މާލެ އަދި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ގާއިމުކުރަން މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެ. އަދި ސީއެސްސީއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ދިވެހިރާއްޖޭގެ ގޮފީގެ ޖެނެރަލް މެނޭޖަރު، ޒޭންގ ޓާއޯ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ މާލެ އާއި ވިލިމާލޭގައި ވޭސްޓް ޓްރާންސަފާ ސްޓޭޝަނެއް ގާއިމުވުމާއެކު، މާލެ އަދި ވިލިމާލެއިން ތިލަފުއްޓަށް ކުނި ގެންދިއުމުގެ ކުރިން ކޮއިންޓެއިނަރުތަކުގައި ބެހެއްޓޭނެ ކަމަށާއި އޭގެ ސަބަބުން މޫދަށާއި ކަނޑަށް ކުނި އެޅޭ މައްސަލައަށް ޖުމުލަ ގޮތެއްގައި ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށެވެ.
އެގޮތުން ކޮންސްޓްރަކްޝަން ކުންޏާއި، އެހެނިހެން ކުނި ބެހެއްޓޭނީ އެކަމަށް ހާއްސަކުރެވިފައިވާ ކޮންޓެއިނަރުތަކުގައެވެ. އަދި އެކަމުގެ ސަބަބުން، ތިލަފުއްޓަށް ކުނި ގެންދާއިރު ނުބައި ވަސް ދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ހާމަގޮތެއްގައި ކުނި ނުބަހައްޓައި، ތެތް އަދި ތެތް ނޫން ކުނިވެސް ވަކިކުރެވި، ކޮންޓެއިނަރުތަކުގައި ބެހެއްޓުމުގެ ސަބަބުން، މީގެ ކުރިން ހާމަކޮށް ކުނި ބެހެއްޓުމުގެ ސަބަބުން މެއްސާއި ފަނިފަކުސަ ގިނަ އަދަދަކަށް ކުނި ބަހައްޓާ ތަނުގައި ހުރުން ފަދަ ކަންކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)، ޖޭ.އެފް.ފީ.އާ.އާރް އަދި ޓީ.އޭ.އެސް.އެފްގެ އެހީއާއެކު އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށްގެންދާ ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ފޭސް 1 ގެ ދަށުން ކުރިއަށްގެންދާ އެ މަސައްކަތުގެ ޖުމުލަ އަގަކީ ހަ ލައްކަ ދިވެހި ރުފިޔާއެވެ. މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އެއް އަހަރާއި ހަތަރު މަސް ދުވަހުގެ ތެރޭގައި ކަމަށް ވެސް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށްގެންދާ ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނެޖުކުރާ ނިޒާމެއް މާލެ ސަރަހައްދު އަދި ޒޯން 3 ގެ ރަށްތަކުގައި އެކުލަވާލުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަކީ އެހީދޭ ޖަމާއަތްތައް ކަމަށްވާ އޭޑީބީ އާއި ޖޭ.އެފް.ފީ.އާ.އާރް އަދި ޓީ.އޭ.އެސް.އެފްގެ އެހީއާއެކު ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނެޖުކުރާ ނިޒާމެއް މާލެ ސަރަހައްދު އަދި ޒޯން 3 ގެ ރަށްތަކުގައި (32 ރަށް) އެކުލަވައިލުމެވެ.
އެ ޕްރޮޖެކްޓް ހިންގަނީ މައިގަނޑު ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފޭސް 1 ގައި ހިމެނެނީ މޫސުމަށް އަންނަ ބަދަލުތަކަށް އަދި ކާރިސާތަކަށް ވިލުންވެރި (ކްލައިމެޓް އެންޑް ޑިޒާސްޓާ ރެސިލިއަންޓް) ކުނި އުފުލައި، ނައްތާލާ ނިޒާމެއް އުފެއްދުމާއި، ރަށު ފެންވަރުގެ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމުކުރުމާއި، އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުނި ނައްތާލަން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.
އެގޮތުން އާއްމުން ހޭލުންތެރިކުރުން (ރިޑިއުސް، ރީޔޫޒް، ރިސައިކަލް) ހިމެނެއެވެ. އަދި ދެވެނަ ފިޔަވަހީގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ސަރަހައްދީ ކުނި މެނޭޖުކުރާ މަރުކަޒެއް ގާއިމުކުރުމާއި، ތިލަފުށީގެ ޑަމްޕްސައިޓް ރިމީޑިއޭޓްކުރުމާއި، އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހިއްޓެނިވި ގޮތަކަށް ކުނި މެނޭޖުކުރުމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުން ހިމެނޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު