ފަހަތު ފަޔަށް ބުރަވެ ވަޑައިނުގެން، ރާއްޖެ ސަލާމަތް ކުރައްވަން ނުކުންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވައިފިއެވެ.

ކްލަބް ހައުސްގައި އެމްޑީޕީގެ ހަރުގެ ހުޅުވުމަށް އޮންލައިންކޮށް މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ގައުމަށް މިއަދު ދިމާވެގެން މިއުޅެނީ ކުޑަ ކަމެއް ނޫންކަން ފަނޑިޔާރުންނަށް އެބަ ވިސްނެންޖެހޭ ކަމަށެވެ. އަދި ޓެރަރިޒަމާއި ހަރުކަށި ފިކުރަށް ތުހުމަތު ކުރެވޭ މީހުންނަށް ކުރު މުއްދަތު ޖަހައި މަގުމައްޗަށް ދޫކޮށްލައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އާދައިގެ ކުދިންނަށް ޖަލުން ނުކުމެވޭނެ ގޮތެއް ނުވެފައި ތިބި ނަމަވެސް، ޓެރަރިޒަމްގެ ފިކުރުގައި އުޅޭ މީހުންނަށް ވަރަށް ފަސޭހައިން މައާފު ލިބިގެންދާ ކަމަށެވެ. ނަމަވެސް މި ވަގުތަކީ ވަރަށް ގިނަ އަދަދެއްގެ ބައެއް ހިފައި ހައްޔަރުކޮށްގެން ނަމަވެސް ރާއްޖެއަށް ދިމާވާން އުޅޭ ކަންކަމުން އަރައިގަންނަންވީ ވަގުތު ކަމަށް ވިދާޅުވިއެވެ.

"ސަރުކާރުން މިއީ އެއްގޮތަކަށްވެސް ފަހަތު ފަޔަށް ބުރަވެފައި އޮންނަންވީ ވަގުތެއް ނޫން ކުއްލި އަކަށް ކުރަންޖެހޭ ހިންގަންޖެހޭ ކަންކަން ވަރަށް ގިނަ. ގިނަ ބަޔަކު ކުއްލިއަކަށް ހިފައި ހައްޔަރުކުރުން މިއަދު މިވަނީ ބޭނުން ޖެހިފައި," ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަމެއް ކުރަންޖެހޭނެކަން ފާހަގަކުރައްވައި އެމަނިކުފާނު އިތުރަށް ވަނީ، ފަހަތު ފަޔަށް ބުރަވެވަޑައިނުގެން, ގައުމު ރައްކާތެރިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުކުންނަވަންޖެހޭ ކަމަށް ވިދާޅުވެފައެވެ.