ޔޫރޯ 2020

ޕޯޗުގަލާއި ޖަރުމަނަށް ސަލާމަތެއް ނެތް، ގަދަ 16ގައި ވެސް އުނދަގޫ ޓެސްޓެއް!

ޔޫރޯ 2020 ގެ ގްރޫޕު ސްޓޭޖުގައި ވަރަށް ޝައުގުވެރި މެޗުތަކެއް ފެނިގެން ހިނގައްޖެއެވެ. ވަރަށް ވަރުގަދަ، ފޯރިގަދަ މެޗުތަކެއް ފެނިގެން ހިނގައްޖެ އެވެ. މަރުގެ ގްރޫޕެއްގައި ފެންނަން ވާނެ ހަގީގީ މަންޒަރުތައް ވެސް ފެނިގެން ހިނގައްޖެ އެވެ.

ގްރޫޕު ސްޓޭޖުގައި އެންމެ "އެންޓަޓެއިނިން" މެޗުތަކަށް ވެގެންދިޔައީ މަރުގެ ގްރޫޕުގެ މެޗުތަކެވެ. ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލް އަދި ވަރުގަދަ ޖަރުމަން ހިމެނުނު ގްރޫޕުގެ މެޗުތަކެވެ. އެ ގްރޫޕުގައި ދެން ހިމެނުނު ހަންގޭރީ ވެސް ވެގެން ދިޔައީ އެޓީމުގެ ސްޓައިލުގައި ވަރުގަދަ ޓީމަކަށެވެ. ހަންގޭރީ ބަލިކުރެވުނު ހަމައެކަނި ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލެވެ. ހަންގޭރީން ވަނީ ފްރާންސާއި ޖަރުމަން ހިފަހައްޓައިފައެވެ.

މަރުގެ ގްރޫޕުގައި ޕޯޗުގަލާއި ޖަރުމަނުގެ ނަތީޖާ!

ޕޯޗުގަލާއި ޖަރުމަނަކީ މިފަހަރުގެ ޔޫރޯގެ ފޭވަރިޓް ދެ ޓީމެކެވެ. ދެ ޓީމަށް ވެސް އުނދަގޫ ކަމަކަށް ވީ ދުނިޔޭގެ ޗެމްޕިއަނުން ފްރާންސްއާ އެއް ގްރޫޕެއްގައި ހިމެނުމެވެ. އެއާއެކު ވަރުގަދަ ތިން ޓީމަކާ އެއް ގްރޫޕެއްގައި ހިމެނުމުން ހަންގޭރީއަށް ވެސް ގެއްލޭނެ އެއްޗެއް ނެތުމުން އެޓީމުގެ ފަރާތުން ވެސް އުނދަގޫތަކެއް ކުރިމަތިވާނެތީ އެކަމުގެ ކަންބޮޑުވުންތައް އޮތެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްގެ ފުރަތަމަ މެޗުގައި ނުކުންނަން ޖެހުނީ ހަންގޭރީއާ ދެކޮޅަށެވެ. ނަތީޖާއިން ފަސޭހަ ކަމަށް ދެއްކި ނަމަވެސް، އެޓީމަށް އެ މެޗު ވެގެންދިޔައީ އުނދަގޫ މެޗަކަށެވެ. ހަންގޭރީ ކޮޅަށް ޖެހުނު ތިން ލަނޑަކީ މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ޖެހުނު ތިން ލަނޑެކެވެ.

އެ މެޗު އެނބުރިގެން ދިޔައީ މެޗުގެ 84 ވަނަ މިނެޓުގައި ޕޯޗުގަލް ޑިފެންޑަރު ރަފައެލް ގުރޭރޯ ޖެހި ލަނޑުންނެވެ. އެ ލަނޑާއެކު ހަންގޭރީން އެކަމުން އަރައި ނުގަނެވި އުޅެނިކޮށް، ކައިރިކައިރީގެ އިތުރު ދެ ލަނޑު ޖެހިއެވެ. އެ ޓީމުގެ ފަހު ދެ ލަނޑު ޖެހީ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ދެވަނަ މެޗުގައި ޕޯޗުގަލް ނުކުންނަން ޖެހުނީ ހަންގޭރީއާ ދެކޮޅަށެވެ. އެ މެޗު ޖަރުމަނުން ވަރުގަދަކޮށް ފެށި ނަމަވެސް، ފުރަތަމަ ލީޑު ހޯދީ ޕޯޗުގަލުންނެވެ. ކައުންޓާ އެޓޭކެއްގައި މެޗުގެ 15 ވަނަ މިނެޓުގައި ޕޯޗުގަލަށް ލީޑު ހޯދައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

އެ މެޗުގައި ދެން ފެނިގެންދިޔައީ ޕޯޗުގަލުގެ ޑިފެންޑަރުންނަށް ޖަރުމަން ޓީމު ނުހިފެހެއްޓުނު މަންޒަރެވެ. ނަތީޖާއެއްގެ ގޮތުގައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާޒް އާއި ގުރޭރޯ އަތުން ބައިކޮޅަށް ވަން ލަނޑުތަކާއެކު ޖަރުމަނަށް ލީޑު ލިބުނެވެ. ދެވަނަ ހާފުގައި ކައި ހަވާޓްޒް އާއި ރޮބިން ގޮސެންސްގެ ލަނޑުތަކުން ޖަރުމަނުން އިތުރަށް ލީޑު ފުޅާވެސް ކުރިއެވެ. ޕޯޗުގަލް 4-2ގެ ނަތިޖާއަކުން ބަލިވި އެ މެޗުގައި އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ޑިއޭގޯ ޖޮޓާއެވެ.

ފަހު މެޗަކީ ދެ ޗެމްޕިއަނުންގެ ކުރިމަތިލުމެކެވެ. ތިން ޕެނަލްޓީ ފެނިގެންދިޔަ އެ މެޗުގައި ޕޯޗުގަލުން ދެ ލަނޑު ޖެހީ އެޓީމަށް ލިބުނު ދެ ޕެނަލްޓީންނެވެ. އެ ދެ ޕެނަލްޓީވެސް ޕޯޗުގަލަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. އަނެއްކޮޅުން ފްރާންސްގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑުގެ ރޮނާލްޑޯއާ އެއްކޮށް ކުޅުނު ފޯވަޑް ކަރިމް ބެންޒެމާއެވެ. އޭނާގެ އެއް ލަނޑަކީ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

ޖަރުމަނުގެ ފުރަތަމަ މެޗުގައި ނުކުންނަން ޖެހުނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސްއާ ދެކޮޅަށެވެ. އެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ފްރާންސް އަތުން ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނުނު ލަނޑަކީ ޖަރުމަން ޑިފެންޑަރު މެޓްސް ހުމުލްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ދެވަނަ މެޗުގައި 4-2ގެ ނަތީޖާއަކުން ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް އުންމީދު އާކުރުމަށްފަހު، ގްރޫޕުގެ ފަހު މެޗުގައި ޖަރުމަން ނުކުތީ ހަންގޭރީއާ ދެކޮޅަށެވެ. އެ މެޗުގައި ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. މެޗުގައި ގިނައިރުތަކެއް ނުވަނީސް ހަންގޭރީން ލީޑު ހޯދިއެވެ. މެޗުގެ 66 ވަނަ މިނެޓުގައި ޖަރުމަނަށް ހަވާޓްޒް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، އޭގެ ދެ މިނެޓު ތެރޭ ހަންގޭރީން އަލުން ލީޑު ހޯދިއެވެ. މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް، ޖަރުމަނަށް ގަދަ 16ގެ ޖާގައެއް ޔަގީންކޮށްދިނީ ލިއޯން ގޮރެއެޓްޒްކާއެވެ.

ގަދަ 16ގައި ވެސް ޕޯޗުގަލާއި ޖަރުމަނަށް އުނދަގުލެއް!

"ގްރޫޕު އެފް"ގެ އެއްވަނައިގެ ގޮތުގައި ގަދަ 16 އަށް ދަތުރުކުރީ ފްރާންސެވެ. ދެވަނައިގައި ނިންމާލި ޖަރުމަނާއި ތިންވަނައިގައި ނިންމާލި ޕޯޗުގަލަށް ވެސް ލިބުނީ ހަތަރު ވަނައެވެ. ގޯލުގެ ތަފާތުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ދެވަނަ އަދި ތިންވަނަ ކަނޑައެޅީ ހެޑް ޓު ހެޑް ނަތީޖާއިންނެވެ. ޕޯޗުގަލް އަތުން 4-2ގެ ނަތީޖާއަކުން ކުރި ހޯދާފައި އޮތުމުން ދެވަނަ ލިބުނީ ޖަރުމަނަށެވެ. ޕޯޗުގަލަށް ގަދަ 16 ޔަގީންވީ ގްރޫޕުތަކުގެ ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާތައް ހޯދި ހަތަރު ޓީމުގެ ތެރޭގައި ހިމެނުމުންނެވެ.

ގަދަ 16 ގައި ވެސް ޕޯޗުގަލާއި ޖަރުމަނަށް އޮތީ އުނދަގޫ އިމްތިހާނެކެވެ. ހާއްސަކޮށް ބެލްޖިއަމްއާ ދެކޮޅަށް ކުޅެން އެއްވެސް ޓީމަކުން ބޭނުމެއް ނުވާނެއެވެ. އެކަން ޕޯޗުގަލާއި ފްރާންސް ކުޅުނު ގްރޫޕުގެ ފަހު މެޗުން ފެނިގެންދިޔައެވެ. އެ މެޗަށް ނުކުތް އިރު، ފްރާންސަށް ގަދަ 16ގެ ޖާގައެއް ޔަގީން ވެފައި އޮތް ނަމަވެސް ބަލިވެގެން ބެލްޖިއަމްއާ ދެކޮޅަށް ކުޅެން ބޭނުން ނުވާ މަންޒަރު ފެނިގެންދިޔައެވެ. ޕޯޗުގަލަށް އެއްވަރުކޮށްލައިގެން ގަދަ 16 ޔަގީންކުރެވެން އޮތް ނަމަވެސް ބެލްޖިއަމްއާ ދެކޮޅަށް ނުކުންނަ ބޭނުން ނުވާކަން މެޗުގައި ފެނިގެންދިޔައެވެ.

ފަހު ވަގުތުވެސް މޮޅުވާން މަސައްކަތްކުރި ޕޯޗުގަލުން ތިންވަނައަށް ދިއުމުން ނުކުންނަން ޖެހޭނީ ވަރުގަދަ ބެލްޖިއަމްއާ ދެކޮޅަށެވެ. ބެލްޖިއަމަކީ ގްރޫޕު ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެގެން ގަދަ 16އާ ކުރިމަތިލާ ޓީމެކެވެ. ގްރޫޕު ސްޓޭޖުގައި އެޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. އެޓީމުން ޖުމުލަ ހަތް ލަނޑު ޖެހިއެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގެ ތިންވަނަ ހޯދި ބެލްޖިއަމަކީ 2018ގެ ސެޕްޓެމްބަރުން ފެށިގެން ފީފާ ރޭންކިންގެ އެއްވަނައިގައި އޮތް ޓީމެވެ.

ބެލްޖިއަމްގެ ސްކޮޑުގައި ހިމެނެނީ އެޓީމުގެ ގޯލްޑަން ޖެނެރޭޝަނުގެ ކުޅުންތެރިންނެވެ. އެ ކުޅުންތެރިން ރިޓަޔާވުމުގެ ކުރިން ޓްރޮފީއެއް ހޯދުމަކީ ޓީމުގެ ބޮޑު އަމާޒެކެވެ. ބެލްޖިއަމްގެ ސްކޮޑަށް ބަލައިލާ އިރު، ފުރަތަމަ 11ގެ އިތުރުން ބެންޗުގައި ވެސް ހިމެނޭނީ ވަރުގަދަ ކުޅުންތެރިންނެވެ. ގޯލާ ރައްޓެހި ރޮމެލޫ ލުކާކޫ ހުރީ ފޯމުގައެވެ. އޭނާ ވަނީ މިފަހަރުގެ މުބާރާތުގައި ތިން ލަނޑު ޖަހައިފައެވެ. އޭގެ އިތުރުން ކެވިން ޑި ބްރޭނާ ފިޓުވުމަކީ އެޓީމަށް ލިބުނު ބޮޑު އުފަލެކެވެ. އަދި ކެޕްޓަން އެޑެން ހަޒާޑުގެ ނުރައްކާ ވެސް ފެންނާނެއެވެ.

ގަދަ 16ގައި ޖަރުމަން ނުކުންނަން ޖެހޭނީ އިނގިރޭސީންނާ ދެކޮޅަށެވެ. އިނގިރޭސި ޓީމަކީ ގޯލްޑަން ޖެނެރޭޝަނެއްގެ ފެށުމެވެ. ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނުނު ނަމަވެސް، އެއީ ހުނަރުވެރި ކުޅުންތެރިންތަކެކެވެ. މި މުބާރާތުގައި އެޓީމުގެ ކެޕްޓަން ހެރީ ކޭންއަށް ލަނޑެއް ޖެހިފައި ނުވުމުން، ޖަރުމަން ކޮޅަށް ލަނޑެއް ޖަހައި، ސުން ކަނޑުވައިލަން އޭނާ ބޭނުންވާނެއެވެ. މާޒީގައި ޖަރުމަން އަތުން ލިބުނު ހިތި ހަނދާންތައް ނައްތައިލުމަށް ބަދަލު ހިފަން އިނގިރޭސިން ބޭނުންވާނެއެވެ. އިނގިރޭސި ކޯޗު ގެރެތު ސައުތުގޭޓު ވެސް އެ ހަނދާންތަކުގައި ހިމެނެއެވެ.

ފައިނަލަށް ދިއުމަށް އޮތް މަގު!

ޔޫރޯ 2020ގެ ފައިނަލަށް ދިއުމަށް ޕޯޗުގަލާއި ބެލްޖިއަމަށް އޮތީ އުނދަގޫ މަގެކެވެ. އެ ދެ ޓީމު ނުކުން ގަދަ 16ގެ މެޗުން މޮޅުވާ ޓީމު، ކުއާޓާ ފައިނަލުގައި ނުކުންނަން ޖެހޭނީ އިޓަލީ އާއި އޮސްޓްރިއާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އޭގެ ތެރެއިން އިޓަލީއަކީ މިމުބާރާތުގައި އެންމެ ރަނގަޅު ފޯމެއްގައި އޮތް ޓީމެކެވެ. ގްރޫޕު ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން އެޓީމު މޮޅުވެފައިވާ އިރު، އެޓީމު ކޮޅަށް ލަނޑެއް ވަދެފައެއް ވެސް ނުވެއެވެ.

ކުއާޓާ އިން މޮޅުވެއްޖެ ނަމަ، ސެމީ ފައިނަލުގައި ވެސް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. ސެމީގައި ފްރާންސް ނުވަތަ ސްޕެއިންއާ ދެކޮޅަށް ނުކުންނަން ޖެހުމުގެ ފުރުސަތު އޮންނާނެއެވެ.

ޕޯޗުގަލާއި ބެލްޖިއަމްއާ ހިލާފަށް ޖަރުމަނާއި އިނގިރޭސީންނަށް އޮތީ ފަސޭހަ މަގެކެވެ. ގަދަ 16ގެ މެޗުން މޮޅުވާ ޓީމެއް، ކުއާޓާގައި ނުކުންނަން ޖެހޭނީ ސްވިޑެން އާއި ޔޫކްރޭން ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އަދި ކުއާޓާގެ މެޗުން މޮޅުވެއްޖެ ނަމަ، ސެމީގައި ނުކުންނަން ޖެހޭނީ ނެދަލެންޑްސް، ޗެކް ރިޕަބްލިކް، ވޭލްސް، ޑެންމާކުގެ ތެރެއިން ޓީމަކާއެވެ.