ހުތުބާ

ބުއްދިވެރިކަމާ އެކީ، ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދިއަކީ އެމީހާގެ މައްޗަށް ހުރި ވަބާއެއް: ހުތުބާ

ބުއްދިވެރިކަމާ އެކީ، ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދިއަކީ އެމީހާގެ މައްޗަށް ހުރި ވަބާއެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނީ ބުއްދިއަކީ ރިޒުގު ދެއްވާ ފަދައިން އެކި ވަރުވަރަށް އެކި އިންސާނުންނަށް ﷲ ދެއްވާ މަތިވެރި ނިއުމަތެއް ކަމަށާއި ބުއްދީގެ ނިއުމަތަކީ އިންސާނާއަށް ﷲ ދެއްވާފައިވާ އެންމެ މަތިވެރި ނިއުމަތް ކަމަށެވެ. އަދި ބުއްދިވެރިކަމާ ނުލައި ދީންވެރިކަމެއް ނެތް ކަމަށާއި ދީންވެރިކަމާ ނުލައި ލަދުވެތިކަމެއް ވެސް ނެތް ކަމަށް ވެސް ބުނެފައިވެއެވެ.

"މިއީ އިންސާނާގެ ދުނިޔެއާއި އާހިރަތް ބާއްޖަވެރިކޮށްދޭ މާތް ސިފަތަކެވެ. ބުއްދިވެރިކަމާ އެކީ، ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދިއަކީ އެމީހާގެ މައްޗަށް ހުރި ވަބާއެކެވެ،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ ކީރިތި ގުރުއާނުގެ އެތައް އާޔަތްތަކެއްގައްޔާއި މާތް ނަބިއްޔާގެ ސުންނަތުގައި ބުއްދީގެ މުހިންމުކަން ބަޔާން ކުރައްވައި، ހެޔޮގޮތުގައި ބުއްދީގެ ބޭނުން ހިފާ މީހުންނަށް ތައުރީފު ކުރައްވާފައިވާ ކަމަށާއި ނަމަވެސް އިސްލާމްދީނުގައި ހުރި ބައެއް ކަންކަމަކީ އިންސާނާގެ ބުއްދީގެ ބޭނުން ކޮށްގެން ނުވަތަ މި ޒަމާނުގެ ސައިންސްގެ އަލީގައި އޭގެ ތެދު ދޮގު ކަށަވަރުކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

"ﷲ ތައާލާ އެކަލާނގެ ނަބީންނާއި، ރަސޫލުންނަށް ދެއްވި ބައެއް މުއުޖިޒާތަކީ މި މާއްދީ ދުނިޔޭގައި ﷲ ލައްވާފައިވާ ގުދުރަތީ އާދަ ފޫވައްޓާލައިފަނިވި ކަންކަމެވެ. އެފަދަ އެއްވެސް ކަމެއްގެ ތެދު ދޮގު ހަމައެކަނި ބުއްދީގެ ބޭނުންކޮށްގެން ކަށަވަރެއް ނުކުރެވޭނެއެވެ. ހަމައެއާއެކު ޝަރީއަތުގެ ބައެއް ހުކުމްފުޅުތަކަކީ ވެސް ހަމައެކަނި ބުއްދިއަށް ބަރޯސާވެގެން އެނގޭނެ ކަންކަމެއް ނޫނެވެ. މިގޮތުން ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައި އައިސްފައިވާ ބައެއް ކަންކަމަކީ ނުވިސްނުނު ނަމަވެސް އެގޮތަށް ގަބޫލު ކޮށް، އަމަލުކުރަން ޖެހޭ ކަންކަމެވެ،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ ބުއްދިއަކީ އިންސާނާގެ ފާރަވެރިޔާ ކަމަށާއި އޭނާގެ ކަރާމަތާއި އަބުރާއި ޝަރަފުގެ ތަޅުދަނޑި ކަމަށެވެ. ބުއްދިވެރި އިންސާނާ ތިން ކަމަކަށް ވަގުތު ހުސްކުރާނެ ކަމަށާއި އެއީ އޭނާ އަމިއްލައަށް އޭނާގެ އަމަލުތައް މުރާޖައާކޮށް ނަފުސުގެ ހިސާބު ބެލުމަށް ހޭދަކުރާ ވަގުތާއި، އޭނާ ވެރި ރަސްކަލާނގެއަށް އިސްތިގުފާރުކޮށް މުނާޖާ ދެންނެވުމަށް ހޭދަކުރާ ވަގުތާއި، އޭނާގެ ނަފުސުގައި ހުރި އުނި ސިފަތައް ހޯދައި ބެލުމަށް އޭނާގެ އަހުންނާއެކު ހޭދަކުރާ ވަގުތު ކަމަށް ހުތުބާގައި ބުނެފައިވެއެވެ.