ޚަބަރު

ރިސޯޓުތަކުން ވަކިކުރާ މުވައްޒަފުން ޓުރައިބިއުނަލް އަށް ދިއުމުން ބްލެކް ލިސްޓަށްލާ ކަމުގެ ތުހުމަތު

މުއާވިޔަތު އަންވަރު

ރިސޯޓްތަކުގެ ވަޒީފާތަކުން ވަކި ކުރާ މުވައްޒަފުން ހައްގު ހޯދުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމުން އިންޑަސްޓްރީން އެ މީހަކު ބްލެކް ލިސްޓަށް ލައި އިތުރަށް އެހެން ރިސޯޓަކުން ވަޒީފާއެއް ހޯދުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ތުހުމަތުކޮށްފި އެވެ.

ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވަސް (ޓީމް) އިން ބުނީ، ވަޒީފާގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ޓުއަރިޒަމް ދާއިރާގައި އުޅޭ އެތައް މުވައްޒަފުންނެއްގެ ވަޒީފާ ވަނީ ގެއްލިފައި ކަމަށެވެ.

"ވަކިކުރެވުނު ފަރާތްތަކުން އިންސާފު ހޯދުމަށް ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމުގެ ސަބަބުން އިންޑަސްޓްރީން ބްލެކް ލިސްޓް ކުރެވި އެހެން ވަޒީފާއެއް ނުލިބުމުގެ ޝަކުވާ ލިބެމުންދާކަމީ ކަންބޮޑުވާ ކަމެއް،" ޓީމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެހެން ކަމުން ގާނޫނަށް ގެނައި އިސްލާހު އުވާލައި އިންޑަސްޓްރިއަލް ރިލޭޝަންގެ ގާނޫނެއް ފާސް ކުރުމަށް ޓީމުން ވަނީ ގޮވާލައިފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި އެންމެ ބޮޑެތި ގޮންޖެހުންތަކަކާއި ބޮޑު ގުރުބާނީއެއް ވަމުން އަންނަ އެއްބަޔަކީ ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންކަން ފާހަގަކޮށް ޓީމުގެ ބަޔާނުގައި ބުނެފައިވަނީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގައިޑްލައިންތަކުގެ ސަބަބުން އެ މުވައްޒަފުން އަންނަނީ އެހެން އެއްވެސް ދިވެއްސަކު ތަހައްމަލު ކުރަން ނުޖެހޭ ފަދަ ހިތްދަތި ހާލަތެއް ތަހައްމަލު ކުރަމުން ކަމަށެވެ.

އެގޮތުން ރިސޯޓް މުވައްޒަފުން އަނބި ދަރިންނާއި އާއިލާއާ ބައްދަލު ނުވެވި އެތައް މަސްތަކެއް ރިސޯޓްގައި ހޭދަކުރަން ޖެހުމާއި ޗުއްޓީއެއް ނެތި މަދު މުވައްޒަފުންނާ އެކު ދެކޮޅު ނުޖެހޭ އުޖޫރައެއްގައި ގިނަ ވަގުތު ބުރަ މަސައްކަތްތަކެއް ކުރަން ޖެހުމުގެ ސަބަބުން ޖިސްމާނީ އަދި ނަފުސާނީ ބަލިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"އެހެން ކަމުން މިބަލިމަޑުކަމުގައި މުއްސަނދި ވިޔަފާރިވެރީންގެ ވިޔަފާރިތައް ހިންގުމަށްޓަކައި ރިސޯޓް މަސައްކަތްތެރިން ގުރުބާން ކުރުން ހުއްޓާލަން ގޮވާލަން،" ޓީމްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ބަދަލުކޮށް ނުވަތަ ލުއި ދިނުމަށްފަހު، ރިސޯޓް މުވައްޒަފުންނަށް ފަސޭހައިން އަނބި ދަރިންނާ ބައްދަލުކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ވެސް ޓީމުން ވަނީ ގޮވާލައިފަ އެވެ.

އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެދި ރިސޯޓު މުވައްޒަފުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސް އިން އިސްނަގައިގެން ހުށަހަޅަން ތައްޔާރުވާ މި ޕެޓިޝަނުގައި މިހާރުވެސް 600 އެއްހައި މުވައްޒަފުން ވަނީ ސޮއި ކޮށްފަ އެވެ.