ކުޅިވަރު

ފުޓުބޯޅައިގެ އާދަޔާ ހިލާފު ތާރީހުތަކެއް ލިޔެވުނު ރެއެއް، ކެޓީ "ކަޓަން ނުޖެހޭ" ޓީމެއް!

މުޙައްމަދު ޝަމްޢޫން

3

ޔޫރޯ 2020 ގެ ގަދަ 16 އިން ރޭ ފެނިގެން ދިޔައީ ފުޓުބޯޅަ ތާރީހުން ޖާގަ ހޯދާނެ ތަފާތު މަންޒަރުތަކެކެވެ. ރޭ ކުޅުނު ދެ މެޗުގައިވެސް ދާދި އެއްކަލަ ގޮތަކަށް މަންޒަރުތައް ބަދަލުވެގެން ގޮސްފައިވާއިރު، ފުޓުބޯޅައިގެ ސަޕޯޓަރުން ސާބިތު ކޮށްދިނީ، ދުނިޔޭގައި އެންމެ ޝައުކުވެރިކުރުވަނިވި، އެންމެ ރީތި ކުޅިވަރަކީ ފުޓުބޯޅަ ކަމެވެ. އެ ބަސްތަކުން މުޅި މީސް މީޑިއާ ފުރާލިވެސް މެއެވެ. އެ ދެ މެޗުގައިވެސް ގިނަ ގޯލްތަކެއް ޖަހައި، ނޭވާ ހިފަހައްޓާލަން ޖެހުނު އެތައް ދަނޑިވަޅުތަކެއް ދިޔައެވެ. އާދަޔާ ހިލާފު ރެއެކެވެ.

ލެޖެންޑަރީ ފުޓުބޯޅަ ކުޅުންތެރިޔާ، އަދި ބީބީސީގެ ހޯސްޓް ގެރީ ލިނެކާއަށްވެސް ރޭގެ މެޗުތައް ހާއްސަ ވިއެވެ. މެޗުތަކުގެ ނަތީޖާއަށް ދިޔުމަށް ދިމާވި ކޮންމެ މަންޒަރަކީ ފޯރިން ފުރިގެންވާ މަންޒަރުތަކެއްކަން އޭނާގެ ބަސްތަކުންވެސް ސާފެވެ.

ރޭ ކުޅުނު ފުރަތަމަ މެޗަށް ނަޒަރުހިންގާލަމާ ހިނގާށެވެ. ސްޕެއިން އާއި ކްރޮއޭޝިއާ ކުޅުނު މެޗުގައި އަށް ގޯލް ފެނިގެން ދިޔައެވެ. ޕާކަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ނިމުނީ 5-3 ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ޔޫރޯ ތާރީހުގައިވެސް ދެވަނައަށް އެންމެ ގިނަ ގޯލު ފެނުނު މެޗެވެ. ޔޫރޯ ތާރީހުގައި އެންމެ ގިނަ ގޯލު ފެނުނު މެޗަކީ 1960 ވަނަ އަހަރު ސެމީ ފައިނަލުގައި ފްރާންސާއި ޔޫގޯސްލާވިއާ ކުޅުނު މެޗުގައެވެ. އެ މެޗުގައި ނުވަ ގޯލު ފެނިފައިވެއެވެ.

ދެ މެޗުގައި ގޯލްތައް ޖެހި ވަގުތަށް ބަލައިލަމާ ހިނގާށެވެ. އެއީ މެޗު ފޯރިގަދަވެގެން ދިޔަ ސަބަބެވެ. ޔޫރޯ ތާރީހުގައިވެސް އެންމެ ކާމިޔާބު އެއް ޓީމަށް މެޗުގެ ކުރީކޮޅުގައިވެސް ހައިރާން ކަމެއް ލިބުނެވެ. އާދަޔާ ހިލާފު ބައި ގޯލެއް ސްޕެއިން ކޮޅަށް ވަދެގެންނެވެ. ފުރަތަމަ ހާފް 1-1 އިން ނިމުނުއިރު، ސްޕެއިން ކޮޅަށް ވަން ބައި ގޯލަކީ މެދު ރޮނގާ ހަމައިން ޕެޑްރީ ފަހަތަށް ޖައްސާލި ބޯޅަ، ކީޕަރު އުނައި ސިމޮން ކޮންޓްރޯލް ކުރަން އުޅެނިކޮށް ބައިކޮޅަށް ވަނީ ރަނގަޅަށް ބޯޅަ ކޮންޓްރޯލް ނުވެގެންނެވެ.

ދެވަނަ ހާފަށް ނުކުމެ ސެޒާ އަޒްޕިލިކުއެޓާ 57 ވަނަ މިނެޓުގައި، އަދި ފެރާން ޓޮރެސް 77 ވަނަ މިނެޓުގައި ޖެހި ގޯލުން ސްޕެއިން ހަމަޖެހިލައި ނަތީޖާ ގާތްގަނޑަކަށް ޔަގީން ކޮށްލިއެވެ. އެކަމަކު އެހައި ހިސާބުންވެސް މެޗުގެ ޑްރާމާ ނިމުމަކަށް ނައެވެ. 85 ވަނަ މިނެޓުގައި އޯސިޗް ކްރޮއޭޝިއާއަށް ލީޑު ހަނިކޮށް އުންމީދު ގެނެސްދިނެވެ. އެ އުންމީދާއެކު ކުރިއަށް ޖެހުނު ކްރޮއޭޝިއާ އިން މެޗުގެ ވަހު ވަގުތުގައި ނަތީޖާ ހަމަހަމަވެސް ކުރިއެވެ. އޯސިޗް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުން ކޮރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ޕަސަލިޗެވެ.

އިތުރު ވަގުތަށް މެޗު ދިޔުންވެސް ވީ ހައިރާން ކަމަކަށެވެ. އިތުރު ވަގުތުގައި ދެކޮޅަށްވެސް ހަމަލާއަކަށްފަހު ހަމަލާއެއް ފެނުނުއިރު ސްޕެއިން ހެއްވާލީ އަލްވާރޯ މޮރާޓާއެވެ. ފާޑު ކިޔުންތަކަށް އޭނާ ޖަވާބު ދިނެވެ. އަދި ސްޕެއިންއިން ނަތީޖާ ޔަގީން ކުރީ އޮޔަރްޒަބަލް ޖެހި ގޯލުންނެވެ.

ދެން އޮތީ ރޭގެ ފަހު މެޗެވެ. ދުނިޔޭގެ ޗެމްޕިއަނުން ފްރާންސް ނުކުތީ ސްވިޒަލޭންޑާ ދެކޮޅަށެވެ. ފެވަރިޓުންނަކީ ޔަގީނުންވެސް ދުނިޔޭގެ ޗެމްޕިއަނުންނެވެ. ވާނީވެސް އެހެންތާއެވެ. ފްރާންސުން މެޗަށް ނުކުތީ ދުނިޔޭގެ ޗެމްޕިއަނުން ގޮތުގައެވެ. 1984 އާއި 2000 ވަނަ އަހަރު ޔޫރޯ ކާމިޔާބު ކުރި ފްރާންސުން ގަދަ 16 އަށް ދަތުރުކުރީ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ފްރާންސުން ވަނީ ގްރޫޕް ސްޓޭޖުގައި ވަރުގަދަ ޖަރުމަނު ބަލިކޮށް، އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލާއި ހަންގޭރީއާ އެއްވަރުކޮށްފައެވެ. އަނެއްކޮޅުން ނުކުންނަ ސްވިޒަލޭންޑަކީ ގްރޫޕް އޭގެ ތިންވަނަ ޓީމެވެ.

މެޗު ފެށިގެން 15 ވަނަ މިނެޓުގައި ސްވިޒަލޭންޑުން "ސަޕްރައިޒް" ލީޑެއް ނެގިއެވެ. ސަފެރޮވިޗްގެ އެ ގޯލާއެކު ފްރާންސުން ހާފް ނިންމާލީ ބަލިވެ އޮވެގެންނެވެ. ފުރަތަމަ ހާފްގައި ފްރާންސުން ސްވިޒަލޭންޑް ގޯލާ އަމާޒުކޮށް ހަމަލާއެއްވެސް އުފައްދާފައެއް ނުވެއެވެ. ދެވަނަ ހާފް ފެށީ ތަފާތުކޮށެވެ. ފުރަތަމަ ކޮޅުގައި ސްވިޒަލޭންޑަށް ޕެނެލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީ ފްރާންސް ކެޕްޓަން ހޫގޯ ލޮރިސް މަތަކުރިއެވެ.

ޕެނެލްޓީގެ ނާކާމިޔާބީއާއެކު ފްރާންސް ހިތްވަރު ހޯދިއެވެ. ފުލުފުލުގައި ކަރިމް ބެންޒެމާ ޖެހި ދެ ގޯލާއި މެޗުގެ 75 ވަނަ މިނެޓުގައި ޕައުލް ޕޮގްބާ ޖެހި ހިތްގައިމު ގޯލާއެކު ފްރާންސުން 3-1 އަކަށް ނަތީޖާ ބަދަލު ކޮށްލިއެވެ. ދުނިޔޭގެ ޗެމްޕިއަނުން ފޯމް އަނބުރާލައި ކުއާޓާއަށް ދިޔަ ކަމަށް އެތައް ބަޔަކު ޔަގީންކުރިއެވެ.

އެހެންނަމަވެސް ސްވިޒަލޭންޑުން ދުލެއް ނުދިނެވެ. މެޗުގެ 81 ވަނަ މިނެޓުގައި ސެފަރޮވިޗް ގޯލް ޖަހައި އުންމީދު އާކޮށްދިންއިރު، މެޗުގެ ފަހު މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ގަވްރޮނޮވިޗް ޖެހި ގޯލާއެކު ސްވިޒަލޭންޑުން 3-3 އަށް ނަތީޖާ ބަދަލުކޮށްލިއެވެ. މެޗު އިތުރު ވަގުތުގެ ކުޅުމަށް ދިޔައެވެ.

އިތުރު ވަގުތުގެ ފުރަތަމަ ކޮޅުގައި ޕަވާޑް ޖެހި ބޯޅައެއް ސްވިޒަލޭންޑް ގޯލްކީޕަރު ހުޝިޔާރު ކަމާއެކު މަތަކޮށްފައިވާއިރު، އެންމެ ފަހު ސިކުންތުގައި ކޯމަން ޖެހި ބޯޅަ އަމާޒުވީ ދަނޑިއަށެވެ. ޕެނެލްޓީގައި ފްރާންސް މާޔޫސްވީ ފަސްވަނައަށް ކިލިއަމް އެމްބާޕޭ ޖެހި ޕެނަލްޓީ ސޮމާ މަތަކުރުމުންނެވެ. ގަބޫލުކުރަން ދަތިކޮށް ނަމަވެސް ދުނިޔޭގެ ޗެމްޕިއަން ކެޓީއެވެ. ފުޓުބޯޅައިގެ ބަސްތަކުން ބުނާ ނަމަ "ކަޓަން ނުޖެހޭ" ޓީމެއް އަތުން ބަލިވެގެންނެވެ. އާދަޔާ ހިލާފު ދެ މެޗެކެވެ. ފުޓުބޯޅައަށް އެތައް ބަޔަކު ލޯބި ޖެހޭ ސަބަބު ރޭގެ ދެމެޗުން އެކަނިވެސް ސާފުކޮށް ފެންނާނެއެވެ.