ކުޅިވަރު

އަލީ ދާއީގެ ރެކޯޑު މުގުރާލައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާގެ މަގާމަށް ރޮނާލްޑޯ

މުޙައްމަދު ޝަމްޢޫން

ދުނިޔޭގެ ތާރީހުގައި މިހާތަނަށް ގައުމީ ޖާޒީގައި އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔަކަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ.

ޕޯޗުގަލްއިން ރޭ ރިޕަބްލިކް އޮފް އަޔާލޭންޑާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުގައި ރޮނާލްޑޯ ވަނީ ދެ ގޯލް ޖަހައިފައެވެ. ޕޯޗުގަލްއިންއިން ރޭގެ މެޗު 2-1 އިން ކާމިޔާބު ކޮށްފައިވާއިރު، ރޮނާލްޑޯގެ ދެ ގޯލަކީ ފަހު ފަސް ވަރަކަށް މިނެޓު ތެރޭގައި ޖެހި ދެ ގޯލެވެ. މެޗުގެ ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯއަށް ރެކޯޑު މުގުރެން އޮތް ނަމަވެސް އެ ޕެނަލްޓީ ވީ ނާކާމިޔާބެވެ.

ރޭގެ މެޗުގައި ނަތީޖާ އަނބުރާލަން ރޮނާލްޑޯ ޖެހި ދެގޯލާއެކު ގައުމީ ޖާޒީގައި އޭނާ ވަނީ 111 ގޯލް ޖަހާފައެވެ. ރޮނާލްޑޯ މުގުރާލާފައި ވަނީ އީރާންގެ އަލީ ދާއީގެ ތާރީހީ ރެކޯޑެވެ.

އެންމެފަހުން ބޭއްވި ޔޫރޯގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލްއިން ފްރާންސާ ދެކޮޅަށް ކުޅުނުއިރު، އެ މެޗުގައި ރޮނާލްޑޯ ޖެހި ދެ ގޯލާއެކު އޭނާ ގައުމީ ޖާޒީގައި ޖެހި ގޯލްގެ އަދަދު ވަނީ 109 އަށް އަރައިފައެވެ. އެއީ ދުނިޔޭގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއާ ހަމަހަމަ އަދަދެކެވެ. އެ ރެކޯޑުގައި ކުރިންވެސް އޮތް އީރާންގެ އަލީ ދާއީ ޖަހާފައި ވަނީވެސް 109 ގޯލެވެ.

ރޮނާލްޑޯ ރެކޯޑާ ހަމަކުރުމާއެކު އަލީ ދާއީ ވަނީ ރޮނާލްޑޯއަށް އިހުތިރާމުކޮށް މަރުހަބާ ކިޔުމަށް ހާއްސަ މެސެޖެއް މީސް މީޑިއާއަށް ދޫކޮށްލައިފައެވެ.

"ރޮނާލްޑޯއަށް މަރުހަބާ. ރޮނާލްޑޯ މިހާރު އެންމެ ގޯލަކާއެކު ދުނިޔޭގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާއަށް ވާނެ. އަހަންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް މި ރެކޯޑު ރޮނާލްޑޯއާއެކު ހިއްސާ ކުރެވުމަކީ. ރޮނާލްޑޯއަކީ ފުޓުބޯޅައިގެ ޗެމްޕިއަނެއް. އަދި އެހެން މީހުންނަށް އަޅާލައި، އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދިން ނަމޫނާއެއް،" އަލީ ދާއީ ބުނެފައިވެއެވެ.

ރޭގެ ދެ ގޯލަށްފަހު ރޮނާލްޑޯ ވަނީ އެފަދަ ބޮޑު ރެކޯޑެއް ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓަމުން ދިޔަ އަލީ ދާއީއަށްވެސް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. އޭގެ އިތުރުން ރޮނާލްޑޯ ބުނެފައި ވަނީ ޕޯޗުގަލްގައި ޖެހި 111 ގޯލަކީވެސް އޭނާއަށް ހާއްސަ ގޯލްތަކެއް ކަމަށާއި، ގައުމީ ޖާޒީގައި ލިބޭނެ ބޮޑު ޝަރަފެއް ކަމަށެވެ.

ރޮނާލްޑޯއަކީ ޔޫރޯގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ. ނިމިދިޔަ ޔޫރޯގައިވެސް ރޮނާލްޑޯ ފަސް ގޯލް ޖަހާފައިވާއިރު، ރޮނާލްޑޯ ވަނީ ޔޫރޯ ތާރީހުގައި 15 ގޯލް ހަމަކޮށްފައެވެ. އެންމެ ގާތުން ވާދަކުރާ މިޝޭލް ޕްލެޓިނީއަށް ޖެހިފައި ވަނީ ނުވަ ގޯލެވެ. އޭގެ ފަހަތުން ތިންވަނައިގައި އޮތީ އެލެން ޝިއެރާއެވެ. އެއީ ހަތް ގޯލް ޖަހައިގެންނެވެ. އެކްޓިވް ކުޅުންތެރިންނަށް ބަލާއިރު ރޮނާލްޑޯއާ އެންމެ ގާތުން އުޅެނީ ފްރާންސްގެ އެންޓޮއިން ގްރީޒްމަންއެވެ. އޭނާވެސް ވަނީ ޔޫރޯގައި ހަތް ގޯލް ޖަހާފައެވެ.

އަލީ ދާއީ ގައުމީ ޓީމަށް 109 ގޯލް ޖަހައިދިނީ 149 މެޗުންނެވެ. ރޮނާލްޑޯ އެ އަދަދު ހަމަކުރީ 177 މެޗުންނެވެ. އެ ދެކުޅުންތެރިންނާ އެންމެ ގާތުން ވާދަކުރަނީ މެލޭޝިއާގެ މޮހްތާރު ދަހާރީއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 89 ގޯލް ޖަހައިދީފައެވެ. ލިސްޓްގެ ހަތަރު ވަނައިގައި ގައުމީ ޓީމަށް 85 މެޗުން 84 ގޯލް ޖަހައިދީފައިވާ ފްރޭކް ޕުސްކާސް އޮތްއިރު، ދެން ފަސް ވަނައިގައި އޮތީ 79 ގޯލާއެކު ޒަމްބިއާގެ ގޮޑްފްރޭ ޗިޓާލޫއެވެ.