ކުރީ ސަރުކާރުގައި ދެ ހުތުބާއެއް ނުކިޔައި ފޮރުވި ކަމަށް ވިދާޅުވެ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަތައް އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ދޮގުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދެ ހުތުބާއެއް ފޮރުވައިފައި އޮތް ކަމަށެވެ.

އޭގެ ތެެރެއިން އެއް ހުތުބާއަކީ ރިބާގެ ހުތުބާ ކަމަށާއި އަނެއް ހުތުބާއަކީ ވެރިމީހާގެ މަސްއޫލިއްޔަތާ ގުޅޭ ހުތުބާއެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ ތެރެއިން އެއް ހުތުބާ ލިޔުއްވީ އިބްރާހިމް ރަޝީދު މޫސާ، އަނެއް ހުތުބާ ލިޔުއްވި ބޭފުޅަކު ސީދާ އަޅުގަނޑު މިވަގުތު ހަނދާނެއް ނެތް، މި ހުތުބާ ކިޔަން ޝެޑިއުލްކޮށްފަ އޮއްވައި މި ހުތުބާތައް އޮތީ ނުކިޔާގޮތަށް ނިންމައި ފޮރުވާފައި،" ޝަހީމް ވިދާޅުވިއެވެ.

ނަމަވެސް ފޮރުވާފައި އޮއްވައި މި ސަރުކާރުން އެ ދެ ހުތުބާ ވެސް މިދިޔަ އަހަރުގެ ތެރޭގައި ކިޔާފައިވާ ކަމަަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އޭރުގެ އިސްލާމިކް މިނިސްޓަރު ޒާހިރު ވަނީ ޝަހީމްގެ އެ ވާހަކަތައް ދޮގުކުރައްވައިފައެވެ.

"އޭގެ ތެރެއިން އެއް ހުތުބާއަކީ އެއީ ވެރިންގެ މަސްއޫލިއްޔަތު، އަޅުގަނޑުމެންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރު ޝައިޚް އަނީލް، އެ ހުތުބާ ލިޔުއްވި. އަދި އިސްލާމީ މަރުކަޒުގައި 2019 ވަނަ އަހަރު އެ ހުތުބާ ވިދާޅުވެފައި އޮންނާނީ ޝައިޚް އަނީލް،" ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ ދެވަނަ ހުތުބާއެއްގެ ގޮތުގައި ފާހަގަކުރެއްވި ރިބާއާ ގުޅޭ ހުތުބާ ވެސް 27 މެއި 2022 ގައި ކިޔާފައިވާނެ ކަމަށާއި އެ ހުތުބާގެ ވާހަކަތައް ނޫސްތަކުގައި ވެސް ލިޔެފައިވާ ކަމަށެވެ.