ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ބިލް އަނބުރާ ނެގުމަށް ގޮވާލާ ޕެޓިޝަނުގައި ސޮއި ނުކުރީ އަދާލަތު ޕާޓީގެ ވިސްނުން ސާފު ނުވާތީ، އެ ބޭފުޅުންނާއެކު މަސައްކަތް ކުރަން ބޭނުން ނުވާތީ ކަމަށް ސަލަފް ޖަމިއްޔާގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިޚް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ނަފުރަތުގެ ބިލް އަނބުރާ ގެންދިއުމަށް ގޮވާލައި 101 ދީނީ އިލްމުވެރިއަކު ސޮއި ކުރައްވައި ޕެޓިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޕެޓިޝަނުގައި ސަލަފް ޖަމިއްޔާގެ ނައިބު ރައީސް ޝެއިހު ހަސަން މޫސާ ފިކުރީ އާއި އެ ޖަމިއްޔާގެ ބައެއް ބޭފުޅުން ވަނީ ސޮއި ކުރައްވައިފައެވެ.

ނަމަވެސް އެ ޖަމިއްޔާގެ ރައީސް ޝެއިހު އަބްދުﷲ ބިން މުހައްމަދު އިބްރާހިމާއި ޝެއިހު އަހުމަދު ސަމީރު އެ ޕެޓިޝަނުގައި ސޮއި ކުރައްވާފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ސަމީރު މިރޭ "ވަން" އަށް ވިދާޅުވީ އިލްމުވެރިންގެ ގުޅުމުގައި އަދާލަތު ޕާޓީގެ އިލްމުވެރިންވެސް ތިއްބަވާ ކަމަށާއި އެ ޕެޓިޝަންގައިވެސް އެ ޕާޓީގެ ބައެއް ދީނީ އިލްމުވެރިން ސޮއި ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަދާލަތު ޕާޓީގެ ވިސްނުން ހުރީ ބިލް އަނބުރާ ނެގުމަށް ނޫން ކަމަށާއި ވިސްނުން ހުރީ ބިލަށް އިސްލާހު ގެނައުމަށް ކަމަށެވެ. ސަލަފުން ބޭނުން ވަނީ ބިލް ނަގަން ކަމަށާއި ނަމަވެސް އަދާލަތުގެ ވިސްނުން އެހެން ގޮތަކަށް ހުރުމުން، އެފަދަ ބޭފުޅުންނާއެކު ކުރިއަށް ނުދެވޭނެ ކަމަށް ސަމީރު ވިދާޅުވިއެވެ. އެހެންވެ، ޕެޓިޝަނުގައި ސޮއި ނުކުރެއްވީ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އިނގިފަ އޮތީ އަދާލަތުން ބޭނުންވަނީ ބިލް އެއްކޮށް ނަގަން ނޫންކަން. އެމީހުން ބޭނުންވަނީ ބިލް އިސްލާހުކުރަން. އަޅުގަނޑުމެން ބޭނުންވަނީ ބިލް ނަގަން. އެބޭފުޅުން އަޅުގަނޑުމެންނާއެކު ތިއްބަވާފައި ބިލް އިސްލާހުކުރަން ވަޑައިގަތީމަ އެއީ ވަރަށް ބޮޑުށް ގޯހެއް،" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އަދާލަތުގެ ބޭފުޅުން ބިލް އަނބުރާ ނަގަން ޕެޓިޝަނުގައި ސޮއި ކުރުމަށްފަހު، މިހާރު ހިޔާލު ބަދަލު ކުރުމުން ދޭހަވާނީ އޭގައި ސޮއި ކުރެއްވި ހުރިހާ ބޭފުޅުންވެސް ބޭނުންވަނީ އެގޮތް ކަމަށެވެ. އަދި އަދާލަތުން ބިލް ނެގުމުގެ ބަދަލުގައި ބިލަށް އިސްލާހު ގެނައުމަށް ނިންމާފައިވަނީ އިލްމުވެރިންނާ މަޝްވަރާ ނުކޮށް ކަމަށް ޝެއިޚް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މި ޕެޓިޝަން ހުށަހެޅުމަށް ކުރެވުނު މަސައްކަތް ބޭކާރުވެގެންދާ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

"އެބޭފުޅުން ދައްކަވަނީ އިސްލާހު ކުރާ ވާހަކަ، އަޅުގަނޑުމެން ބިލް ނަގަން ބޭނުންވާއިރު، އެ ވިސްނުމާ ސަރުކާރު ތެރެއިން އެހެން ވިސްނުމެއްގައި އުޅޭ ބަޔަކާއެކު ނުދެވޭނެ ދެއްތޯ ކުރިއަކަށް. އެކަން ކުރީ މަޝްވަރާވެސް ނުކޮށް. އެހެންވީމަ އެއްވެސް ޔަގީންކަމެއްނެތް އެބޭފުޅުން ބިލް ނަގަން ޑިމާންޑް ކުރާނެކަމަކަށް،" ސަމީރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ބިލް ނެގުމާ ދެކޮޅަށް ކުރާ މަސައްކަތާ ދެކޮޅު ނޫން ކަމަށާއި ނަމަވެސް ބިލަށް އިސްލާހު ގެނައުމަށް ދެކޮޅު ކަމަށެވެ. އެހެންކަމުން ބިލް ނެގުމާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ.

އެ ޕެޓިޝަންގައި ވަނީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމް ދީނާ ދެކޮޅަށް ހިނގާ ބޮޑެތި މުންކަރާތްތަކާ ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާންމުން ހޭލުންތެރި ކުރުމަށް ދީނީ އިލްމުވެރިންނާއި އެނޫން އާންމު ރައްޔިތުންނަށް ހުރަސް އެޅި، ބަންދުވެގެން ދާނެ ކަމަށެވެ.

އެ ބިލުގައި ހިމެނިފައިވާ އަސާސީ ކަންކަމަކީ އެކަންކަމަށް އިސްލާހުތަކެއް ގެނެސްގެން ވިޔަސް އިސްލާމީ މުޖުތަމައަކަށް އެއްވެސް ހާލެއްގައި އަދި އެއްވެސް މިންވަރަކަށް ކުޑަ ނަމަވެސް މަސްލަހަތެއް އެކުލެވިގެންވާ ކަންކަމެއް ނޫން ކަމަށް ވެސް އެ ޕެޓިޝަނުގައިވެއެވެ. އަދި އޭގެ ސަބަބުން ލިބިގެން ދާނެ ގެއްލުންތަކަކީ ފޫ ނުބެއްދޭ ވަރުގެ ކަންކަން ކަމަށްވެސް އެ ޕެޓިޝަނުގައިވެއެވެ.

ހިޔާލު ތަފާތުވެފައިވާ ބިލް މިހާރު ރައްޔިތުންގެ މަޖިލީހުން ވަނީ ބަލައިގަނެ، ކޮމިޓީ މަރުހަލާގެ މަސައްކަތްތައް ފަށާފައެވެ.

ކޮމެޓީން ބިލް ފާސް ކުރުމުގެ ކުރިން އާންމުންނާއި ތިން މުއައްސަސާގެ ކޮމެންޓެއް ހޯއްދެވުމަށް ވަނީ ނިންމައިފައެވެ. އެއީ އިސްލާމިކް މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހެވެ. އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން އެ ތިން މުއައްސަސާއިން ބިލާ ގުޅޭ ގޮތުން ދެކޭ ގޮތް ކޮމެޓީއަށް ފޮނުވުމަށް ވަނީ އަންގައިފައެވެ.

އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އެ ބިލްގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ. އަދި އެ އިސްލާހު ކޮމިޓީ މަރުހަލާގައި އުނި ކުރުމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.