ރާއްޖޭގެ އެއާޕޯޓު ތަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ، އެއާޕޯޓް ސާވިސް ޗާޖް ނެގުން އަންނަ ޑިސެމްބަރުމަހުގެ 31 ގެ ނިޔަލަށް ހުއްޓާލައި، އާ ޓެކުހެއްގެ ގޮތުގައި ޑިޕާޗާ ޓެކްސް ނަގަން ގާނޫނުގައި ހިމަނަން ރައްްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޓީން މިގޮތަށް ފާސްކުރީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި، ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި ހިމަނައިގެންނެވެ.
އެބިލް ކޮމިޓީން ފާސްކޮށްފައިވާއިރު، ބިލުގައި ބުނެފައި ވަނީ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން ނަގަމުން އަންނަ 25 ޑޮލަރުގެ، އެއާޕޯޓް ސާވިސްޗާޖް ނަގާނީ އަންނަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަކަށް ކަމަށެވެ.
އަލަށް ތައާރަފު ކުރުމަށް އެ ބިލުގައި ހިމަނާފައިވާ ޑިޕާޗާ ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށީގެން ކަމަށްވެސް ބުނެފައި ވެއެވެ.
ޑިޕާޗާ ޓެކްސް ނެގުމުގައި ފަލައިޓުން ދަތުރު ކުރާ ކެޓަގަރީއަށް ބަލައި ޓެކްސް ނަގާ އަދަދަށް ބަދަލު ގެނެސްފައިވެއެވެ.
އެބަދަލުގައި އިކޮނޮމިކް ކްލާހުގައި ދަތުރު ކުރާ ދިވެހީންގެ އަތުން މިހާރުވެސް ނަގަމުން އަންނަ އެއާޕޯޓް ސާވިސްޗާޖާ އެއްވަރަށް ޑިޕާޗާ ޓެކްސް ނަގަން ހިމަނާފައިވީ ނަމަވެސް އެހެން ބައިތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން އިކޮނޮމިކް ކްލާހުގައި ދަތުރު ކުރާ ދިވެހިން އަތުން 12 ޑޮލަރު ބިދޭސީންގެ އަތުން 30 ޑޮލަރު، އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ފަސްޓްކްލާހުން ދަތުރުކުރާ މީހުންގެ އަތުން 90 ޑޮލަރު ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 120 ޑޮލަރުން ނެގުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.
ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދީން، ޑިޕާޗާ ޓެކްސް ނެގުމުން އިސްތިސްނާ ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މިހާރު ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމަށް ވެސް ބައެއް ބަދަލުތައް ގެނައުމަށް އިސްލާހުގައި ވަނީ ހިމަނައިފައެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ މިހާރު ނަގަމުން އަންނަނީ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރެވެ.
ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އެއަށްވެސް ބަދަލު ގެންނަން ބިލުގައި ވަނީ ހިމަނައިފައެވެ. އެގޮތުން ޑިޕާޗާ ޓެކްސް އާ އެއްގޮތަށް އަދަދު ތަކަށް ބަދަލު ގެނައުމަށް ވަނީ ހިމަނައިފައެވެ.
އެހެންކަމުން ޖެނުއަރީ އެކަކުން ފެށިގެން އެއާާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަމުން ގެންދާނީ އިކޮނޮމިކް ކްލާހުގައި ދަތުރު ކުރާ ދިވެހިން އަތުން 12 ޑޮލަރު ބިދޭސީންގެ އަތުން 30 ޑޮލަރު، އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ފަސްޓްކްލާހުން ދަތުރުކުރާ މީހުންގެ އަތުން 90 ޑޮލަރު ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 120 ޑޮލަރުގެ ގޮތުުގައި ކަމަށް ބިލުގައި ހިމަނާފައިވެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް