މަރާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ކުރިއަށްގެންދާ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށްލައި އެއްލާލާފައި އޮއްވައެވެ.

އެ ކުއްޖާގެ މަރާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން މިއަދު ދިން ޕްރެސް ސްޓޭޓްމަންޓުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، އެ ކުއްޖާ މަރާލި މައްސަލަ ހާއްސަ އިސްކަމެއްދީގެން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

"މައްސަލައިގައި މިހާތަނަށް ދެ ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި، މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެެރުންތަކެއް މިހާރުވެސް ވަނީ ހޯދިފައި،" ބަޝީރު ވިދާޅުވިއެވެ.

ތަހުގީގާ ގުޅޭ އިތުރު މައުލޫމާތުތައް ދެއްވަމުން ޗީފް އިސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، އިއްޔެ ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ވަނުން މަނާކޮށްފައިވާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާ ދީފައިވާކަމުގެ މައުލޫމާތު އާންމުންގެ ފަރާތުން ލިބުނު ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ފުލުހުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެ މަރާގުޅޭ ހެކި ގަރީނާ ހޯދުމުގެ މަސައްކަތް ކަމަށެވެ.

ފުލުހުން ވަނީ މި ހާދިސާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ހުރިނަމަ އެކަމެއް ހިއްސާކޮށް ދިނުމަށް އެދިފަ އެވެ.

"ދިވެހި ފުލުހުންގެ ހިދުމަތުގެ އިލްތިމާސްއަކީ މި ހާދިސާއާ ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތަކުން ދިވެހި ފުލުހުންގެ ހިދުމަތުގެ ނަންބަރު 9911099 ނުވަތަ 3000600 ނުވަތަ 1412 އާ ގުޅުއްވައިގެން ހިއްސާކޮށްދެއްވުން،" ރަޝީދު ވިދާޅުވިއެވެ.

މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ.