްރައިޒް" އަކީ ގަދަ 16ގައި ސްވިޒަލެންޑުން ފްރާންސް ބަލިކުރުމެވެ. ސްވިޒަލެންޑާ އަޅައި ބަލާއިރު، ފްރާންސްގެ ފެންވަރު މާ މައްޗެވެ. އެޓީމަކީ ދުނިޔޭގެ ޗެމްޕިއަނުންނެވެ. އެންމެ ފަހުގެ ޔޫރޯގެ ރަނަރަޕެވެ. އަދި މުޅި ޓީމު ބިނާވެގެން ވަނީ ފުޓުބޯޅަ ތަރިންތަކާއެކުއެވެ.

ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ޔޫރޯ ކާމިޔާބުކުރުމުގެ އަޒުމުގައި މުބާރާތަށް ނުކުތް ނަމަވެސް، ސްވިޒަލެންޑްގެ ފަރާތުން ފެނުނީ ހިތްވަރުގަދަ ކުޅުމެކެވެ. ފްރާންސް ބަލިކޮށް މުޅި ދުނިޔެ ސިއްސުވާލުމަށް ސްވިޒަލެންޑުން މެޗަށް ނުކުތީ ޖޯޝުގައެވެ. ތާރީހީ ކުއާޓާ އިން ފުރުސަތު ހޯދުމުގެ އަޒުމުގައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ވެސް ސްވިޒަލެންޑުންނެވެ. ސްވިޒަލެންޑުން ޕެނަލްޓީއެއް ނާކާމިޔާބުކޮށްލި ހިސާބުން އެޓީމަށް އަރައި ނުގަނެވި އުޅެނިކޮށް، ކަރިމް ބެންޒެމާގެ ދެ ލަނޑާއި ޕައުލް ޕޮގްބާގެ ލަނޑުން ފްރާންސް ހަމަޖެހިލިއެވެ. ނަމަވެސް މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް، ސްވިޒަލެންޑުން ވަނީ ދެ ލަނޑު ޖަހައި އެއްވަރުކޮށްފައެވެ.

މެޗުގެ ނަތީޖާ އެއްވަރުވުމާއެކު ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ސްވިޒަލެންޑުގެ ފަރާތުން ފެނުނީ ޖޯޝުގައި ކުޅުނު މަންޒަރެވެ. ހާއްސަކޮށް ޓީމުގެ ކެޕްޓަން ގްރެނިޓް ޖަކާގެ ލީޑާޝިޕުން އެޓީމަށް އިތުރު ހިތްވަރެއް ލިބުނެވެ.

އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާއެއް ނުނެރެވުމުން ދިޔައީ ޕެނަލްޓީ ޝޫޓްއައުޓްއަށެވެ. ޕެނަލްޓީގައި ވެސް ސްވިޒަލެންޑް ޓީމުން ފެނުނީ މޮޅުވުމުގެ ރޫހެވެ. ފްރާންސަށް މާޔޫސްކަމާ ކުރިމަތިލާން ޖެހުނީ އެޓީމުން ފޮނުވާލި ފަސްވަނަ ޕެނަލްޓީންނެވެ. ކީލިއާން އެމްބާޕޭ ފޮނުވާލި އެ ޕެނަލްޓީ، ސްވިޒަލެންޑް ކީޕަރު ޔޭން ސޮމާ ވަނީ މަތަކޮށްފައެވެ.

ތަރިންގެ ޓީމަކާއެކު ފްރާންސުން މުބާރާތަށް ނުކުތް ނަމަވެސް، މެޗުތަކުގައި ހުރިހާ ތަރިންނަށް އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. ހާއްސަކޮށް އެމްބާޕޭއަށް މި މުބާރާތް ވެގެން ގޮސްފައިވަނީ ވަރަށް ދަށް މުބާރާތަކަށެވެ. މުބާރާތް ނިންމާލަން ޖެހުނީ ގޯލެއް ވެސް ނުޖެހިއެވެ.

ޕޯޗުގަލް ޖެހުނީ ބެލްޖިއަމްއާ، މެޗުގެ ފޭވަރިޓަކީ ވެސް ބެލްޖިއަމް!

މި މެޗުގެ ފޭވަރިޓުންނަކީ ވެސް ބެލްޖިއަމްއެވެ. ސެޕްޓެމްބަރު 2018 އިން ފެށިގެން ބެލްޖިއަމަކީ ފީފާ ރޭންކިންގެ އެއްވަނައިގައި ހިފަހައްޓަމުން އަންނަ ޓީމެކެވެ. އޭގެ އިތުރުން މުބާރާތުގައި ވެސް އެންމެ ވަރުގަދަ އެއް އެޓޭކެއްގެ ގޮތުގައި ފާހަގަވެގެންދިޔައީ ބެލްޖިއަމްގެ އެޓޭކެވެ. އެހެންކަމުން މަރުގެ ގްރޫޕުގެ ޓީމުތައް އެކުގައި ނުކުންނަން ބޭނުން ނުވި އެއް ޓީމަކީ ބެލްޖިއަމްއެވެ.

މުބާރާތަށް ނުކުތް ޕޯޗުގަލްގެ ސްކޮޑު، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ވަރުގަދަކޮށް ފެނުނު ނަމަވެސް މެޗުތަކުގައި ބައެއް ތަރީންނަށް އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. ހާއްސަކޮށް ބްރޫނޯ ފެނާންޑޭޒްގެ ކުޅުން ފެނިގެން ގޮސްފައިނުވާ އިރު، ޖޮއާއޯ ފީލިކްސް ފެނިގެންދިޔައީ ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗު ނިމެނިކޮށެވެ.

ގްރޫޕު ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއްގައި ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ލަނޑު ޖެހި ނަމަވެސް، ތިބޯ ކޯޓުވާ ބަލަހައްޓަމުންދިޔަ ބެލްޖިއަމްގެ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވައިލެވިފައެއް ނުވެއެވެ. ނަމަވެސް މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އަދިވެސް އޮތީ ރޮނާލްޑޯއެވެ. އޭނާ ވަނީ ޖުމުލަ ފަސް ލަނޑު ޖަހައިފައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ ގަދަ 16ގެ މެޗުގައި ބެލްޖިއަމުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އެޑެން ހަޒާޑުގެ ކޮއްކޮ، ތޯގަން ހަޒާޑެވެ. ފުރަތަމަ ހާފު ނިމެނިކޮށް ޖެހި އެ ލަނޑަށްފަހު، ޕޯޗުގަލުން ބެލްޖިއަމްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ނަސީބު ހުރި ގޮތުން ގޯލުގެ ތެރެއަށް ބޯޅައެއް ވަދެފައެއް ނުވެއެވެ.

ޖަރުމަނު އަތުން އިންގްލެންޑުގެ ބަދަލު ހިފުން ފުރިހަމަ!

އިންގްލެންޑުގެ އަމިއްލަ ދަނޑު، ވެމްބްލީގައި ކުޅުނު މެޗަށް ޖަރުމަނުން ނުކުތީ އުނދަގޫތަކެއް ކުރިމަތިވާނެކަން އެނގިގެންނެވެ. ޒުވާން ކުޅުންތެރިންތަކަކާއެކު ވެސް މިފަހަރުގެ މުބާރާތަށް އިންގްލެންޑުން ކުރިމަތިލީ ފުރަތަމަ ފަހަރަށް ޔޫރޯ ކާމިޔާބުކުރުމުގެ އަޒުމުގައެވެ.

ގަދަ 16ގެ އެ މެޗު ވެގެންދިޔައީ އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓަށް ވެސް މުހިންމު މެޗަކަށެވެ. އަމިއްލަ ގައުމުގައި ބޭއްވި 1996ގެ ޔޫރޯގެ ސެމީ ފައިނަލަށް އިންގްލެންޑް ދިޔަ ނަމަވެސް، ޖަރުމަން އަތުން ބަލިވީ ޕެނަލްޓީ ޝޫޓްއައުޓްގައި މިހާރުގެ ކޯޗު ސައުތުގޭޓްގެ ޕެނަލްޓީ ނާކާމިޔާބުވެގެންނެވެ.

ގްރޫޕު ސްޓޭޖުގެ ކޮންމެ މެޗެއްގައި ވެސް ޖަރުމަނުން ލަނޑު ޖެހި ނަމަވެސް، އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ޖެހިފައެއް ނުވެއެވެ. މެޗުގައި ޖަރުމަން ކޮޅަށް އިންގްލެންޑުގެ ލަނޑުތައް ޖަހައިދިނީ ރަހީމް ސްޓާލިން އާއި ކެޕްޓަން ހެރީ ކޭންއެވެ. މުބާރާތުގައި އިންގްލެންޑް ކޮޅަށް އަދި ލަނޑެއް ވަދެފައެއް ނުވެއެވެ.

މިއީ ޖަރުމަނުގެ ކޯޗު ޔޯކިން ލޯގެ އެންމެ ފަހު މުބާރާތެވެ. ޖަރުމަނަށް ވޯލްޑް ކަޕް 2014ގެ ޗެމްޕިއަންކަން ހޯދައިދިން ލޯއަށް ފަހު، ޖަރުމަނުގެ ކޯޗުކަމުގެ މަގާމާ ދެން ހަވާލުވާނީ ކުރިން އޭނާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ހާންސީ ފްލިކްއެވެ. ލޯ ވަނީ ޖަރުމަނުގެ ކޯޗުކަމުގެ މަގާމުގައި 15 އަހަރު ހޭދަކޮށްފައެވެ.