ޔޫރޯ 2020 ގެ ގްރޫޕް އެފްގެ މެޗުތައް ފޯރިގަދަކޮށް ނިމި، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމިއްޖެއެވެ.

ގްރޫޕް އެފްގައި މިރޭ ކުޅުނު ފޯރިގަދަ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ދުނިޔޭގެ ޗެމްޕިއަނުންނާއި އެންމެފަހުގެ ޔޫރޯ ޗެމްޕިއަނުން ކުޅުނު މެޗު 2-2 އިން އެއްވަރުވެފައިވާ އިރު، ޖަރުމަނުން ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުވެސް ވީ 2-2 އިން އެއްވަރެވެ.

އެ ނަތީޖާތަކާއެކު ޕޯޗުގަލަށް ތިންވަނައިގެ ގޮތުގައި ގަދަ 16 ޔަގީންވި އިރު، ފްރާންސާއި ޖަރުމަނު ވަނީ ޔަގީން ޖާގައިގައި ގަދަ 16 ޔަގީންކޮށްފައެވެ.

މަރުގެ ގްރޫޕް، ގްރޫޕް އެފްގެ ފަހު ދުވަހާ ހަމައަށް އައިއިރުވެސް ގްރޫޕްގައި ހުރިހާ ޓީމަކަށް ފުރުސަތު އޮތެވެ. މިހާތަނަށް ތިން ފަހަރު ޔޫރޯ ކާމިޔާބު ކޮށްފައިވާ ވަރުގަދަ ޖަރުމަނުން ހަންގޭރީއާ ދެކޮޅަށް ނުކުތް އިރު، ޖަރުމަނު ބަލިނުވެއްޖެ ނަމަ އެޓީމަށް ގަދަ 16 ޔަގީންވާން އޮތެވެ. ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ފްރާންސަށް ޕޯޗުގަލް ކައިރިން މޮޅު ނުވެވިއްޖެނަމަ، ޖަރުމަނަށް މޮޅަކާއެކު ގްރޫޕުގެ އެއްވަނަ ހޯދުމުގެ ފުރުސަތު އޮތެވެ.

ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ޔޫރޯގެ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށް ނުކުތް އިރު، ފްރާންސަށް އޮތީ ގަދަ 16 ޔަގީންވެފައެވެ. މޮޅަކާއެކު ގްރޫޕް އެއްވަނަ ޔަގީން ކުރެވެން ފްރާންސަށް އޮތެވެ. އަނެއްކޮޅުން ޕޯޗުގަލް ކެޓުމުގެ ފުރުސަތުވެސް މިރޭގެ މެޗަށް ނުކުތްއިރު އޮތެވެ. ޖަރުމަނު ހަންގޭރީ އަތުން ބަލިވެ، ޕޯޗުގަލްވެސް ފްރާންސް އަތުން ބަލިވެއްޖެނަމަ ޕޯޗުގަލަށް ލިބެން އޮތީ ހަތަރުވަނައެވެ. އެހެންނަމަވެސް ޕޯޗުގަލް ބަލިނުވެއްޖެނަމަ އެޓީމަށް ގަދަ 16 ޔަގީން ކުރެވޭނެ ފުރުސަތު އޮތެވެ. ފްރާންސް ބަލިކޮށް، ޕޯޗުގަލަށް އެއްވަނައަށް އެރެންވެސް އޮތެވެ.

ގްރޫޕުގެ ފަހު ދެމެޗަށް ދި ޔައިރު، މޮޅަކާއެކު ޖަރުމަނު ކައިރިން މޮޅުވެ ހަންގޭރީއަށްވެސް ގަދަ 16 ޔަގީން ކުރެވެން އޮތެވެ. އެހެންނަމަވެސް އެޓީމަށް އެ މަގާމު ލިބެން އޮތީ އަނެއް މެޗުގެ ނަތީޖާއަށްވެސް ބަލައިގެންނެވެ.

ގިނަ ބައެއްގެ ފޯކަސް މިރޭ އަމާޒުވެފައި އޮތީ ޗެމްޕިއަނުންގެ ކުރިމަތިލުމަށެވެ. ފްރާންސާއި ޕޯޗުގަލްގެ ކުރިމަތިލުން ވެގެންދިޔައީ މިހާތަނަށް ޔޫރޯގައި ކުޅުނު އެންމެ ވަރުގަދަ އެއް މެޗަށްވެސް މެއެވެ.

މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ވަރުގަދަ ކުރިމަތިލުމެއް ކަމުން އެއްވެސް ޓީމަކުން ޑިފެންސް ހުޅުވާލައި، ކުރިއަށް ޖެހި އެޓޭކް ކުރިތަނެއް ނުފެނެއެވެ. ފްރާންސުން ކިލިއަން އެމްބާޕޭގެ ބޭނުންކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކުރި އިރު، އޭނާގެ ނުރައްކާތެރި ހަމަލާއެއް ކުރީކޮޅުގައި ފެނުނެވެ. އަރިމަތިން ވަދެ ފޮނުވާލި ހަމަލާ މަތަކުރީ ޕޯޗުގަލުގެ ގޯލްކީޕަރު ރުއި ޕެޓްރީޝިއޯއެވެ.

މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައީ 28 ވަނަ މިނެޓުގައި ޕޯޗުގަލަށް ލިބުނު ޕެނެލްޓީއާ އެކުގައެވެ. ޕޯޗުގަލަށް ލިބުނު ހިލޭ ޖެހުމަކަށް ފްރާންސްގެ ގޯލްކީޕަރު އަރައި ބޯޅަ ދުއްވާލުމުގެ ތެރޭގައި ޑެނީލޯއަށް ފައުލް ކުރި ކަމަށް ބަލައި ރެފްރީ ދިން ޕެނެލްޓީއާއެކު ފްރާންސް ކުޅުންތެރިން ވަރަށް ބޮޑަށް ޝަކުވާވެސް ކުރިއެވެ. އެ ޕެނެލްޓީ ކާމިޔާބުކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ކެރިއަރުގައި ގައުމީ ޓީމަށް 108 ވަނަ ގޯލު ޖަހައިފައެވެ. އިރާންގެ އަލީ ދާއީ ގައުމީ ޖާޒީގައި ހަދާފައިވާ ތާރީހީ ރެކޯޑާ ހަމަކުރަން ރޮނާލްޑޯ އޭރު ބޭނުން ވަނީ އެންމެ ގޯލެކެވެ.

އެއަށްފަހު އިތުރު ދެ ފުރުސަތެއް ޕޯޗުގަލަށް ފަހިވި ނަމަވެސް ރެފްރީ އަނެއްކާވެސް ހިޔާލު ތަފާތުވާ ފަދަ ޕެނެލްޓީއެއް ދީ މެޗުގެ އޮއިވަރު އަނބުރާލިއެވެ. މިފަހަރު ޕޮގްބާގެ ބޯޅައަކަށް އޭރިއާ ތެރެއަށް ވަން އެމްބާޕޭއަށް ނެލްސަން ސެމޭޑޯ ފައުލް ކުރި ކަމަށް ބަލައި ދިން ޕެނެލްޓީގައި ފްރާންސަށް ނަތީޖާ ހަމަހަމަކޮށްދިނީ ކަރިމް ބެންޒެމާއެވެ. ޖަރުމަނުން ހަންގޭރީއާ ދެކޮޅަށް ކުޅެމުން ދިޔަ މެޗުގައި އޭރު ހަންގޭރީން ލީޑު ކުރަމުން ދިޔުމާއެކު ޕޯޗުގަލަށް މާޔޫސްކަން ކުރިމަތިވިއެވެ.

އެ ގޯލާއެކު އުންމީދު އާކުރި ފްރާންސުން ދެވަނަ ހާފަށް ނުކުމެ މެޗުގެ ނަތީޖާ އަނބުރާލާކަށް މާ ގިނައިރެއް ނުނެގިއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ޕޮގްބާގެ ބޯޅައަކަށް ކުރިއަށް އަރައި ބެންޒެމާ ގޯލަށް ބޯޅަ ވައްދާލީ ފަސޭހަކަމާއެކުގައެވެ. ފްރާންސުން ފަހަތުން އަރައި ލީޑު ނެގިއެވެ.

އެހެންނަމަވެސް ފްރާންސްގެ ހިތްހަމަޖެހުން މާ ގިނައިރަކު ދެމިއެއް ނެތެވެ. ފްރާންސް ޑިފެންޑަރު އަތުގައި އޭރިއާ ތެރެއިން ޖެހުމުން ރެފްރީ ޕޯޗުގަލަށް ދިން ޕެނެލްޓީ ކާމިޔާބުކޮށް ރޮނާލްޑޯ ވަނީ އަލީ ދާއީގެ ރެކޯޑާ ހަމަކޮށްފައެވެ. 109 ގޯލް ގައުމީ ޓީމަށް ޖަހައި ރޮނާލްޑޯ ވަނީ ދުނިޔޭގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ ހަމަކޮށްފައެވެ.

އޭގެފަހުންވެސް މެޗުގައި ގިނަ ހަމަލާތަކެއް ފެނުނު ނަމަވެސް މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ.

ޖަރުމަނުގެ އަމިއްލަ ދަނޑުގައި ހަންގޭރީއާ ދެކޮޅަށް ނުކުތީ އުންމީދާއެކުގައެވެ. ވަރުގަދަ ޕޯޗުގަލް 4-2 އިން ބަލިކޮށް ޖަރުމަނުން މިރޭގެ މެޗަށް ނުކުތް ނަމަވެސް އެޓީމަށް "ޓަފް" ޑިފެންސަކާ ކުރިމަތިވާނެކަން ހަންގޭރީން މިހާތަނަށް ކުޅުނު މެޗުތަކުގައި އޮތީ ސާބިތުކޮށްދީފައެވެ. ހާއްސަކޮށް ދުނިޔޭގެ ޗެމްޕިއަނުން ކައިރީ ހަންގޭރީން ނެރުނު 1-1 ގެ ނަތީޖާއަކީ އެކަމުގެ ހެއްކެކެވެ.

ޖަރުމަނުން މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް މަސައްކަތް ކުރީ ފަހަތަށް ގިނަކޮށްގެން ތިބި ހަންގޭރީގެ ޑިފެންސް ފޫއަޅުވައިލުމަށެވެ. ހަންގޭރީން ކައުންޓާގައި ކުރިއަށް ޖެހޭ ޖެހުމަށް ސަމާލުކަންވެސް ދޭން ޖެހުނެވެ. ބޯޅަ ހިފަހައްޓައިގެން ކުޅުނު ޖަރުމަނު ކޮޅަށް ހަންގޭރީން މެޗުގެ 11 ވަނަ މިނެޓުގައި ހަންގޭރީން ގޯލުވެސް ޖެހިއެވެ. އެޑަމް ޒަލާއީ ކައުންޓާގައި ޖެހި ގޯލާއެކު އެލިއާންޒް އެރީނާ ސިހުމަކަށް ގެނުވިއެވެ. ޖަރުމަނުގެ މަސައްކަތް ދެގުނައަށް އިތުރުވިއެވެ.

އޭގެފަހުން ހަންގޭރީން ވަރުގަދައަށް ޑިފެންސް ކުރި އިރު، އެޓީމަށް ޖެހުނީ ހަންގޭރީގެ ވަރުގަދަ ޑިފެންސިވް ފާރު ފޫއަޅުވާލާނެ ގޮތެއް ހޯދާށެވެ. އެކަން ކުރަން ފުރަތަމަ ހާފުގައި ކުރި މަސައްކަތް ޖަރުމަނަށް ކާމިޔާބެއްވެސް ނުވިއެވެ. ޖޯޝުއާ ކިމިކް ފުރަތަމަ ކޮޅުގައި އުފެއްދި ހަމަލާއެއް ގޯލްކީޕަރު މަތަކުރިއިރު ކޯނަރަކަށް އަރައި މެޓްސް ހަމުލްސް ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި އޭގެ ފަހުން ކައި ހަވާޓްސްއަށް ލިބުނު ފުރުސަތު އޭނާ ބޭކާރުކޮށްލިއެވެ.

ދެވަނަ ހާފަށް ނުކުމެ ޖަރުމަނުން ކުރި މަސައްކަތުން އެޓީމު ނަތީޖާ ހަމަހަމަވެސް ކުރިއެވެ. ކައި ހަވާޓްސްގެ ގޯލާއެކު ޖަރުމަނުން ނަތީޖާ ހަމަހަމަކުރި ނަމަވެސް އެޓީމަށް ނޭވާލާންވެސް ވަގުތެއް ނުދީ ހަންގޭރީން އަނެއްކާވެސް ލީޑު ނެގިއެވެ. ކޮއްޓައިގެން އަރައި މަޑުވެސް ކޮށްނުލައި އުފެއްދި ހަމަލާގައި ހަންގޭރީން ލީޑު ނެގީ ޝޭފާއެވެ.

2016 ވަނަ އަހަރު ފްރާންސްގައި އޮތް މުބާރާތުގެ ގަދަ 16 އަށްވެސް ހަންގޭރީ ދިޔައެވެ. އެ ކާމިޔާބީ ތަކުރާރުކުރުމަށް ހުރަސް އެޅުނީ މެޗުގެ 84 ވަނަ މިނެޓުގައި ގޮރެޓްސްކާ ޖަހައިދިން މުހިއްމު ގޯލުންނެވެ.

ޖަރުމަނަށް އެންމެފަހުން ކުޅުނު ބޮޑު ދެ މުބާރާތުންވެސް ގްރޫޕް ސްޓޭޖުން ކަޓައިގެން ދާން ދިޔަ ނަމަވެސް އެޓީމުން ވަނީ ފަހުވަގުތު ނަތީޖާ އަނބުރާލައިފައެވެ. ވޯލްޑް ކަޕް 2018 ގެ ގްރޫޕް ސްޓޭޖުންވެސް ކަޓައިގެން ދިޔަ ޖަރުމަނަށް މިރޭ ވަނީ އުނދަގޫ މޮޅެއް ހޯދައި ގަދަ 16 ޔަގީން ކޮށްފައެވެ.

މިރޭގެ މެޗުތަކުގެ ނަތީޖާއާއެކު ގްރޫޕް އެފްގެ އެއްވަނަ ލިބެނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސަށެވެ. އެޓީމަށް ވަނީ ތިން މެޗުން ފަސް ޕޮއިންޓް ލިބިފައެވެ. ޖަރުމަނަށް ތިން މެޗުން ހަތަރު ޕޮއިންޓާއެކު ދެވަނަ ލިބުނު އިރު، ތިންވަނައިގައި އޮތް ޕޯޗުގަލަށްވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ހަންގޭރީ ކެޓީ ދެ ޕޮއިންޓާއެކުގައެވެ.