ކޮވިޑާ ގުޅިގެން މާލޭގައި ކާފިއު ހިންގަމުން ދިޔަ ވަގުތެއްގައި، މަރާލުމަށްފަހު، ފޮއްޓަކަށް ލާފައި އޮތް ކުއްޖަކު ހުޅުމާލޭ ފޭސް 2 ގެ މޫދު ތެރެއިން ފެނުނު ހަބަރުތައް މީޑިއާތަކުން ރިޕޯޓް ކުރަމުން އަންނަ ގޮތާ މެދު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމެޓީން ހިތް ހަމަ ނުޖެހި އެކަންތައް ހުއްޓުވުމަށް މަސައްކަތް ފަށައިފި އެވެ.

އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން މިދިޔަ އާދީއްތަ ދުވަހު އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓުކުރި އެވެ. އެއާއެކު ފުލުހުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެ ކުއްޖާ ވަނީ ރަހީނު ކޮށްފަ އެވެ. ހުޅުމާލޭ ފޭސް 2 ގެ މޫދުން ފޮށިގަނޑަކަށް ލާފައި ވަނިކޮށް އެ ކުއްޖާގެ ފުރާނަ ނެތް ހަށިގަނޑު ފެނުނީ ރޭ 2:38 ހާއިރު އެވެ. އޮތީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ބޭއްވި މަޖިލީހުގެ ޖެންޑާ ކޮމެޓީގެ ބައްދަލުވުމުގައި، ތިން ހުށަހެޅުމެއް ހުށަހެޅި ފާސްވިއިރު އެއް ހުށަހެޅުމަކީ އެ މައްސަލައާ ގުޅޭ ގޮތުން ފުރިހަމަ މައުލޫމާތު ހޯދުމަށެވެ.

މައުލޫމާތު ހޯދުމަށް ނޫސްތައް ބަލާއިރު އެކި ނޫސްތަކުގައި އެކި ގޮތަށް ހަބަރުތައް ގެނެސްދީފައިވާ ކަން ފާހަގަކުރައްވައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ، ހާމަ ކުރަން ނުޖެހޭ ބައެއް މައުލޫމާތުތައް ބައެއް ނޫސްތަކުން އާންމު ކޮށްފައިވާ ކަމަށެވެ.

"އޭގެ ސަބަބުން ބައިވަރު މައްސަލަތައް ނިކުމެގެން މި ދަނީ އަނެއްކާވެސް. އަޅުގަނޑުމެނަށް އެބަހުރި އެކަހަލަ ތަޖުރިބާތައް ވެސް މީގެ ކުރިން ކޮމެޓީގައި ކުރެވިފައި،" ރާއީ ވިދާޅުވި އެވެ.

ދުވަހު ނޫސްތަކުން މައުލޫމާތު ނެގުމުގެ ބަދަލުގައި ދައުލަތުގެ މުއައްސަސާތަކުން ދޭ މައުލޫމާތުގެ އަލީގައި ކޮމެޓީ ކުރިއަށް ގެންދެވުމަށް ރާއީ އެދިވަޑައިގަތެވެ.

އެ މައްސަލައިގައި ކޮމެޓީގެ މެންބަރުންގެ ހިޔާލު އެއްގޮތްކަން ފާހަގަކުރެވިފައިވާއިރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ ވިދާޅުވީ، ވިކްޓިމް އިތުރަށް ވިކްޓިމައިޒްވާނެ ގޮތަށް ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

"ވިކްޓިމްގެ ސަބަބުން ދިމާވި ކަމެއްގެ ގޮތުގައި ސިފަވާ ގޮތަށް ވިޔާނުދާ ގޮތަށް އުޅޭ ކުއްޖެއް ކަމަށް ސިފަކޮށް މިހެން ގޮސް ވަރަށް ގިނަ ނުރަނގަޅު ވާހަކަތަކެއް މަރާލާފައިވާ އެ ކުއްޖާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި އެބަވޭ،" އިމްތިޔާޒް ވިދާޅުވި އެވެ.

އެފަދަ ގޮތްތަކަށް ރިޕޯޓް ކޮށްފައިވާ އާޓިކަލްތަކާއި މެދު ހުރި ކަންބޮޑުވުންތައް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ލިޔުމުން އެންގުމަށް އިމްތިޔާޒް ފަހުމީ އެދިވަޑައިގަތެވެ. އަދި ފިޔަވަޅު އެޅުމާ މެދު ވިސްނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

"މިކަމާ ގުޅިގެން މީގެ ކުރީގައި އެއްފަހަރު އަޅުގަނޑުމެން އަމަލުކޮށްފައި ވާ ގޮތަކީ މިކަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ސަމާލުކަމަށް ގެނެސްފައިވާނެ،" ޖެންޑާ ކޮމެޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވި އެވެ.

އެ މައްސަލައިގައި ކޮމެޓީން ފާސްކޮށްފައިވަނީ، ވިކްޓިމް ބްލޭމް ވާ ގޮތަށް ހުރި ހަބަރުތައް ވީހާވެސް އަވަހަކަށް ހުއްޓުވުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ސަމާލުކަމަށް ގެނައުމަށެވެ.