މިދިޔަ އަންގާރަ ދުވަހު ހެނދުނު މުޅި ރާއްޖެ ހޭލައްވާލީ މަރާލާފައި ފޮއްޓަކަށްލައި މޫދަށް އެއްލާލާފައި އޮތް ކުޑަ ކުއްޖަކު ހުޅުމާލޭ މޫދު ތެރެއިން ފެނުނު ހަބަރުންނެވެ. އެންމެނަށް ސިހުން ގެނުވި އަދި ހައިރަން ކުރުވަނިވި އެއްކަމަކީ އޭގެ އިރުކޮޅެއްފަހުން ފުލުހުން ދިން މެސެޖެވެ. އެއީ ރަހީނު ކުރުމަށްފަހު މަރާލާފައި އެއްލާލާފައި އޮތް ކުއްޖެކޭ ބުނުމުންނެވެ. ހަނދާނަށް އައީ ޕާކިސްތާނުގެ ކުޑަ ކުޑަ އާސިފާ މަތިންނެވެ. މިއީ މުޅި ދުނިޔެ ސިއްސުވާލި މަރުގެ ހާދިސާއެކެވެ. އާސިފާ ރަހީނު ކުރުމަށްފަހު، އެކުއްޖާ ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނީ ކުނިގޮނޑެއްގެ ތެރެއިންނެވެ.

މި ދެހާދިސާގައި މާކަ ބޮޑު ވަކި ތަފާތެއްނެތެވެ. ސަބަބަކީ މިދިޔަ ހޯމަ ދުވަހުގެރޭ މަރާލާފައި އޮއްވާ ފެނުނު ކުޑަ ކުއްޖާގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި ދެމީހުންނަށް، ޖިންސީ ގޯނާގެ ތުހުމަތާއި، މީހަކު މަރާލުމާއި، ރަހީނު ކުރުމާއި މާރާމާރީގެ ތުހުމަތު ވަނީ ކޮށްފަ އެވެ. މި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ހިމެނުމުން އެނގިގެން ދަނީ މި ކުޑަ ކުޑަ މުޖުތަމައުގައި ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ މިންވަރެވެ. ހައްޔަރު ކުރި ދެމީހުންގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ކުޑަ ކުއްޖާ 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު މި މައްސަލާގައި ހައްޔަރު ކުރި 27 އަހަރުގެ ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

ގދ. މަޑަވެއްޔަށް އުފަން އުމުރުން އެންމެ 13 އަހަރުގެ އެ ކުއްޖާގެ ރަހުމު ކުޑަ މަރާ ގުޅިގެން، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވި ފަދައިން އެއީ މުޖުތަމައުގެ އަޅާލުމާއި ލޯތްބާއި ރައްކާތެރިކަން ލިބެން ޖެހޭ ކުއްޖެކެވެ. އެހެން ނަމަވެސް އެ ވިދާޅުވި ރައްކާތެރިކަން ދިނުމަށް މުޅި ގައުމުވެސް "ފެއިލް" ވީ އެވެ.

ކުޑަ ކުއްޖާގެ މަރާ ގުޅިގެން އެކި ގޮތް ގޮތަށް ވާހަކަތައް ދެކެވޭ އިރު "ވަން" އިން މިހާތަނަށް ހޯދި މައުލޫމާތަށް ބަލާއިރު ބައެއް މަސްދަރުތަކުން ބުނަނީ އެ ކުއްޖާއަކީ މި މައްސަލަގައި ހައްޔަރު ކޮށްފައި ހުރި، 27 އަހަރުގެ ޒިހާން އިބްރާހިމް މަސްތުވާތަކެތި ވިއްކައި އެ ތަކެތި ގަންނަ މީހުންނަށް އެ ފޯރު ކޮށްދޭން "ބޭނުންކުރި" ޑެލިވަރީ ބޯއީ އެއް ކަމެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ ޒިހާން އާއި މި މައްސަލާގައި ހައްޔަރު ކުރި ކުޑަ ފިރިހެން ކުއްޖާ އާއި މަރާލި ކުޑަ ކުއްޖާ އަކީ ވަރަށް ގާތް ރައްޓެހިން ކަމަށެވެ. ނަމަވެސް މި ދޭތެރެއިން އެ މީހުން އެ ކުޑަ ކުއްޖާއާ ހަވާލު ކުރި މަސްތުވާތަކެތީގެ އަގުބޮޑު ޕެކޭޖެއް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމުގެ ވާހަކަތަކެއް އިވުނު ކަމަށެވެ. އަދި އެ މައްސަލާގައި އެ މީހުން ވަރަށް ރުޅިގަދަވެ އެއިން ލިބެން ޖެހޭ ފައިސާ ހޯދުމަށް ތަކުރާރުކޮށް މި ކުޑަކުއްޖާ އަށް އިންޒާރު ދިން ކަމަށާއި ނަމަވެސް ކުޑަ ކުއްޖާ މަރާލީ އެކަމުގެ ސަބަބަުން ކަމެއް ޔަގީނާ ގާތަަށް ބުނަން ނޭނގޭ ކަމަށްވެސް އޭނާ ބުންޏެވެ.

ދެން އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ޒިހާން އެ ކުއްޖާ އަށް ޖިންސި ގޯނާ ކުރާ ކަމުގެ ތުހުމަތުގެ ވާހަކަ އެވެ.

"ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމުގެ ވާހަކަ އެކުގައި އުޅޭ މީހުން ގާތު އެ ކުއްޖާ ދެއްކި ކަމަށެވެ. ޒިހާން އަށް އެ މީހުން އިންޒާރުދިން ކަމަށްވެސް އިވިފައިވާ ކަމަށާއި މިކަމުގެ ސަބަބުން އެ ގޭންގު މީހުން ޒިހާނަށް މަލާމާތްކޮށް ހަދާ ކަމަށްވެސް ބުންޏެވެ.

"މަރާލި ކުޑަކުއްޖާ ބުނި ކަމަށްވަނީ އޭނާގެ ގުރޫޕު މީހުން ގާތު ޒިހާން އޭނައަށް ދެތިން ދުވަހަކު ޖިންސީ ގޯނާ ކުރި ވާހަކަ. އަދި އޭނާއަށް ބިރު ދައްކައިގެން އެކަން ކުރަން އުޅޭ ވާހަކަ. ދެން މި މީހުން ޒިހާނަށް އިންޒާރުދިން. އަދި ވަރަށް މަލާމާތް ވެސް ކުރި. މިކަމާ ޒިހާނު ރުޅިގަދަ ވެ އެ ކުއްޖާ އަތު ޖެހޭ ގޮތް ނުވެގެން އުޅުނު ކަމަށް ވޭ. ކޮންމެ ގޮތެއްވިޔަސް ދެން އެކުއްޖާ ޒިހާނު ބުނެގެނެއް ނުދާނެއެއްނު. އެހެންވެ މި ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާ ލައްވައި މި ކުޑަ ކުއްޖާ އަށް ގުޅައިގެން އެބުނި ތަނަކަށް ގެންގޮސް އަނިޔާކޮށް މަރާލީ ކަމަށް އަޑު އިވެނީ." އޭނާ ބުންޏެވެ.

ޒިހާނަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. އަދި ޖަލު ހުކުމް ތަންފީޒު ކޮށް އޭނާ މިނިވަން ވީ މީގެ ހަތަރު މަހެއްހައި ދުވަސް ކުރިން ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރާ މީހުން އެ މީހުންގެ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި ދިނުމަށް ކުޑަކުދިން ގެންގުޅެ އެވެ. ސަބަބެއް ކަމަށް ބުނަނީ މަސްތުވާތަކެތީގެ "ބަސްޓެއް" ވިޔަސް ކުޑަކުދިން ސަލާމަތް ވުމަށް ފަސޭހަ ވެފައި އެ ކުދިންނަކީ އެފަދަ ކަންކަން ކުރާނެ ބައެއްކަން އެއްވެސް ބަޔަކަށް ޝައްކު ވިޔަ ނުދިނުމަށް ކަމަށް ވާހަކަ ދެކެވެ އެވެ.

މަރާލާފައި އޮއްވައި ފެނުނު ކުޑަ ކުއްޖާ މީގެ ކުރިންވެސް އެއްފަހަރު ރަހީނު ކުރިކަމަށް އެ ކުއްޖާގެ މަންމަ ގާތު ބުނެފައިވާ ކަމަށް އާއިލާގެ ބައެއް މީހުން ވަނީ ބުނެފަ އެވެ. ރަހީނު ކުރި ވާހަކަ އެ ކުއްޖާގެ މަންމަ އާއި ހިއްސާ ކުރި ނަމަވެސް އެކަން ކުރީ ކޮންބައެއްކަން ބުނެފައި ނުވާ ކަމަށްވެސް އާއިލާއިން ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިފަދަ އެއްވެސް ރިޕޯޓެއް ފުލުހުންނަށް ހުށަަހަޅާފައިވާކަން ނުވަތަ ނޫންކަން އަދި ވަނީ ސާފުވާ ގޮތެއް ނުވެފަ އެވެ.

މަރާލާފައި އޮއްވައި ފެނުނީވެސް ރަހީނު ކުރި ކަމަށް ތުހުމަތު ކުރެވޭ ރިޕޯޓެއް އާއިލާގެ ފަރާތުން ފުލުހަށް ހުށަހެޅިތާ 24 ގަޑި އިރު ފަހުންނެވެ.

"ވަން" އިން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ކުއްޖާ އެކި ފަހަރު ފުލުހަށް ގެންގޮސްފައިވެ އެވެ. ނަމަވެސް މިހާތަނަށް އެ ކުއްޖާ ފަރުވާ ދިނުމަށް ރިހެބިލިޓޭޝަން ސެންޓަރަށް ގެންގޮސްފައެއް ނުވެ އެވެ. ނަމަވެސް ޖެންޑަ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅު، އިޖުތިމާއީ އެހީތެރިކަން ދިނުމަށް އާއިލާއިން އެދުނު ކަމަށާއި އެ އެހީތެރިކަން ޖެންޑާ އިން އެ ކުއްޖާ އަށް ދެމުން ގެންދިޔަ ކަމަށެވެ.

"ވަން" އަށް މައުލޫމާތު ދިން މީހަކު ކިޔައިދިން ގޮތުގައި އެ ކުއްޖާ ވަނީ ވަކި ހިސާބަކުން ސްކޫލަށް ދިޔުން ހުއްޓާލައިފަ އެވެ. ބެލެވޭގޮތުގައި އެއީ ގްރޭޑް ހަތަކުން ފެށިގެންނެވެ. އޭގެ ސަބަބެއް ސާފެއް ނުވެ އެވެ. ކިޔެވުން ހުއްޓާލައި، ކުއްޖާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައީ މަންމަ އާއި ބައްޕަގެ ކައިވެނި ރޫޅުނު ފަހުންނެވެ. އެއަށްފަހު ގޭތެރޭގައި އެ ކުއްޖާގެ ކަންތައްތައް އެންމެ ރަނގަޅު ގޮތުގައި ބެލެހެއްޓޭނެ ގޮތެއް ނެތި ކުއްޖާ މަގުމަތި ވީ ކަމަށް އާއިލާގެ ކަންކަން ދަންނަ މީހަކު ވަން އަށް މައުލޫމާތު ދިނެވެ.

"އެ ކުއްޖާގެ މަންނަ ދަނީ ވަޒީފާއަށް. ދެން ގޭތެރެއަކު ނުހުރޭ އެކުދިން އުޅޭ ނޫޅޭ ގޮތް ބަލާނެ މީހަކު. އެހެންވެއޭ އަޅުގަނޑު ދަންނަވާނީ އެ ކުދިން ނުބައިމަގުން އެދިޔައީ،" މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ކިޔައިދިނެވެ.

ދެމަފިރިންގެ ކައިވެނި ރޫޅި ދަރިން ބިކަވެ އަޅައިލާނެ މީހަކު ނެތް އެތައް ކުޑަ ކުދީންނެއް ކުށުގެ ވެއްޓަށް ވަނީ ހުށަހެޅިފަ އެވެ.

މީގެ ކުރިން ފުލުހުން "މިސިން ކޭސް" ތަކުގައި މީހަކު ގެއްލިގެން ރިޕޯޓު ކުރާ ހިސާބުން އެ މީހެއްގެ ފޮޓޮ އާއި ވަނަވަރު އަދި ލައިގެން ހުރި ހެދުމުގެ ކުލަ އާންމުކޮށް އެ މީހަކު ހޯދުމަށް ރައްޔިތުންގެ އެހީތެރިކަމަށް އެދެ އެވެ. އެއީ ކުޑަކުއްޖެއް ވިޔަސްމެ އެވެ. އެހެން ނަމަވެސް މި ކުޑަ ކުއްޖާ ގެއްލިގެން ރިޕޯޓު ކުރި ކަމަށް ފުލުހުން ބުނަނީ އާދީއްތަ ދުވަހު އެވެ. އެހެން ނަމަވެސް މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުމާ ހަމަޔަށް ކުއްޖަކު ގެއްލިގެން އުޅޭ ކަމުގެ ވާހަކައެއް ފުލުހުން ދައްކާފަ އެއް ނުވެ އެވެ.

މުޅި ގައުމު ސިއްސުވާލި މިހާދިސާ ހިނގާފައިވާކަމަށް ބެލެވެނީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ކާފިއު އިއުލާންކޮށްފައިވާ ގަޑިއެއްގަ އެވެ. މި ގަޑިއަކީ ރައްޔިތުން ގެއަށް ވަދެ ތިބޭނެ ގަޑިއެކެވެ. އެހެން ކަމަށް ވާނަމަ މި ކުޑަ ކުޑަ މުޖުތަމައުގައި މިފަދަ ބޮޑު އަނިޔާވެރި ގަތުލެއް ހިނަގއި ދިޔައިރު އެއްވެސް ބަޔަކަށް ހިލަމެއް ނުވީ ކީއްވެ ހެއްޔެވެ؟ އެ ގަޑީގައި ސައިކަލުގައި މީހަކު ދާނަމަ ހުއްޓުވައި ފާސް އޮތްތޯ ސުވާލު ވެސް ކުރެ އެވެ. އަދި ބޭރުގައި އުޅޭ ނަމަވެސް ސުވާލު ކުރެ އެވެ.

ހުއްދައަކާ ނުލައި ބޭރަށް ނުދެވޭ ގަޑިއެއްގައި މިފަދަ ލާއިންސާނީ އަމަލެއް ހިންގާފައިވާއިރު އެ މީހުން ކުއްޖާ މަރާލައި ފޮއްޓަކަށް ލައިގެން ގޮސް މޫދަށް އެއްލާލީ ކިހިނެއްތޯ ސުވާލު އުފެދެ އެވެ. މި މީހުން މާލެއިން ހުޅުމާލެއަށް ދިޔައީ ކިހިނެއް ހެއްޔެވެ؟ ހުއްދަ ނުނަގާ ނަމަ އެ މީހުން ހުއްޓުވައި ފާސް ނުކުރީ ކީއްވެ ހެއްޔެވެ؟

މިދިޔަ މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންނާއި ސިފައިން އަންނަނީ ތަފާތު އެކި އޮޕަރޭޝަންތައް ހިންގައި މީހުން ހައްޔަރު ކުރަމުންނެވެ. ހޯމަ ދުވަހުގެ ރޭވެސް ފުލުހުން އޮޕަރޭޝަނެއް ހިންގި އެވެ. އަދި އެ ރޭ ދަންވަރު ފުލުހުންގެ މީޑިއާ ގުރޫޕުގައި މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މި ދެ މީހުންނަކީ ކީއްވެގެން ހައްޔަރު ކުރި ދެ މީހުން ކަމެއް އޭރު ހާމައެއް ނުކުރެ އެވެ. ނަމަވެސް އޭގެ ދެތިން ގަޑި އިރެއް ފަހުން ފަތިހު މީޑިއާ ގުރޫޕަށް އައި މެސެޖާއެކު މުޅި ގައުމު ސިއްސުވާލީ އެވެ. އަދި މި ދެމީހުންނަކީ ކުޑަ ކުއްޖަކު ރަހީނު ކޮށް މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ކަން ހާމަވި އެވެ.

ކުޑަ ކުއްޖާގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުން ހައްޔަރުކުރީ ހެންވޭރުގައި ހުންނަ އެކްސްޓްރާ ހެވަން ގެސްޓްހައުސް އިންނެވެ. ކުލަ ހެދުމުގައި ގޮސް ތިބި ދެ ފުލުހުން ފޮޓޯގަނޑެއް ދައްކާލުމުން ރިސެޕްޝަނުގައި އިން ބޭރު މީހާ އެ މީހުން ގޮވައިގެން އެ ގެސްޓްހައުސްގެ މައްޗަށް ދިޔަ އެވެ. އަދި ކޮޓަރީގެ ދޮރު ނުހުޅުވުމުން ދޮރު ހަލާކުކޮށް ވައްޓާލުމަށްފަހު އެ ދެ މީހުން ހައްޔަރުކޮށްގެން ފުލުހުން ވަނީ ގެންގޮސްފަ އެވެ.

އެ ސަރަހައްދުން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ ފުރަތަމަ ކުލަ ހެދުމުގައި ތިބި ދެ މީހަކު ގެސްޓްހައުސްއަށް ވަތް ކަމަށެވެ. އަދި އޭގެ ފަހުން ފުލުހުންގެ ވެހިކަލްގައި ފުލުހުން ގޮސް އެ ސަރަހައްދުގައި ތިބި މީހުން ގެއަށް ވެއްދި ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް އޭރު އެއީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށްވެސް ބުންޏެވެ. އޭގެ ފަހުން ބާރު އަޑުފައްގަނޑެއް އިވުނު ކަމަށާއި އަދި ދެ މީހަކު އެ ރޭ ދަންވަރު ހައްޔަރުކޮށްގެން ދިޔަތަން ފެނުނު ކަމަށްވެސް އޭނާ ބުންޏެވެ.

މެންދަމުގެ ހަމަހިމޭންކަން ފޫދުއްވާލި މި ހަބަރުން މުޅި ގައުމު ރޮއްވާލައިފައިވާއިރު މި މަރުގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މި މަރުގެ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ އެކަން ހިއްސާ ކުރުމަށް އާންމުންގެ ފަރާތުންވެސް ވަނީ އެދިފަ އެވެ.

ބައެއް މީހުން ބުނާ ގޮތުން ކުޑަކުއްޖާ މަރާލައި އެއްލާލާފައި އޮއްވައި ފެނުމުގެ ކުރިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހަކަށް އަނިޔާކުރި ކަމުގެ ރިޕޯޓެއް ފުލުހުންނަށް އާންމު ފަރާތަކުންވެސް ހުށަހެޅި އެވެ. އަދި ކުއްޖާގެ ހަށިގަނޑު ފެނުނީވެސް މި އާންމު ފަރާތުން ދިން މައުލޫމާތާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަނިކޮށް ކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ. ނަމަވެސް އަނެއް ބަޔަކު ބުނަމުން އަންނަނީ ހައްޔަރު ކުރި ދެ މީހުން ދިން ބަޔާނާއެކު އެ ދެ މީހުން ގޮވައިގެން އެ ސަރަހައްދަށް ގޮސް ކުއްޖާ މަރާލި ގޮތް ކުޅެ އެ ކުއްޖާގެ ހަށިގަނޑު އެ ސަރަހައްދު މޫދުން ނަގާފައިވާ ކަމަށެވެ. ނަމަވެސް މިކަމުގައި ފުލުހުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ފުލުހުން މިހާރު ވަނީ މަރުވި ކުއްޖާގެ ޕޯސްޓްމޯޓަމް އަކަށް ދާން ނިންމާފަ އެވެ. ޕޯސްޓްމޯޓަމަށްފަހު އޮޓޮޕްސީ ރިޕޯޓުން ކުއްޖާ މަރާލި ގޮތް ހާމަވެގެން ދާނެ އެވެ. އަދި ތަހުގީގުގެ ތެރެއިން ކުއްޖާ މަރާލީ ކީއްވެކަންވެސް ހާމަވަންދެން އެކި ގޮތް ގޮތަށް އެކި އެކި ތުހުމަތު ކުރެވި ތަފާތު ގޮތްގޮތަށް މިވާހަކަ ރަށުތެރޭގައި ދެކެވޭނެ އެވެ. ނަމަވެސް އެކި ގޮތްގޮތަށް ވާހަކަ ފެތުރުން މުހިންމެއް ނޫނެވެ. ބޭނުންވަނީ މިމަރުގެ ހަގީގަތް ހޯދައި ގާތިލުންނަށް އެކަމުގެ ހައްގު އަދަބު ދިނުމެވެ.

މުޅި މައްސަލައިން އެނގި ސާފު ވަނީ ކުޑަކުދީން މުޖުތަމައަށް ދޫވެ ހަލާކުގެ ތެރެއަށް ވެއްޓިފައިވާ މިންވަރެވެ. ކުޑަކުދީންނަށް އަމާން ރައްކާތެރި ވެއްޓެއް ހޯދައިދިނުމުގައި މުޖުމައު ފެއިލި ވެފައިވާ މިންވަރެވެ. މުއައްސަސާތައް ކިތަންމެ ގިނަ ނަމަވެސް، އެތަންތަނުން އެދެވޭ ނަތީޖާއެއް ނެރެ ނުދެވޭ ކަމެވެ. އާއިލާތައް ރޫޅި ކުދީން ބިކަވެ މަގުމަތި ވުމުގެ ސަބަބުން ޖީލަކަށް ފަހު ޖީލެއް ހަލާކުވަމުންދާ ކަމެވެ. މީގެ ހައްލަކީ އުފާވެރި އާއިލީ ވެއްޓެކެވެ. ސަލާން ނުޖަހައި އުޅެވޭނެ ދިރިއުޅުމެވެ. ކުދީން ބަލަން މައިންބަފައިންނަށް ގޭގައި ތިބެވޭނެ ފުދުންތެރިކަމެކެވެ. މަސްތުވާތަކެތި ވަންނަ ދޮރުތައް ބަންދު ކުރެވޭނެ ސިޔާސަތެކެވެ.