ރާއްޖޭގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފާނެކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

ކްލަބު ހައުސްގައި އެމްޑީޕީ ހަރުގޭގެ ނަމުގައި ހަދާފައިވާ ގުރޫޕުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި އެންމެ ފުރަތަމަ މީހުންނަށް ގެއްލުންދިނުމުގެ ގޮތުން ކޮށް އުޅުނު އެއްކަމަކީ ހުޅުޖެހުން ކަމަށެވެ. ނަމަވެސް މިހާރު ޒަމާން ބަދަލުވެ، ޓެކްނޮލޮޖީގެ އެހީގައި މީހުންނަށާއި މުދަލަށް ގެއްލުން ދިނުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހިތަށް ފެންނަނީ ވަރަށް ވަރަށް އަނދިރި މަންޒަރެއް. އެއީ ޖާނުން ފިދާވުމުގެ ހަމަލާ އަޅުގަނޑުމެންގެ ތެރެޔަށް އަންނަން ފެށުން. އަޅުގަނޑަށް ފެންނަ ގޮތުގައި އެކަންވެސް އަޅުގަނޑުމެންގެ ތެރެޔަށް އަންނާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އެގޮތުން ޓެރަރިސްޓުންގެ ގޮތުގައި ލޭބަލްވެފައި ތިބި ވީހާވެސް ގިނަ ބަޔަކު ހައްޔަރު ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހިފައި ހައްޔަރު ކޮށްގެން ނަމަވެސް، މިހާރު ރާއްޖެއަަށް ދިމާވާން މިއުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ."

ރާއްޖޭގައި ޖާނުން ފިދާވުމުގެ ހަމަލާވެސް ދީފާނެ ކަމަަށް ރައީސް ނަޝީދު ވިދާޅުވި އިރު އެމަނިކުފާނު އަވަހާރަ ކޮށްލުމަށް ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ވަނީ އައިއީޑީއެއް ގޮއްވާލައިގެން ޓެރަރިސްޓް ހަމަލާއެއް ދީފައެވެ.